އަންނަ އަހަރު ވެސް ބައެއް ރީތި ތާރީހުތަކުގައި ކައިވެނިކޮށެއް ނުދޭނެ

އަންނަ އަހަރު ވެސް އެއްވެސް ހޮނިހިރު ދުވަހެއްގައި ކައިވެނިކޮށް ނުދޭން ފެމިލީ ކޯޓުން ނިންމައިފި އެވެ. އެހެންވެ އަންނަ އަހަރުގެ ބައެއް ރީތި ތާރީހުތަކުގައި ކައިވެންޏެއް ނުކުރެވޭނެ އެވެ.


އަންނަ އަހަރުގެ ކައިވެނިކޮށް ނުދޭނެ ދުވަސްތައް ފެމިލީ ކޯޓުން މިއަދު އިއުލާން ކުރިއިރު، އެ އިއުލާނުގައިވާ ގޮތުން އެހެން އަހަރުތަކެކޭ އެއްގޮތަށް އަންނަ އަހަރު ވެސް، ހުރިހާ ހޮނިހިރު ދުވަސްތަކަކީ ކައިވެނިކޮށް ނުދޭނެ ދުވަސްތަކެކެވެ. އަދި ރޯދަ މަހުގެ ފުރަތަމަ ދުވަހާ ގުޅިގެން އޭޕްރީލް މަހުގެ 23 ވަނަ ދުވަހާއި 24 ވަނަ ދުވަހު ވެސް ކައިވެނިކޮށް ނުދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

މީގެ އިތުރުން ފިތުރު އީދާ ގުޅިގެން މެއި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހާ ހަމައަށާއި މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި މަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހަކީ ވެސް ކައިވެނިކޮށް ނުދޭނެ ދުވަސްތައް ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އަޟްހާ އީދާ ގުޅިގެން އޮގަސްޓް މަހުގެ ދެވަނަ ދުވަހާއި ތިން ވަނަ ދުވަހު ވެސް ކައިވެނިކޮށް ނުދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އަންނަ އަހަރު ކޯޓާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ގަޑިތައް ވެސް ފެމިލީ ކޯޓުން ވަނީ އިއުލާންކޮށްފަ އެވެ. ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ހަވީރު 4 އިން ފެށިގެން ރޭގަނޑު 10 އާ ހަމައަށެވެ.

ހޮނިހިރު ދުވަސްތަކުގައި އާންމު އުސޫލުން ކައިވެނިކޮށް ނުދޭން ނިންމިއިރު، ކައިވެނި ކުރުމުގައި ގިނަ ބަޔަކު ބަލަމުން އަންނަ އަންނަ އަހަރުގެ ބައެއް ރީތި ތާރީޚުތައް ހޮނިހިރާ ދިމާވެ އެވެ. އެގޮތުން އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަސް (4/4/2020) އާއި ޖޫން މަހުގެ ހަ ވަނަ ދުވަސް (6/6/2020) އާއި އޮގަސްޓް މަހުގެ އަށް ވަނަ ދުވަސް (8/8/2020) އާއި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަސް (10/10/2020) އާއި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަސް (12/12/2020) ވެސް ދިމާވަނީ ހޮނިހިރު ދުވަހަކާ އެވެ.

އެ އިއުލާނުގައިވާ ގޮތުން ކައިވެނި ކުރުމުގެ ކަންކަން މުޅިން ކޯޓުން ހަމަނުޖެހެނީސް، ވަކި ދުވަހަކަށް ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ކުރާ ޚަރަދުތަކަށް ކޯޓުން ޒިންމާއެއް ނުވާނެ އެވެ.