މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޕްރިންސިޕަލް ސަސްޕެންޑުކޮށްފި

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ނ. މާޅެންދޫ ސްކޫލު ޕްރިންސިޕަލް ޔޫސުފް އާދަމް މިއަދު ސަސްޕެންޑުކޮށްފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ މާޅެންދޫ ސްކޫލުގެ ޕްރިންސިޕަލް މިއަދުން ފެށިގެން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަސްޕެންޑުކުރީ ކިހާ މުއްދަތަކަށް ކަމަށް އަދި ސާފެއްނުވެ އެވެ.

ފަސް ގްރާމްގެ މަސްތުވާތަކެއްޗާ އެކު، މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހައްޔަރު ކުރި ޔޫސުފްގެ ބަންދަށް އެ އަތޮޅު ލަންދޫ ކޯޓުން ހަތް ދުވަސް ޖެހި އެވެ. އޭނާ ދޫކޮށްލީ، ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން ނ. ހެނބަދޫ ކޯޓަށް އިއްޔެ ގެންދިއުމުންނެވެ. ނަމަަވެސް ދޫކޮށްލި ސަބަބެއް ސާފެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ ލޯންޗަކުން އޭނާ ރަށަށް ގެންދިޔަ ކޮތަޅެއްގެ ތެރެއިންނެވެ. މާޅެންދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާހް މޫސާ ކުރިން ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗާ ގުޅުވައިގެން ޔޫސުފަށް މީގެ ކުރިން އެއްވެސް ތުހުމަތެއް ކޮށްފައެއް ނުވެ އެވެ. ކުއްލިއަކަށް އެފަދަ މައްސަލައެއްގައި ހައްޔަރުކުރުމުން ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް ވެސް ވިދާޅުވި އެވެ.