ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލިހަށް ދެނީ!

ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުންނާ ބެހޭ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ މައްސަލައަކަށް ބިނާކޮށް މަގާމުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފި އެވެ.


އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު، އެމްޑީޕީގެ ޗެއާޕާސަން އަލީ ނިޔާޒެވެ. ކޮމިޓީން ބިލް ދިރާސާ ކުރުމަށް ފަހު، ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައި އިރު، އެންމެ މުހިންމު އެއް ބަދަލަކީ ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުން މަޖިލިހުން ވަކިކުރެވޭ ގޮތަށް އޮތުމެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅިއިރު މަޖިލީހަށް ކައުންސިލަރުން ވަކި ކުރުމުގެ ބާރު ދީފައެއް ނުވެ އެވެ.

ކޮމިޓީން އިސްލާހުކުރި ބިލްގައި ވަނީ އިންތިހާބުކުރާ ކައުންސިލަރެއް، މޭޔަރެއް ނުވަތަ ރައީސެއްގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކޮށް ނުވަތަ އިހުމާލުވާ ނަމަ، ނުވަތަ ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ސުލޫކީ މިންގަނޑާ ހިލާފުވާ ނަމަ، މަޖިލިހުގެ އިރުޝާދާ އެކު، އެފަދަ ކައުންސިލަރުންނާ މެދުގައި ފިޔަވަޅު އެޅުމުގެ ބާރު އެލްޖީއޭ އަށް ލިބިގެންވާ ކަމަށެވެ.

ކައުންސިލަރުންގެ އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ، "އިންކުއަރީ" އެއް ހަދައިގެން އެލްޖީއޭ އިން ހަގީގަތް ހޯދަން ވާނެ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ. އަދި އެއްވެސް ކަމެއް ފާހަގަ ކުރެވުނު ނަމަ، އެކަމެއް ރަނގަޅު ކުރަން އެ މެމްބަރަކަށް އެލްޖީއޭ އިން އަންގަންވާނެ ކަމަށް ބިލްގައިވެ އެވެ. ބިލްގައި އޮތް ގޮތުން، އެލްޖީއޭގެ އެންގުމަށް ތަބާނުވެއްޖެ ނަމަ، އެ އޮތޯރިޓީގެ ރިޕޯޓު މަޖިލިހަށް ފޮނުވަން ޖެހޭނެ އެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުން ދޭ ލަފައެއްގެ މައްޗަށް ބިނާކޮށް، އެ މެމްބަރަކު ތިން މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާ ކުރުމުގެ ބާރު އެލްޖީއޭ އަށް ލިބިގެންވާ ކަމަށް ކޮމިޓީން ގެނައި އިސްލާހުތަކުގެ ތެރޭގައި ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުން ދަނީ. --- ފޮޓޯ: މަޖިލިސް

އެއްވެސް ކައުންސިލް މެމްބަރެއްގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާ ނަމަ، އެ ކައުންސިލަރެއް، މޭޔަރެއް ނުވަތަ ރައީސެއް ވަކިކުރަން މަޖިލިހަށް ފޮނުވަން ޖެހޭނީ އެލްޖީއޭ އިން ކަމަށް ބިލްގައިވެ އެވެ. އަދި އެ މައްސަލައެއް މަޖިލިހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށް ބިލްގައިވެ އެވެ. ބިލްގައިވާ ގޮތުން އެލްޖީއޭގެ ބޯޑުގައި ތިއްބަވާނީ ނުވަ މެމްބަރުންނެވެ.

މަޖިލިހަށް މައްސަލައެއް ހުށަހެޅުމުން ކައުންސިލަރު، މޭޔަރަކު ނުވަތަ ރައީސަކު ވަކިކުރަން މަޖިލިހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ، އެ ބޭފުޅަކު މަގާމުން ވަކިވީ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ބިލްގައި ވަނީ ކައުންސިލްގެ ފަސް އަހަރު ދުވަހުގެ ތެރޭގައި މެމްބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މެމްބަރެއްގެ ބަދަލުގައި ކައުންސިލަށް މެމްބަރަކު އިންތިހާބު ކުރަން ވާނެ ކަމަށެވެ. ކައުންސިލް މެމްބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، އެކަން 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ.

ބިލްގައިވާ ގޮތުން ބައި އިލެކްޝަނުން އިންތިހާބުކޮށްފައިވާ މެމްބަރަށް، މެމްބަރު ކަމުގައި ހުރެވޭނީ ކައުންސިލްގެ ހިނގަމުންދާ ދައުރު ހަމަވަންދެނެވެ.

އެކަމަކު، ކައުންސިލް މެމްބަރުގެ މަގާމު ހުސްވި އިރު، ކައުންސިލް އުމުރުގެ އެއް އަހަރު ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް ބާކީ އޮތް ނަމަ، އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އިންތިހާބުކޮށްގެން ނުވާނެ ކަމަށް ވެސް ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުގައި ބުނެފައިވެ އެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޭން ނިންމައިފަ އެވެ. އަދި ކައުންސިލްތަކަށް މާލީ ބާރުވެރިކަން ވެސް ދިނުމަށް އިސްލާހުގައިވެ އެވެ.

އެގޮތުން ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ހިދުމަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ދިނުން ހިމެނެ އެވެ. އަދި ދައުލަތުގެ ބަޖެޓްގެ ޑޮމެސްޓިކް ބަޖެޓުގެ ފަސް އިންސައްތަ ކައުންސިލްތަކަށް ދިނުމަށް ވެސް އިސްލާހުގައިވެ އެވެ.