ނަމްބަރު ޕްލޭޓް އޮޓަމެޓިކުން ދެނެގަނެވޭ ފަދަ ކެމެރާތައް ބްރިޖްގައި ހަރުކުރަނީ

ބްރިޖުން ދަތުރުކުރާ އުޅަނދުތަކުގެ ސްޕީޑާއި އުޅަނދުތަކުގެ ނަމްބަރު ޕްލޭޓް އޮޓަމެޓިކުން ދެނެގަނެވޭ ފަދަ ކެމެރާ ހަރުކުރުމަށް ތައްޔާރު ވަމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.


މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖާއި ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ހަދާފައިވާ ހައިވޭގައި ފުލުހުން ވަނީ ކެމެރާތައް ހަރުކޮށްފަ އެވެ.

ހަމީދު ކުރެއްވި ޓްވީޓެއްގައިވަނީ ކެމެރާތައް މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށާއި އަދި ކުރިއަށް އުޅަނދުތައް ދަތުރުކުރާ ސްޕީޑާއި އޮޓަމެޓިކުން އުޅަނދުތަކުގެ ނަމްބަރު ޕްލޭޓް ދެނެގަނެވޭ ފަދަ ކެމެރާތައް ހަރު ކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެކަމަށް މަސައްކަތްކުރާ ޓީމަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

ހަމީދުގެ ޓްވީޓް

ބްރިޖާއި ހައިވޭގައި ކެމެރާތައް ހަރު ކުރިއިރު، މީގެކުރިން ނުރައްކާތެރި އެތައް އެކްސިޑެންޓެއް ބްރިޖާއި ހައިވޭގައި ހިނގާފައިވެ އެވެ. އެކްސިޑެންޓްތަކުގައި ލިބޭ އަނިޔާތައް ކުޑަ ކުރަން ހެލްމެޓް އެޅުން ވެސް އޮތީ މަޖުބޫރުކޮށްފަ އެވެ.