މަސްތުވާތަކެތިި ގެންގުޅުނު ކަމުގެ ހައްޔަރުކުރި ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް މިއަދު ދޫކޮށްލައިފި އެވެ.

ފަސް ގްރާމްގެ މަސްތުވާތަކެއްޗާ އެކު، މިދިޔަ ހޯމަ ދުވަހު ހައްޔަރު ކުރި ޕްރިންސިޕަލް ޔޫސުފް އާދަމް ދޫކޮށްލީ ނ. ހެނބަދޫ ކޯޓުންނެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް އެ އަތޮޅު ލަންދޫ ކޯޓުން ޖެހި ހަތް ދުވަހުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.

ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިޔުމުން، އޭނާ ދޫކޮށްލި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ ލޯންޗަކުން އޭނާ ރަށަށް ގެންދިޔަ ކޮތަޅެއްގެ ތެރެއިންނެވެ.

މާޅެންދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާހް މޫސާ ކުރިން ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗާ ގުޅުވައިގެން ޔޫސުފަށް މީގެ ކުރިން އެއްވެސް ތުހުމަތެއް ކޮށްފައެއް ނުވެ އެވެ. ކުއްލިއަކަށް އެފަދަ މައްސަލައެއްގައި ހައްޔަރުކުރުމަކީ ލިބުނު ބޮޑު ހައިރާންކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޔޫސުފް ވަނީ މިދިޔަ ތިން އަހަރު އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު އަދާކޮށްފަ އެވެ.

"ދަރިވަރުންނަށް ވެސް ރަނގަޅު މީހެއް އެއީ. މިކަހަލަ އެއްވެސް ކަމެއް ކުރިން އަޑެއް ނާހަން،" ޝާހް ވިދާޅުވެފައި ވެ އެވެ.