ބުކިން ކެންސަލްވި ޓޫރިސްޓުންނަށް ތަނެއް ހޯދަން އެހީވީ ފުލުހުން

ރާއްޖެ އައި ޓޫރިސްޓުންތަކެއްގެ ހޮޓެލް ބުކިން ކެންސަލްވުމުން ފުލުހުންގެ އެހީތެރިކަމާ އެކު، އެ މީހުންނަށް ރިސޯޓެއްގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދީފި އެވެ.


ފުލުހުން ބުނިގޮތުގައި މިއަދު ރާއްޖެ އައި ހަންގޭރީއަށް ނިސްބަތްވާ އާއިލާއެއްގެ ހޮޓެލް ބުކިން ކެންސަލްވީ ބުކިން ހެދުމަށް އެ މީހުން ފައިސާ ދެއްކި އޭޖެންޓްގެ ފަރާތުން ހޮޓަލަށް ފައިސާ ނުދައްކައި، އޮތުމުންނެވެ. ބުކިން ހެދުމަށް ދައްކަންޖެހޭ ފައިސާ މިދިޔަ ޖެނުއަރީ މަހު އޭޖެންޓަށް ދައްކައި، ބުކިން ހެދުނު ކަމުގެ ޔަގީންކަން އީމެއިލް މެދުވެރިކޮށް ލިބިފައި އޮތަސް އެ ފައިސާ އޭޖެންޓްގެ ފަރާތުން ހޮޓަލަށް ނުދައްކާ އޮތްކަން އެ މީހުންނަށް އެނގުނީ ޗުއްޓީއަށް ރާއްޖެ އައުމުން ކަމަށް ފުލުހުން ބުންޏެވެ.

އެކަން ޓޫރިސްޓް ޕޮލިސްގެ ސަމާލު ކަމަށް ގެނައުމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާ އެކު، މާލެ އަތޮޅު ރިސޯޓަކުން އެ ފަތުރުވެރިންނަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ހޮޓަލަށް ފައިސާ ނުދައްކާ އޮތް މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ރާއްޖޭގެ ނަން ހުތުރުވާ ގޮތަށް އެފަދަ އަމަލުތައް ނުކުރަން ވެސް ފުލުހުން އެދެ އެވެ.