ލަންކާގެ ފުލުހަށް ގެންދިޔަ 12 ދިވެހިންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފި

ސްރީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔަ 12 ދިވެހިންގެ ތެރެއިން ހައްޔަރުކުރީ، ވިސާ އާއި ޕާސްޕޯޓުގެ މުއްދަތު ހަމަވިތާ ގިނަ ދުވަސްތަކެއް ވީ އިރު ވެސް އެ ގައުމުން ބޭރު ނުވެ ހުރި މީހެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މިއުވާން މިއުވާން މުހައްމަދު ވިދާޅުވީ، އެ މީހާގެ ވިސާގެ މުއްދަތު ހަމަވިތާ ނުވަ މަސް ވެފައިވާ ކަމަށެވެ. އަދި ޕާސްޕޯޓުގެ މުއްދަތު ހަމަވިތާ ވެސް އަށް މަސް ދުވަސް ވެފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

އެ ފިރިހެން މީހާގެ މައްސަލަ ލަންކާގެ ފުލުހުން މިހާރު ވަނީ ކޯޓަށް ފޮނުވާފައި ކަމަށް މިއުވާން ވިދާޅުވި އެވެ.

ލަަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެެރެއިން، ވިސާ ނެތި ލަންކާގައި އުޅޭތާ ދެވަނަަ އަށް އެންމެ ގިނަ ދުވަސްވީ އަންހެނެކެވެ. އޭނާގެ ވިސާ ހަަމަވިތާ ވީ ހަ މަހެވެ. އެމަކު އޭނާ ޖޫރިމަނާއެއް ދައްކަން އަންގައި، ކަފާލާތުގެ ދަށުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށް އިއްޔެއާއި ރޭ ގެންދިޔަ އެހެން އެހެން އެންމެން ކުރިން ވަނީ ދޫކޮށްލައިފަ އެވެ. އެގޮތުން، އެންމެ ފުރަތަމަ ދޫކޮށްލީ ލިޔެކިޔުންތައް ނެތުމުން ގެންދިޔަ އަންހެން މީހާ އާއި އޭނާގެ ތިން ކުދިންނެވެ.

ލަންކާގައި މިދިޔަ އަހަރު ދިން ޓެރަރިސްޓް ހަަމަލާތަކަށް ފަހު އެ ގައުމުގެ ސަލާމަތީ ކަންތައްތައް ވަނީ ކުރިއަށް ވުރެ ވަރުގަދަކޮށްފަ އެވެ. އެގޮތުން، އެކި ސަރަހައްދުތަކަށް ފުލުހުން ގޮސް ބިދޭސީންނާ ސުވާލުކޮށް، ލިއެކިޔުންތައް ހުރިތޯ ބެލުމުގެ އޮޕަރޭޝަންތައް ދޭތެރެދޭތެރެއިން ހިންގަ އެވެެ.

ފޮރިން މިނިސްޓްރީން ބުނީ ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި އާއްމު ތަންތާނގައި ނޫޅުމަށާއި ގޭގައި އުޅޭ އިރު ވެސް ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުން ވެއްޖެ ހިނދެއްގައި ފަސޭހައިން ނެގޭ ގޮތަށް ޕާސްޕޯޓްތައް ބެހެއްޓުމަކީ ލަންކާ ސަރުކާރުން، އެ ގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް އަންގާފައިވާ ކަންކަން ކަމަށެވެ. އެކަންތައްތަކަށް ސަމާލުވުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ދިވެހިންނަށް އަބަދުވެސް އިލްތިމާސް ކުރަމުން ގެންދެ އެވެ.