ހާޒިރީގެ އެންމެ ފުލަށް މި ފަހަރު ވެސް ސިޔާމް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގައި އެންމެ މަދުން ޖަލްސާތަކަށް ހާޒިރުވި ބޭފުޅަކަށް އަނެއްކާ ވެސް މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވެއްޖެ އެވެ.


މަޖިލިހުން މިއަދު އާންމު ކުރި 19 ވަނަ މަޖިލިހުގެ ތިން ވަނަ ދައުރުގެ ހާޒިރީގައިވާ ގޮތުން، މި އަހަރުގެ ދައުރުގައި ބޭއްވި 33 ޖަލްސާގެ ތެރެއިން ސިޔާމް ވަޑައިގެންނެވީ އެންމެ ނުވަ ޖަލްސާ އަށެވެ.

މި އަހަރުގެ މަޖިލިހުގެ ދެ ވަނަ ދައުރުގައި ވެސް ހާޒިރީގެ ފުލަށް ދިޔައީ ސިޔާމެވެ. އެ ދައުރުގައި ބޭއްވި 47 ޖަލްސާގެ ތެރެއިން ސިޔާމް ވަޑައިގަތީ އެންމެ 16 ޖަލްސާއަކަށެވެ.

ސިޔާމަކީ މީގެ ކުރިން ބޭއްވި މަޖިލިހުގެ އެކި ދައުރުތަކުގައި ވެސް އެންމެ މަދުން ޖަލްސާ އަށް ވަޑައިގަންނަވާ އެއް މެމްބަރެވެ. ހާޒިރީގެ ލިސްޓު ގައި އޭނާ މުޅިން ވެސް އުޅުއްވަނީ އެންމެ ފުލުގަ އެވެ.

މި އަހަރުގެ ތިންވަނަ ދައުރުގެ ހާޒިރީގައިވާ ގޮތުން، އެންމެ ގިނަ ސަލާމް ބުނުއްވީ ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝާހިދެވެ. އޭނާ ވަނީ 11 ދުވަހު ސަލާމް ފޮނުއްވައިފަ އެވެ. ޝާހިދު ސަލާމް ވިދާޅުވީ ވަރަށް ބޮޑަށް ބަލިވެ އުޅުއްވާތީ އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ސަލާމް ވިދާޅުވީ ނުވަ ދުވަހު އެވެ. ޔާސިރު ސަލާމުގައި ހުންނެވީ ސިނަމާލެ ބްރިޖު މަތިން ދުއްވާފައި ވަޑައިގަންނަވަނިކޮށް، އޭނާގެ ސައިކަލު ކަހާލައިގެން ހިނގި އެކްސިޑެންޓާ ގުޅިގެން ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލުގައި އެޑްމިޓުކުރި ދުވަސްތަކަށެވެ.

މަނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހާރޫން ހަތް ޖަލްސާއަށް ވަޑައިނުގެން ސަލާމް ފޮނުއްވި އެވެ.

ރިޕޯޓުގައި ވާ ގޮތުން ފަހު ދައުރުގައި ރަސްމީ ދަތުރުތަކުގައި އެންމެ ގިނައިން އުޅުއްވީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިނާއި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.

ދެވަނަ ދައުރާ އަޅާ ބަލާ އިރު، ފަހު ދައުރުގައި މަދު ޖަލްސާތަކެއް ބޭއްވި ނަމަވެސް މެމްބަރުންގެ ހާޒިރީ ކުރިއަށް ވުރެ ރަނގަޅެވެ. މަޖިލިހުގެ ހާޒިރީ ރަނގަޅުވީ ގަވައިދަށް ގެނައި ބަދަލުން ކަމަށް ބެލެވެ އެވެ.

ގަވައިދަށް ގެނައި އެންމެ ބޮޑު އެއް އިސްލާހަކީ މަޖިލިހުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން މަހެއްގެ މައްޗަށް ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވެއްޖެ ނަމަ މެންބަރުންގެ މުސާރަ އިން 50 ޕަސަންޓު އުނިވުމެވެ. އެކަށީގެންވާ އުޒުރެއްގެ ގޮތުގައި ބަލާނީ ބަލިވެގެން ބުނާ ސަލާމާއި ޗުއްޓީ ކަމަށް ގަވައިދަށް އަލަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.