ޑރ. ޝަހީމްގެ ސުވާލު، މަހްލޫފަކީ މިހާރު އިސްލާމިކް މިނިސްޓަރުތޯ؟

އިސްލާމްދީނާ ހިލާފު ރިޕޯޓެއް ނެރުމުން އުވައިލި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށް ބުނެ އިލްމުވެރިންތަކެއް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ މިއަދު ބައްދަލުކުރެއްވުމުން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފާޑުވިދާޅުވެއްޖެ އެވެ.


ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތަކީ ގާނޫނީ ގޮތުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ކަމަށް ވިޔަސް ޝަހީމް ދެކެވަޑައިގަންނަވާ ގޮތުގައި އެ މައްސަލަ ބަލަންޖެހޭނީ އިސްލާމިކް އެފެއާޒް މިނިސްޓްރީންނެވެ. އެހެންވެ، އިސްލާމިކް މިނިސްޓްރީ މި ސަރުކާރުގައި މިހާ ބަލިކަށިވެގެން އުޅެނީ ކީއްވެގެންތޯ ޝަހީމް ސުވާލު ކުރެއްވި އެވެ.

"މަހްލޫފް އަކީ މިހާރު އިސްލާމިކް މިނިސްޓަރުތޯ؟ ކޮބައިތޯ އިސްލާމް ދީން ހިމާޔަތް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ މިނިސްޓްރީ؟،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، ދީނީ އިލްމުވެރިޔާ ޝަހީމް ސުވާލު ކުރެއްވި އެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލަ ފެންމަތިވެގެން މިހާ ހިސާބަށް ވެސް އެކަމުގައި އިސްލާމިކް މިނިސްޓްރީން މާ ބޮޑަށް އުޅޭ ތަން ނުފެންނަ ކަމަށް ބުނެ އެހެން ބައެއް މީހުން މީގެ ކުރިން ވެސް އެ މިނިސްޓްރީ އަށް ފާޑުކިޔާފައި ވެ އެވެ.

މިހާރު ހިންގާ ކޯލިޝަން ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ދީފައި ވަނީ އެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސް މެމްބަރު ޑރ. އަހުމަދު ޒާހިރަށެވެ. މީގެ ކުރިން އަދާލަތު ޕާޓީ އަކީ، ރާއްޖޭގައި އުފެދޭ ދީނީ މައްސަލަތަކާ ގުޅޭ ގޮތުން ބަސް ބުނެ، އެ ޕާޓީ އަށް ފެންނަ ގޮތް ފާޅުގައި ހާމަކުރާ ބައެއް ކަމަށް ވިޔަސް މި ސަރުކާރުގައި އެކަން ނުފެންނަ ކަމަށް ބުނާ އެތައް ބަޔަކު އެބަތިއްބެވެ.

"މަހްލޫފް އަކީ މިހާރު އިސްލާމިކް މިނިސްޓަރުތޯ؟ ކޮބައިތޯ އިސްލާމް ދީން ހިމާޔަތް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ މިނިސްޓްރީ؟،" ޝަހީމް

ޝަހީމް ވިދާޅުވީ، ޖަމިއްޔާ އަކުން ދީނާ ހިލާފު ކަންކަން ކުރާ ނަމަ، އަމިއްލަ އަށް އިސް ނަގައިގެން އެ ކަންކަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަކީ އިސްލާމިކް މިނިސްޓްރީ އަށް ލިބިފައިވާ ބާރެއް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އެކަމާ ގުޅޭގޮތުން ޝަކުވާ ކުރިއަސް ނުކުރިއަސް، އެކަން ކުރިއަށް ގެންދަން ޖެހޭނީ އެ މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމް ތުހުމަތު ކުރެއްވި ގޮތުގައި، ރާއްޖޭގައި މިހާރު ހިނގަމުން ދާ ކަންކަމުން ފެންނަނީ އިސްލާމިކް މިނިސްޓްރީ ހިމޭން ވެފައި އޮންނަ ތަނެވެ. ނަމަވެސް، އޭގެ ހަގީގަތް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އިސްލާމިކް މިނިސްޓްރީ އަކީ ހައިބަތު ހުރި، ބަސް ބުނުމުގައި ފަހަތަށް ނުޖެހޭ ތަނަކަށް ވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޔޫތު މިނިސްޓަރު މަހްލޫފާ، ދީނީ އިލްމުވެރިންތަކެއް މިއަދު ބައްދަލު ކުރެއްވީ، އެމްޑީއެން އުވައިލުމަށް ފަހު ވެސް، އެ ޖަމިއްޔާގެ ކަންކަން ކުރިއަށް ދާ ކަމަށް ބުނެ، އެކަން ސާފު ކުރެއްވުމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން ވެސް އިލްމުވެރިން ފާޅުކުރެއްވި އެވެ.

އެމްޑީއެން އުވައިލާފައި ވަނީ، އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް، އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފައި އޮތުމަށް ފަހު، އޭގެ ދެ މަހެއްހާ ދުވަސް ފަހުންނެވެ.

މީގެ ހަ އަހަރު ކުރިން ރަޖިސްޓަރީ ކުރި އެމްޑީއެން އުވައިލުމަށް އެދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ވެސް ކުރި އެވެ.