ސީ ލައިފުން ލަނޑުދިން މީހުންނަށް އެޗްޑީސީން ފައިސާ ދޭން ފަށައިފި

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީ ލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ދޭން ހައުސިން ޑިވެލޮޕްމެންޓް (އެޗްޑީސީ) އިން ކަނޑައެޅި 45 މިިލިއަން ރުފިޔާގެ ތެރެއިން ފައިސާ ދޫކުރަން ފަށައިފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޗްޑީސީން އިއުލާންކުރި މަޝްރޫއަކުން ހުޅުމާލޭގައި، 3،000 ހައުސިން ޔުނިޓް އަޅަން 2014 ގައި ސީ ލައިފުން ހުޅުވާލުމުން ފްލެޓް ގަންނަން ގިނަ ބަޔަކު ފައިސާ ދެއްކި އެވެ. އެކަމަކު ފަހުން ފަޅާއެރި ގޮތުގައި އެއީ، ބޮޑު އޮޅުވާލުމެކެވެ. އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން އެޑްވާންސަށް ފައިސާ ނަގައި ސީ ލައިފްގެ އިސް މީހުން ފިލީ އެވެ.

ސީ ލައިފަށް ފައިސާ ދައްކައި ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް މި ސަރުކާރުން ވަދެ ކޯޓުން ބޭރުގައި ވަނީ ހައްލެއް ހޯދައިދީފަ އެވެ. އެއީ، ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން، އެ މީހުންނަށް އެޗްޑީސީން ބަދަލު ދިނުމެވެ. އެއީ، މާލީ ބަދަލުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމުގެ ފުރުސަތު ވެސް ދިނުމެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު "މިހާރު" އަށް ވިދާޅުވީ ސީ ލައިފް މައްސަލައިގައި ކޯޓަށް ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ސެޓްލްމެންޓް އެއްބަސްވުމާ އެއްގޮތަށް ބަދަލުދީ މިހާރު ނިމިފައިވާ ކަމަށެވެ. ސީ ލައިފަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ކޯޓަށް ނުދާ މީހުން ވެސް އެޗްޑީސީ އަށް ލިޔެކިޔުންތައް ހުށަހަޅަން އެދުނެވެ. އެ ފަރާތްތަކުގެ ތެރެއިން ސީ ލައިފަށް ފައިސާ ދެއްކި ކަން ކަށަވަރުވާ މީހުންނަށް ވެސް ފައިސާ ދޭން ވަނީ ނިންމައިފަ އެވެ.

"ކޯޓަށް މައްސަލަ ހުށަހެޅި މީހުންގެ ލިޔެކިޔުންތައް ހުރުމާ އެކު ގިނަ ބަޔަކަށް ބަދަލުދީފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ސުހެއިލް ވިދާޅުވި ގޮތުގައި ސީ ލައިފަށް ފައިސާ ދެއްކި މީހުންނަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ އަދަދު 45 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ފްލެޓްތަކުގެ ބުކިން ފީ ފެށީ ވެސް 50،000 ރުފިޔާ އިންނެވެ. ލޯނު ނަގައިގެން އެއް ބަޔަކު މި އަދަދު ދައްކާފައިވާ އިރު، 50،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުތަކުން ދެއްކި މީހުން ވެސް ތިއްބެވެ.

އަމިއްލަ ކުންފުންޏަކުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ޒިންމާ އެޗްޑީސީ އަށް ނަގަން ޖެހުނު ސަބަބަކީ، ސުހެއިލް ވިދާޅުވި ގޮތުގައި، ރައްޔިތުންތަކަކަށް ބޮޑު ގެއްލުމެއް ވުމާ އެކު ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު އެންމެ ރަނގަޅު ހައްލަކަށް އެ ގޮތް ފެނުމުންނެވެ.

"އެޗްޑީސީ އަށް މި ލިބުނު ގެއްލުން އަޅުގަނޑުމެން ރިކަވާކުރާނެ،" އޭނާ ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ޕާފޯމަންސް ގެރެންޓީިގެ ގޮތުގައި ސީ ލައިފުން އެޗްޑީސީ އަށް ދެއްކި އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ސީ ލައިފުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ޑައުން ޕޭމަންޓުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނެގީ ވެސް އޮޅުވާލައިގެންނެވެ. އެ ކުންފުންޏާއި އެޗްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މަޝްރޫއުގެ 20 ޕަސެންޓް ނުނިމެނީސް ބުކިން ފީގެ ގޮތުގައި 50،000ރ. ގެ އިތުރުން އެއްވެސް ފައިސާއެއް ނުނެގޭނެ އެވެ. އެކަމަކު މި އެއްބަސްވުމާ ޚިލާފުވުމުގެ އިތުރުން ބޭންކް ގެރެންޓީގެ ގޮތުގައި އެއްފަހަރަކު ފޯޖް ޑޮކިއުމެންޓެއް ވެސް ސީ ލައިފުން ހުށައެޅި އެވެ.