ފޭރުނީކީ ނޫން، ހެދީ ދޮގު! ފައިސާ ހުރީ ގޭގައި!

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ފައިސާ ނަގައިގެން ނުކުތް ވަގުތު މީހަކު ރަހީނުކޮށް، ފައިސާތައް ފޭރިގަތް ކަމަށް ބުނެ މައްސަލަ ހުށަހެޅި ނަމަވެސް، އެއީ ބަންގްލަދޭޝްގެ މުވައްޒަފު ހެދި ދޮގެއް ކަމަށާއި އޭނާ އެ ފައިސާ ރައްކާކޮށްފައި ހުއްޓާ ހޯދައިފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


މިދިއަ މަހު 26 ގައި، ބަންގްލަދޭޝްގެ 31 އަހަރުގެ ފިރިހެނަކު ދެ ޗެކަކުން ފައިސާ ނަގައިގެން ދަނިކޮށް، ރަހީނުކޮށް ފޭރިގަތް ކަމަށް ބުނެ، ފުލުހުންނަށް މައްސަލަ ރިޕޯޓްކުރި އެވެ. ނަމަވެސް ފޭރުނިއްޔޭ ކިޔައިގެން އެމީހާ ހެދީ ދޮގެއްކަން ކަށަވަރުވުމުން އޭނާ އުޅޭ ތަން ބެލި އިރު، 8،000 ޑޮލަރު (123،360 ރުފިޔާ) ފެނުނެވެ. އެއީ ފޭރިގަތް ކަމަށް ބުނި ފައިސާ އިން ގަނެފައިވާ ޑޮލަރު ކަމަށް އޭނާ ވަނީ ފުލުހުން ކައިރީ އެއްބަސްވެފަ އެވެ.

"އެ ޑޮލަރުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން، އޭނާގެ އަތުން ފޭރުނީ ނޫން ކަމަށާއި އެ ފައިސާ ނަގައިގެން ގެންގޮސް ފޮރުވައި، ފައިސާ ޑޮލަރަށް މާރު ކުރި ކަމަށް އަދި ބާކީ ފައިސާ ބޭނުންކުރި ކަމަށް ބުނެ އިއުތިރާފް ވެފައިވޭ،" ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 127،000ރ. އެވެ.

"މި މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް،" އިޒްމިއާ ވިދާޅުވި އެވެ.

ފުލުހުންނަށް ނުބައި މައުލޫމާތުތަކެއް ދޭކަން އެނގުމުން، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މިދިއަ މަހު 30 ގަ އެވެ.

މި ފޭރުމާ ގުޅިގެން ބައެއް މީޑިއާތަކުގައި އެ ކުންފުނީގެ މީހަކާ ހަވާލާދީ، އޭރު ބުނެފައި ވަނީ، އެ މީހާ ގަދަކަމުން ކާރަކަށް އަރުވައިގެން ހުޅުމާލެ ގެންގޮސް ގެއަކަށް ވައްދައި ފޭރުނީ ކަމަށެވެ.