ރޭ ދަންވަރު މާލޭގެ ފިހާރައެއް ފަޅާލައި ވައްކަން ކުރަން އުޅުނު ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އުމުރުން 28 އަހަރުގެ އެ މީހާ ހައްޔަރު ކުރީ ބޮޑުފުންގަނޑު މަގުގައި ހުރި ފިހާރައެއް ފަޅާލަން މަސައްކަތް ކުރަނިކޮށް ކަމަށެވެ. އޭނާ އެ ވަންކަން ކުރަން އުޅުނީ ރޭ ދަންވަރު ތިނެއް ޖަހާކަންހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
"މި ވައްކަމުގައި އެ މީހާ އަށް ފިހާރަ އިން އެއްވެސް އެއްޗެއް ވަގަށް ނެގިފައެއް ނުވޭ،" ފުލުހުން ބުންޏެވެ.
އެ ބިދޭސީ މީހާ ވައްކަން ކުރަން އުޅުނީ ކޮން ފިހާރައަކުން ކަމެއް ފުލުހުން ނުބުނެ އެވެ.
ފިހާރަތައް ފަޅާލުމުގައި ބިދޭސީން ބައިވެރިވުމަކީ ރާއްޖޭ ގައި އެހާ އާންމު ކަމެއް ނޫނެވެ.
ވައްކަމާއި ފޭރުންތައް މި ދުވަސްވަރު މާލޭގައި އިތުރެވެ. އަދި ދޭތެރެދޭތެރެއިން ބޮޑުތި ވައްކަންތައް ކުރެ އެވެ.