ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާފައިވާ ރަންވޭއާ ޖެހިގެން އިރަށް އޮންނަ އާ އޭޕްރަން، ވަގުތީ ގޮތުން ޖެޓްތައް ޕާކްކުރަން ރޭ ހުޅުވާލައިފި އެވެ.
ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސާ ޖެޓްތައް މި ދުވަސްވަރު ވަނީ ގިނަވެފަ އެވެ. އޭގެ ސަބަބުން ހުޅަނގު ފަރާތު އޭޕްރަންތައް ފުރުމުން، އިރުމަތީ ފަރާތު އޭޕްރަން،، ވަގުތީ ގޮތުން ހުޅުވާލީ، ތޮއްޖެހުމުން ދުރުވަން ކަމަށް، އެމްއޭސީއެލުން ބުންޏެވެ.
ވީއައިއޭގައި ހަދާފައިވާ އެންމެ ޒަމާނީ ރަންވޭ ބޭނުންކުރާކަށް އަދި ނުފަށަ އެވެ. އެހެންކަމުން އެ ރަންވޭއާ ޖެހިގެން އޮންނަ 50،000 އަކަމީޓަރުގެ އޭޕްރަން ވެސް ރެޔާ ހަމައަށް އޮތީ ހުސްކޮށް ބާއްވައިފަ އެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި އާ ރަންވޭ ބޭނުންކުރަން ފެށޭނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ. އެއީ އެ ރަންވޭއާ ޖެހިގެން މިހާރު ހުރި ޓީއެމްއޭގެ ޓާމިނަލް އެތަނުން ނަގާ، ރަންވޭއަށް ބޭނުންވާ ހުސް ޖާގަ ހެދުމަށް ފަހު އެވެ.
ޓީއެމްއޭގެ ޓާމިނަލް ނެގެން އޮތީ، އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ހޭދަކޮށްގެން މިހާރު ހަދަމުން އަންނަ ހަތަރު ބުރީގެ އާ ސީ ޕްލޭން ޓާމިނަލް ހުޅުވުމުންނެވެ. އެމްއޭސީއެލުން ބުނާ ގޮތުގައި އާ ޓާމިނަލް ބޭނުންކުރަން ފަށާނީ އަންނަ އަހަރުގެ މޭ މަހު އެވެ.
އަމިއްލަ ޖެޓްތަކުގައި ރާއްޖެ އަންނަނީ ދުނިޔޭގެ ފެންވަރުގެ މުއްސަނދިންނެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިންނާއިި އެކި ކުޅިވަރުގެ ތަރިންނާއި ފިލްމީ ތަރިން ވެސް ހިމެނެ އެވެ.