މެމްބަރުން ޗުއްޓީ އަށް؛ ނަޝީދު ވިދާޅުވީ މުސާރަ ހަލާލް ކަމަށް ލަފާކުރެއްވޭ ކަމަށް!

ރައްޔިތުންގެ މަޖިލިހުގެ މިދިޔަ ދައުރަށް ވުރެ، ފަހު ދައުރުގައި ގިނަ މަސައްކަތްތަކެއް ނިންމިފައިވާ ކަމަށް ވިދާޅުވެ، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މެމްބަރުންނަށް ހިތްވަރު ދެއްވައިފި އެވެ.


މަޖިލިހުގެ ތިން ވަނަ ދައުރުގައި ބޭއްވި 33 ޖަލްސާ އަށް ފަހު، މެމްބަރުން މިއަދު ވަނީ ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންފަ އެވެ. މަޖިލިހުގައި މެމްބަރުން ކުރެއްވި މަސައްކަތަށް ތައުރީފް ކުރައްވައި ނަޝީދު ވިދާޅުވީ މެމްބަރުންގެ މުސާރަ "ހަލާލް" ކަމަށް "ލަފާކުރެއްވޭ" ކަމަށެވެ.

ނަޝީދު ވިދާޅުވީ ފަހު ދައުރުގައި ކުރި ބައެއް ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި މަސްވެރިންގެ ގާނޫނަށް ގެންނަން ފާސް ކުރި އިސްލާހުތަކާއި ލާމަރުކަޒީ ގާނޫނަށް ގެންނަން ނިންމި އިސްލާހުތަކާއި އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމާއި އާމްދަނީން ޓެކްސް ނެގުމުގެ ބިލް ނިންމުން ހިމެނޭ ކަމަށެވެ.

"މި ކުޑަ ދައުރުގައި މެމްބަރުން ކުރައްވާފައިވާ މަސައްކަތް މާ ގިނަ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލިހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު، ކުރީގެ ދައުރުން ލިބުނީ 16 ބިލެވެ. ފަހު ދައުރުގައި 23 ބިލެއް މަޖިލިހަށް ހުށަހެޅި އެވެ. މަޖިލިހަށް ހުށަހެޅި ބިލްތަކުގެ ތެރެއިން 11 ބިލް ނިމުނު އިރު، ނުނިމި 28 ބިލެއް އޮތް ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ގަރާރުތަކަށް ބަލާއިރު، ކުރީގެ ދައުރުން ލިބިފައި ވަނީ 12 ގަރާރެވެ. މަޖިލިހަށް ފަސް ގަރާރެއް ހުށަހެޅި އިރު، ނުނިމި 15 ގަރާރެެއް އެބައޮތެވެ. ސަރުކާރުން ފޮނުވި މައްސަލަތަކުގެ ތެރެއިން ކުރީގެ ދައުރުން ދެ މައްސަލައެއް ލިބުނު އިރު، މި ދައުރުގައި ހުށަހަޅާފައި ވަނީ 16 މައްސަލައެކެވެ. އަދި އެންމެ މައްސަލައެއް ފިޔަވައި ހުރިހާ މައްސަލަތަކެއް މަޖިލިހުން ވަނީ ނިންމައިފަ އެވެ.

ރިޔާސަތުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ކުރީ ދައުރުން ހަ މައްސަލަ އައި އިރު، މި ދައުރުގައި ހުށަހެޅީ 17 މައްސަލަ އެވެ. އަދި ނުނިމި ހަ މައްސަލައެއް އެބައޮތެވެ. ނަޝީދު ވަނީ ޗުއްޓީ ދުވަސްވަރު، ކޮމިޓީތައް ބާއްވައިގެން މި މައްސަލަތައް ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. މިނިސްޓަރުންނާ ސުވާލު ކުރުމުގެ 24 މައްސަލައެއް ކުރިއަށް ގެންދިޔަ އިރު، ނުނިމި 12 މައްސަލައެއް އެބައޮތެވެ.

އެހެންވެ، މެމްބަރުން ޗުއްޓީ އަށް ވަޑައިގަތީ 53 ޕަސަންޓު މަސައްކަތް ނިންމަވައިފަ އެވެ.

ނަޝީދު ވިދާޅުވީ 33 ޖަލްސާގައި 128 ގަޑިއިރާއި 37 މިނިޓު ހޭދަކޮށްފައިވާ ކަމަށެވެ. އަދި މެމްބަރުން 92 ޕަސަންޓަށް ޖަލްސާތަކަށް ވަޑައިގެންނެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި 395 ކޮމިޓީ ބައްދަލުވުމެއް ބޭއްވި އިރު، 441 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި މުސާރަ ހަލާލު،" ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އާންމުންގެ ފަރާތުން ކަނޑައަޅާ މީހަކު އައްޔަން ކުރަން މަޖިލީހުގައި މިއަދު ވޯޓު ނެގި ނަމަވެސް އެއްވެސް މީހަކަށް ރުހުން ދޭން މެމްބަރުންނަށް ފެނިވަޑައެއް ނުގަތެވެ. ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށް ފަހު މަޖިލިހުގެ ތަޅުމަށް ފޮނުވި ނަންތަކުގެ ތެރެއިން ވ. ރޯޝަން، ހުސައިން އަމްރު އާއި ދަފްތަރު ނަންބަރު: 5295، އަހްމަދު ސާވީ އަށް ވެސް ރުހުން ދޭން ނުފެންނަ ކަމަށް މެމްބަރުން ވަނީ ނިންމަވައިފަ އެވެ.