ޖުޑިޝަރީގެ މިނިވަންކަން ސަރުކާރުން ވަނީ ނަގާލާފައި: ކުރީގެ އުއްތަމަ ފަނޑިޔާރު

ސަރުކާރުން ސިސްޓަމެޓިކްކޮށް ޖުޑިޝަރީގެ މިނިވަަންކަން ނަގާލާފައިވާ ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެެ.


ޝަރުއީ ދާއިރާ އިސްލާހުކުރަނީ އިޅުލާސްތެރިކަމާ އެކުގައި ކަަމަށާއި އެދާއިރާއަށް ނުފޫޒެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި ޚަބަރު ޓްވީޓް ކުރައްވަމުން ޑރ. ޑީޑީ ވިދާޅުވީ ރައީސް އެ ވިދާޅުވީ ތާކުންތާކު ނުޖެހޭ ވާހަފުޅެއް ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ރައީސަށް ސީދާ ގޮތެއްގައި މުހާތަބުކުރައްވާކަން ދޭހަވާ އިބާރާތަކުންނެވެ.

"މިސްޓަ ޕްރެޒިޑެންޓް، މިއީ ތާކުންތާކުނުޖެހޭ ވާހަކަފުޅެއް. ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަން މަނިކުފާނުގެ ސަރުކާރުން ސިސްޓަމެޓިކްކޮށް ނަގާލާފައިވާކަން މަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" ޑީޑީގެ ޓްވީޓްގައި ލިއުއްވި އެވެ.

ކުރީގެ އުއްތަމަ ފަަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ޓްވީޓް

ޖުޑީޝަލް އަހަރު ފެށުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވަމުން ރައީސް ވިދާޅުވީ، އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ފަނޑިޔާރުންނަށް ގާނޫނުއަސާސީން ޚާއްސަ އިމްތިޔާޒްތަކެއް ދީފައި ވަނީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި އިންސާފު ގާއިމް ކުރަން ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ނިޒާމަށް ގެނައި ބަދަލާ އެކު، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރަނީ އިޚުލާސްތެރި ނިޔަތެއްގައި ކަމަށާއި އެއީ ރައްޔިތުންގެ ކިތަންމެ ކުޑަ ހައްގެއް ނިގުޅައިގަތަސް، އެ ހައްގެއް ކޯޓުތަކުން އަނބުރާ ހޯދައިދޭނެ ކަމުގެ ޔަގީންކަން ހޯދައި ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާއަކަށް ނޯންނާނެ އެވެ.

އުއްތަމަ ފަނޑިޔާރުކަމުން ޑީޑީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ދުރުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭނާ މަގާމުން ދުރުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ފޮނުވީ 15 ތުހުމަތެއް ކުރުމަށް ފަހުގަ އެވެ. ކުރެއްވި އެންމެ ބޮޑު އެއް ތުހުމަތަކީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ބޭރުން އަމަލު ކުރެއްވުމާއި މަޖިލީހާއި ޖެއެސްސީ އަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް އެ މުއައްސަސާތަކަށް ހުރަސްއެޅުމެވެ.

އެ ތުހުމަތުތަކަށް ޖަވާބު ދާރީވުމުގެ ބަދަލުގައި ޑީޑީ އޭރު ވިދާޅުވީ ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީވާން ޖެހޭ އަސާސެއް ނެތް ކަމަށެވެ

ޑީޑީ އާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން މަގާމުން ވަކިކުރީ އެ ބޭފުޅުންގެ މައްޗަށް ތުހުމަތުކުރެވުނު ސީރިއަސް މައްސަލަތައް ބެލުމަށް ފަހުގަ މި ވެރިކަމުގަ އެވެ.