މޮރޮކޯއިން ހަދިޔާކުރި ކާޕެޓް ޝާހިދު ގެއަކަށް ނުގެންދަވާ: ފޮރިން މިނިސްޓްރީ

މޮރޮކޯއިން ހަދިޔާ ކުރި ކާޕެޓެއް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެއަށް ގެންދެވި ކަމަށް ދެއްކެވޭ ވާހަކަ ފޮރިން މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.


ރަސްމީ ދަތުރެއްގައި ޝާހިދު މޮރޮކޯއަށް ވަޑައިގަތުމުން އެ ގައުމުން ހަދިޔާ ކުރި އަގު ބޮޑު ކާޕެޓެއް ޝާހިދު ގެއަށް ގެންދެވި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ އެ ކާޕެޓް ރާއްޖެ ގެނައި ގޮތަށް އަދިވެސް އޮތީ އެ މިނިސްޓްރީގައި ބާއްވާފައި ކަމަށާއި އެކަމުގައި އަމަލު ކޮށްފައި އޮތީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

މާލިއްޔަތު ގަވާއިދު އޮންނަ ގޮތުން ހަދިޔާގެ ގޮތުގައި ލިބޭ އެފަދަ ތަކެތި ދައުލަތާ ހަވާލު ކުރަން ޖެހޭނެ އެވެ.