ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ގިނަ ބަޔަކު ޕްލާންޓް-ބޭސްޑް ޑައިޓް ނުވަތަ މުޅިން ވެސް ތަރުކާރީ އާއި މޭވާގެ ބާވަތްތަކަށް ބަރޯސާވާ ޑައިޓްތައް ފޮލޯކުރަމުން ދިއުމަކީ އާންމު ކަމެކެވެ. އެހެން ގޮތަކަށް ސިފަކުރާ ނަމަ އެފަދަ ކާނާތައް ބޭނުންކުރާ މީހުންނަކީ ވެޖެޓޭރިއަނުންނެވެ.
ނަމަވެސް އާ ދިރާސާއެއްގައި މި ވަނީ އެފަދަ މީހުން ސަމާލުވާން ޖެހޭ ހާއްސަ ކަމެއް ފާހަގަކޮށްފަ އެވެ. އަދި މިކަން ވީގަން ސޮސައިޓީން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެއީ މުޅިން ވީގަން ކާނާތަކަށް ބަރޯސާވާ ނަމަ ހަށިގަނޑަށް ލިބެންވާ މުހިއްމު ވިޓަމިނެއް ކަމަށްވާ ބީ12 އަށް ފަރުވާތެރިވާމް ޖެހޭ ވާހަކަ އެވެ.
މިކަން މި ދަނޑިވަޅުގައި ސަމާލުކަމަށް ގެނެސްފައި ވަނީ އާ އަހަރަކާ ކުރިމަތިލާ އިރު، ރިޒޮލިއުޝަނެއްގެ ގޮތުގައި ގިނަ ބައެއް ވެޖެޓޭރިއަނިޒަމަށް ހުސްވާނެތީ އެވެ.
ވީޖަން ސޮސައިޓީން ބުނިގޮތުގައި ޕްލާސްޓް-ބޭސްޑް ޑައިޓަކީ ފައިބަރުން މުއްސަނދި، ކޮލެސްޓްރޯލުން ދަށް ކާނާތަކެއް ނަމަވެސް އެފަދަ ބާވަތްތަކުން ބީ12 ނުލިބުމަކީ ވަރަށް ސަމާލުވުން މުހިއްމު ކަމެކެވެ. އެހެންވެ މިކަމަށް އޮތް ހައްލަކީ އެ ވިޓަމިން އެކުލެވޭ ސަޕްލިމެންޓް ނުވަތަ ހަށިގަނޑަށް ބޭނުންވާ ހުރިހާ ވިޓަމިނެއް ލިއްބައިދޭކަން ކަށަވަރުވާ ފޯޓިފައިޑް ކެއުންތަކަށް (ސީރިއަލް ކަހަލަ އެއްޗެހި) ވެސް ސަމާލުކަން ދިނުމެވެ.
ބީ12 އަކީ މައިގަނޑު ގޮތެއްގައި އެކި ބާވަތްތަކުގެ މަހާއި ބިހާއި ޑެއިރީ (ކިރު، ޗީޒް) ގެ ބާވަތްތަކުން ހަށިގަނޑަށް ލިއްބައިދޭ މާއްދާއެކެވެ. އެއީ ތަރުކާރީ އާއި މޭވާގައި އެކުލެވޭ މާއްދާއެއް ނޫނެވެ. އެހެންވެ ބީ12 އިން ނުލިބި ހަށިގަނޑަށް ލިބިދާނެ ގެއްލުންތަކުން ސަމާލުވާން ޖެހެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް އިންސާނާގެ ހަށިގަނޑަށް މަދުވެގެން 1.5 މައިކްރޮގްރާމްގެ ބީ12 ބޭނުންވާނެ އެވެ.
އެ މާއްދާ ނުލިބޭ ނަމަ ހަށިގަނޑުގެ ނާރުތައް ހަލާކުވާން މަގުފަހިވެ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވާނެ އެވެ. މި މައްސަލަ ކުރިމަތިވެ އޭގެ އަލާމަތްތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ގާތްގަނޑަކަށް ތިންހަތަރު އަހަރު ވަރު ނަގާނެ އެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ކެންސަ އެޕިޑޮމޮލޮޖީ ޔުނިޓްގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ޕްރޮފެސަރު ޓިމް ކީ ވިދާޅުވި ގޮތުގައި މަހުގެ ބާވަތްތަކާއި ބިހާއި ކިރު ގަދަ ތަކެތި ބޭނުންކޮށްނުކޮށް ވެސް ބީ12 ޑެފިޝެންސީން ރައްކާތެރި ވެވިދާނެ ކަމަށެވެ. އަދި ޕްލާންޓް-ބޭސްޑް ޑައިޓާއި ބީ12 ގުޅުވައިގެން ވާހަކަ ދައްކަނީ ކަން އޮތް ގޮތަށް ވުރެ ބޮޑުކޮށްލައިގެން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ބައެއް ސައިންސްވެރިން ވެސް މިކަމަށް ތާއީދުކުރެ އެވެ.
"ސަޕްލިމެންޓަކީ ހައްލަކަށް ވެދާނެ. އެހެންވީމާ ވީގަން ކާނާތަކަށް ބަރޯސާވުމަކީ އެއްވެސް މައްސަލައެއް ނޫން،" އެ ޑައިޓް ފޮލޯކުރާތާ ގިނަ އަހަރުތަކެއްވެފައިވާ ޓިމް ވިދާޅުވި އެވެ.
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ވެޖެޓޭރިއަނުންނަކީ އެ ނޫން މީހުންނާ އަޅާބަލާ އިރު، އާދަޔާހިލާފަށް ފަލަވުމާއި ހިތުގެ މައްސަލަތަކާއި ޓައިޕް2 ޑައިބިޓީޒް ފަދަ ސިއްހީ މައްސަލަތައް ވެސް މަދު ބައެކެވެ.