ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތް ކުރި މިސްކިތް ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު ވިސްނުންތެރި ތަސައްވުރެއްގެ މައްޗަށް ކަމަށާއި އެ މަސައްކަތްތަކުގައި އޮތީ އެ މަނިކުފާނުގެ ހިއްސާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ވެރިކަމުގައި، އިސްކަން ދެއްވި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މި މިސްކިތް ބިނާކޮށްފައިވަނީ ފަސް ބުރިއަށެވެ. ފުރަތަމަ ބުރި އާއި ދެވަނަ ބުރި ނަމާދުކުރަން ހާއްސަކޮށްފައިވާއިރު ތިން ވަނަ ބުރި އާއި ހަތަރު ވަނަ ބުރީގައި ހުރީ ޖާގަ ތަނަވަސް، ފުރިހަމަ އޮޑިޓޯރިއަމްއަކާއި ލައިބްރަރީ އެކެވެ. ފަސް ވަނަ ބުރި ހާއްސަކޮށްފައި ވަނީ އެކި އިވެންޓްތައް ބޭއްވޭ ހޯލަކަށެވެ.
ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތުރުކީގެ ޓާމެކްސް ކުންފުނިން ހަދާފައިވާ މިސްކިތާ ގުޅޭގޮތުން އޭރުގެ އިސްލާމިކް މިނިސްޓަރު ޝަހީމް، "މިހާރު" އަށް ވިދާޅުވީ ޔާމީން އެ މިސްކިތް ބިނާކުރެއްވުމަކީ ރާއްޖޭގައި އިސްލާމް ދީނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމުގެ ގޮތުން ކަމަށެވެ.
ޒަމާނީ އޮޑިޓޯރިއަމަކާއި ކޮންފަރެންސް ހޯލްތައް ހަދާފައި ވަނީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް އިސްލާމް ދީން އުނގަންނައިދިނުމުގެ ބޭނުމުގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ސެކިއުލާ ވިސްނުމާއި ހަރުކަށި ފިކުރުގެ މައްސަލަ ހައްލު ކުރަން ޖެހޭކަން ގަބޫލު ކުރައްވައި ފެއްޓެވި މަސައްކަތެއް މިއީ. އެހެންވެ ޒުވާނުންނަށް ޖެހޭ ގިނަ ގުނަ ޕްރޮގްރާމްތަކެއް ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދަން. ބޭރުގެ ޕްރޮފެސަރުން ގެނެސް،" ޝަހީމް ވިދާޅުވި އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމަވައި އެކަމަށް ބޭނުންވާ ފައިސާ ހޯއްދެވުމަށް ޔާމީން 2015 ގައި ސައުދީއަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި ޔާމީން އަރިހުގައި ވަޑައިގެންނެވި ޝަހީމް ވިދާޅުވީ ސައުދީ ރަސްގެފާނަށް އެކަން ހުށަހެޅުއްވުމާއެކު އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންނަށް ބައްދަލުވުމުގެ ތެރެއިން ރަސްގެފާނު ދެއްވި ކަމަށެވެ.
އެ ދަތުރުފުޅުގައި އެދެވަޑައިގެންނެވި އެހެން ކަންކަން ވެސް ރަސްގެފާނު ކޮށްދެއްވި ކަމަށް ޝަހީމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ސައުދީގެ އެމްބަސީއެއް ހުޅުވުމަށާއި ސައުދީ އެއާލައިނުން ރާއްޖެ އަށް ސީދާ ދަތުރުތައް ފެށުމުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީ އަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ފުރަތަމަ ޕްލޭން ކުރީ ގުއްބުތަކާއެކު ހުޅުމާލޭގައި އެ މިސްކިތް އެޅުމަށް ކަމަށާއި ނަމަވެސް ރީތި ޑިޒައިނަކާއެކު މާލޭގައި މިސްކިތް އަޅަން ނިންމެވީ ޔާމީން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"އެމަނިކުފާން ބޭނުންފުޅުވީ ބުރިޖުން އަންނައިރު މާލޭގެ މަލަމަތިން އިސްލާމީ ވަންތަކަން ފެންނާނެ ބިނާއެއް ހަދަން. ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިސްލާމީ ހަޟާރަތު ދައްކައިދޭ ގޮތަށް،" ޝަހީމް ވިދާޅުވި އެވެ.
މިސްކިތް ކުރަހާފައިވަނީ މެލޭޝިއާ މީހަކާ ހަވާލުކޮށްގެންނެވެ. އެކަން ކުރި އަށް ދާގޮތް ބެއްލެވުމަށް ހަވާލުކުރެއްވީ ޝަހީމްގެ އިތުރުން އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އޭރުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ހިމެނިވަޑައިގަންނަވާ ކޮމެޓީއަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި އެ މަސައްކަތްތައް ކުރިއަށް ދިޔައިރު ވެސް ޔާމީން އެކަންކަން ބައްލަވައި ހިޔާލު ހުށަހެޅުއްވި އެވެ.
"ރައީސް ޔާމީނަކީ ކަންކަން ވަރަށް ސްޓަޑީ ކުރައްވާ ބޭފުޅެއް. އެ މަނިކުފާންގެ އަމިއްލަ ތަސައްވަރާއި ވިސްނުންފުޅު، ކުރެހި މީހާ އަށް ވެސް ހުށަހެޅުއްވި،" މިވަގުތު މައްކާގައި ހުންނެވި ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ޒަމާނީ ފެންވަރަކަށް މުޅި މިސްކިތް ހަދާފައި އެވަނީ ނަފްސަށް ހިތްހަމަ ޖެހޭ ގޮތަކަށް ނަމާދު ކުރެވޭނެ ފުރުސަތު ދިނުމަށެވެ.
އެ މިސްކިތުގެ ހުރިހާ މަސައްކަތެއް މި މަހުގެ ނިޔަލަށް ފުރިހަމަކުރަން ވަނީ ނިންމާފަ އެވެ. ނަމަވެސް މިސްކިތް ހުޅުވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.