އިގުތިސާދު ދަށްވާތީ ބޮޑު މުސާރަތައް ކުޑަކުރަން ޖެހޭ: ބޮންޑޭ

ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނޯވައިރަސްއާ ގުޅިގެން، ރާއްޖޭގެ އިގުތިސާދު ހީނަރު ވާއިރު، ހަރަދު ކުޑަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްްބަރުންނާއި މިނިސްޓަރުން އަދި ދައުލަތުގެ ކުންފުނިތަކުގެ އިސް ވެރިންގެ މުސާރަ ކުޑަކުރަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.


ބޮންޑޭ "މިހާރު"އަށް ވިދާޅުވީ މެމްބަރުންގެ މުސާރައިން 10،000 އުނިކުރަން، މެމްބަރުންނާ ވާހަކަދައްކަވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހަށް ރަސްމީކޮށް މައްސަލައެއް ހުށަނާޅުއްވައި ވެސް މުސާރައަށް ބަދަލު ގެނެވޭނެ ކަަމަށް ގަބޫލުކުރައްވަ އެވެ.

ބޮންޑޭ މި ގޮތަށް ވާހަކަ ދެއްކެވީ، އޭނާގެ ދާއިރާގެ މީހަކު ކުރި ސުވާލަކާ ގުޅިގެން ޓްވިޓާއަށް ދެއްވި ޖަވާބަށް ފަހު އެވެ. އޭނާ ޓެގްކޮށް އެމީހާ ސުވާލުކުރަނީ މުސާރަ އިން 10،000 އުނިކުރަން ހުށައަޅުއްވަން ކެރިވަޑައިގަންނަވާނެތޯ އެވެ. އޭގެ ޖަވާބުގައި ބޮންޑޭ ލިއުއްވީ "އާދެ" އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މެމްބަރުންނާ މަޝްވަރާ ކޮށްގެން، އަޅުގަނޑުމެން އެންމެން މަޖިލީހުގެ ސެކްރެޓޭރިއަޓަަށް ސިޓީއެއް ފޮނުވައިގެން މިކަން ހަމަ ޖެއްސޭނެ ކަަމަށް. އަޅުގަނޑު ހުރިހާ މެމްބަރުންނާ ވާހަކަ ދައްކާނަން،" ޓްވީޓަށް ފަހު "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ކުޑަކުރަންވީ މަދު އާމްދަނީ ލިބޭ މުވައްޒަފުންގެ މުސާރަ ނޫން ކަމަަށެވެ. ޚަރަދު ކުޑަކުރުމުގެ ގޮތުން ވަގުތީ ގޮތުން ދަށްކުރަންވީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި މިނިސްޓަރުންނާއި ދައުލަތުގެ ކުންފުނިތަކުގައި ތިއްބެވި ބޮޑު މުސާރަ ލިބިވަޑައިގަންނަވާ ބޭފުޅުންގެ މުސާރަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރައިން 10،000ރ އުނިކުރާ ގޮތަށް އެއްބަސްވެއްޖެ ނަމަ، މަހަކު ގާތްގަނޑަކަށް 870،000ރ ސަލާމަތްވެ އެވެ.

"ދިހަ ހާސް ރުފިޔާ ލިބޭ މުވައްޒަފެއްގެ މުސާރައިން އެއް ހާސް އުނިވީމާ، އެ މުވައްޒަފު ކިހިނެއްތޯ މެނޭޖްކުރާނީ؟ އެކަމަކު ފަސް ދޮޅަސް، ހަތްދިހަ ހާސް ލިބިވަޑައިގަންނަވާ ބޭފުޅުންގެ މުސާރައިން ދިހަ ހާސް އުނިކުރިޔަސް އެބޭފުޅުންނަށް ހަމަޖެއްސޭނެ،" އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ކޮރޯނާވައިރަސް ފެތުރޭތީ ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުމުގެ އަސަރު ރާއްޖެއަށް މިހާރު ވެސް ކޮންމެވެސް ވަރަކަށް ކުރާ އިރު، އަނެއްކޮޅުން ރާއްޖެ އޮތީ ވަރަށް ބޮޑަށް ދަރަނިވެރި ވެފައި ކަމަށެވެ.

ކޮރޯނާވައިރަސް ފެތުރޭތީ ދައުލަތުގެ ހަރަދު ކުޑަކުރަން ފިނޭންސް މިނިސްޓްރީން ފެެބްރުއަރީ ފަހެއްގައި ސާކިއުލާއެއް ވަނީ ނެރެފަ އެވެ.

އެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަސްއާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރަމުން ދާތީ އޭގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ވެސް ކުރުން އެކަށީގެން ވެ އެވެ. އެހެންކަމުން އިތުރު ވަޒީފާއެއް ނުއުފެއްދުމަށާއި މުސާރައިގެ އޮނިގަނޑަށް ބަދަލެއް ނުގެނައުމާއި ބަޖެޓްގައި ހިމަނާފައިވީ ނަމަވެސް މިހާރު ދޭން ފަށާފައި ނުވާ އާ އެއްވެސް އެލަވަންސެއް މި އަހަރު ދޭން ނުފެށުން ވެސް، އެ ފިޔަވަޅުތަކުގެ ތެެރޭގައި ހިމެނެ އެވެ.