އިންތިޚާބުގައި ވާދަކުރާ މީހުންގެ ކުށުގެ ރެކޯޑު ސުޕްރީމް ކޯޓުން ވަގުތުން ސާފުކޮށްދެނީ

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ވާދަކުރާ މީހުންގެ ކުށުގެ ރެކޯޑު، ވަގުތުން ސާފުކޮށްދޭން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.


ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އަންހެނުންގެ ކޮމިޓީތަކަށް ކުރިމަތިލާ މީހުންގެ ފޯމުތައް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚު ކަމަށްވާ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް، ކުށުގެ ރެކޯޑު ސާފުކޮށް، ވަގުތުން ދޫކުރާނެ އެވެ. ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ކައުންސިލްތަކުގެ އިންތިޚާބަށް ވާދަކުރާ މީހުންގެ ފޯމު އީސީ އަށް ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ މި މަހުގެ 20 އެވެ.

ކުށުގެ ރެކޯޑު ސާފުކުރުމުގެ ފޯމު ސުޕްރީމް ކޯޓަށް ބަލައިގަތުން، އިއްޔެ އިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:30 އަށް އޮންނާނެ އެވެ. ހުކުދު ދުވަހުގެ މެންދުރުފަހު 2:30 އިން ހަވީރު 5:00 އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:30 އަށް ވަނީ ހުޅުވާލައިފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް ނުރަސްމީ ގަޑީގައި ވެސް ދިނުމަށް ހައި ކޯޓާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ކުރިން ނިންމައިފި އެވެ.

ވަކި ބާވަތުގެ ކުށްތަކެއް ސާބިތުވެފައި ތިބޭ މީހުންނާއި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހުންނަށް ކައުންސިލް އިންތިޚާބުގައި ވާދައެއް ނުކުރެވެ އެވެ.