ފޭރުނު މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި

ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި ފުލުހަކާއި ބިދޭސީއަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ، ބަންގްލަދޭޝްގެ މީހެއްގެ އަތުން ފައިސާ އާއި ވޯކް ޕާމިޓް ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި އުމުރުން 26 އަހަރުގެ ފުލުސް ފިރިހެން މީހާ އަކީ ލާންސް ކޯޕްރަލް އެކެވެ. އެ ފުލުސް މީހާގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް އިން ބަލަމުން އަންނައިރު، އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ވެސް ހިންގަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އޭނާ މިހާރު ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.

އެ މައްސަލައިގައި ދެން ހައްޔަރު ކުރީ އުމުރުން 28 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އޭނާ އަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުން ދާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އަންނަނީ ފޭރުމުގެ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.