ފަސް އަހަރުގެ ތެރޭގައި ވައްކަން އެންމެ ގިނަވީ މި އަހަރު

މިދިޔަ ފަސް އަހަރުގެ ތަފާސްހިސާބަށް ބަލާއިރު ވައްކަމުގެ އަމަލު އެންމެ ގިނައީ މި އަހަރު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުން އާންމުކުރި މި އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވައްކަމުގެ 4،500 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިއިރު މިއީ މިދިޔަ އަހަރުގެ އެފަދަ މައްސަލަތަކަށް ވުރެ 1،200 މައްސަލަ އިތުރު އަދަދެކެވެ. އެންމެ ފަހުން ވައްކަމުގެ މައްސަލަތައް އެންމެ ބޮޑަށް އިތުރުވި 2015 ވަނަ އަހަރު ވެސް ހުށަހެޅީ 4،000 މައްސަލަ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ވައްކަމުގެ މައްސަލަތައް ފިޔަވައި ދެން އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުތަކެވެ. އޭގެ 2،300 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިއިރު، މިއީ ވެސް މިދިޔަ އަހަރަށް ވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ހުށަހެޅީ ޓްރެފިކާ ގުޅޭ 2،000 މައްސަލަ އެވެ.

ތިން ވަނައަށް އެންމެ ގިނައިން ހުށަހެޅީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެކަމަކު، މަސްތުވާތަކެއްޗާ ގުޅޭ ގޮތުން މިދިޔަ އަހަރަށް ވުރެ މި އަހަރު ހުށަހެޅި މައްސަލަތައް މަދު ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެފަދަ 2،200 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ހުށަހެޅިއިރު، މި އަހަރުގެ އަދަދަކީ 2،100 އެވެ. އަދި މާރާމާރީ އާއި ފޭރުމުގެ މައްސަލަތައް ވެސް މިދިޔަ އަހަރަށް ވުރެ މަދު ކަމަށް ހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތަކާއި ޚިޔާނާތުގެ މައްސަލަތައް ހުށަހެޅި އަދަދު ވެސް މިދިޔަ އަހަރަށް ވުރެ މި އަހަރު މަދެވެ.