ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ، އެ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލީ، އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު ޒައިނާ ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިދިޔަ އޮކްޓޯބަރު މަހު ފާސްކުރުމުންނެވެ.
އެ މަގާމަށް ކުރިމަތިލާން މީގެ ކުރިން ރައީސް އޮފީހުން ހުޅުވާލުމުން ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެކަމަކު، އެއްވެސް ނަމެއް ތަޅުމަށް ނުފޮނުވައި ކޮމިޓީން ނިންމީ އެ މަގާމަށް މެމްބަރަކު އައްޔަން ކުރުމަށް އަލުން ފުރުސަތު ހުޅުވާލަން ފެންނަ ކަމަށެވެ.
މީގެ ކުރިން ބްރޯޑްކޮމް އިން ހުސްވި މަގާމަށް ތިން ބޭފުޅަކު ވަނީ ހަމަޖައްސަވައިފަ އެވެ. އެއީ ކޮމިޝަންގެ ރައީސަކަށް މިހާރު ހުންނެވި މަރިޔަމް ވަހީދާ އާއި ނައިބު ރައީސަކަށް ހުންނެވި އަހުމަދު ގައިސްގެ އިތުރުން ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފެވެ.
ބްރޯޑްކޮމްގައި މިހާރު ހިމެނިވަޑައިގަންނަވަނީ އަލަށް އައްޔަންކުރެއްވި ތިން ބޭފުޅުންގެ އިތުރުން ޒީނާ ޒާހިރު، އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ.