އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކުށުގެ ރެކޯޑް ސާފުކޮށް ދިނުމުގެ ޚިދުމަތް ނުރަސްމީ ގަޑިިތަކުގެ ވެސް ދިނުމަށް ހައި ކޯޓާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.

ހައި ކޯޓުން މިއަދު ބުނީ އެ ދެ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކުށުގެ ރެކޯޑް ސާފުކުރަން ރަސްމީ ދުވަސްތަކުގެ ހަވީރު 4:30 އާ ހަމައަށް އަދި ރޭގަނޑު 7 އިން ފެށިގެން 10 އާ ހަމައަށް ހުށަހެޅޭނެ ކަމަށެވެ. އަދި ހުކުރު ދުވަސްތަކުގެ މެންދުރު ފަހު 2:30 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް، ހޮނިހިރު ދުވަސްތަކުގައި ހެނދުނު 9 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ހުށަހެޅޭނެ ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.

އެ ކޯޓުން ބުނިިގޮތުގައި ރެކޯޑް ސާފުކުރަން ހުށަހަޅާ ފޯމުތައް އެ ދުވަހު ނިންމަން މަސައްކަތް ކުރާނެ އެވެ.

ޑީޖޭއޭ އިން ބުނީ ރަސްމީ ދުވަސްތަކުގައި ހަވީރު 4:30 އާ ހަމައަށް އަދި ހުކުރު ދުވަސްތަކުގައި މެންދުރު 2:30 އިން ފެށިގެން ހަވީރު 5 އާ ހަމައަށް ރެކޯޑް ސާފުކުރަން ހުށަހެޅޭނެ ކަމަށެވެ. އަދި ހޮނިހިރު ދުވަސްތަކުގެ ހެނދުނު 10 އިން ފެށިގެން ހަވީރު 4:30 އާ ހަމައަށް ވެސް ހުށަހެޅޭނެ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

ވަކި ބާވަތުގެ ކުށްތަކެއް ސާބިތުވެފައި ތިބޭ މީހުންނާއި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހުންނަށް ކައުންސިލް އިންތިޚާބުގައި ވާދައެއް ނުކުރެވެ އެވެ.

އޭޕްރީލް ހަތަރެއްގައި ބާއްވާ އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.