ބޯޑާ ސެކިއުރިޓީ ވަރުގަދަ ކުރެވޭނީ ހުރިހާ މުއައްސަސާއެއް ގުޅިގެން: ސީޕީ ހަމީދު

ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ބޯޑާ ސެކިއުރިޓީ ވަރުގަދަ ކުރަން ހުރިހާ މުއައްސަސާއަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.


ބޯޑާ ސެކިއުރިޓީ އާއި ކައުންޓާ ޓެރަރިޒަމާ ގުޅޭ ވޯކްޝޮޕް ފެށުމަށް ބަނޑޮހުގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ގުދުރަތީ ގޮތުން ކަނޑުގެ ޒަރީއާ އިން ގުޅިފައި އޮތުމަކީ ނަސީބަކަށް ވިޔަސް އޭގެ ސަބަބުން ވަރަށް ގިނަ ނުރައްކާތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން، ކަނޑުގެ ސަރަހައްދު ބޮޑުވުމުގެ ސަބަބުން މަސްތުވާތަކެތި އެތެރެކުރުމާއި ހިއުމަން ޓްރެފިކިން އާއި އާއި ހަރުކަށި ފިކުރު އާލާކުރުމަށް ފަސޭހަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޑާ ސެކިއުރިޓީއާ ގުޅޭ މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވުމުގެ ގޮތުން ސީޕީ ހަމީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އިމިގްރޭޝަން

މި ކަންތައް ހައްލު ކުރުމަށް ވަގުތުން ވަގުތައް ފިޔަވަޅު އަޅަން ޖެހޭ ކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ ރާއްޖޭގެ މުއައްސަސާތައް ބޭރުގެ ޕާޓްނަރުންނާ ގުޅިގެން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި މި ވޯކްޝޮޕުގެ ޒަރީއާ އިން، ބޯޑާ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންތައްތައް ކަނޑައަޅައި މިހާރު ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރައްޔިތުންނާއި ރާއްޖެ އާއި ރާއްޖެ އަށް ޒިޔާރަތްކުރާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބޯޑާ ސެކިއުރިޓީ ވަރުގަދަ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް. މިކަން ކުރެވޭނީ ޕޮލިސީތަކާއި ނޭޝަނަލް ފްރޭމްވޯކް ވަރުގަދަކޮށް، އޭޖެންސީތަކުގައި އޮންނަ ގުޅުން އިތުރު ކޮށްގެން." ހަމީދު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިމިގްރޭޝަން ކޮންޓްރޯލަރު ހަނަފީ ވާހަކަ ދައްކަވަނީ-- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވި ގޮތުގައި، އެކި ސަރަހައްދުތަކުގައި ފަތުރަމުންދާ ޓެރަރިޒަމްގެ ބިރުވެރިކަން ރާއްޖެ އަށް ވެސް އެބައޮތެވެ. އެގޮތުން، ރާއްޖެ އަށް ވެސް ޓެރަރިސްޓުން އެތެރެވުމުގެ ބިރުވެރިކަން އޮތްކަމަށް ވިދާޅުވެ، އޭނާ ދެއްވީ އެ ކަންތައް ހައްލު ކުރުމަށް ބައިނަލްއަގުވާމީ ގޮތުންނާއި ގައުމީ ފެންވަރުގައި ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އިމިގްރޭޝަނުން ލިބޭނެ ކަމުގެ ޔަގީންކަމެވެ.

"ރާއްޖޭގެ ހުރިހާ މުއައްސަސާ އަކީ ޕަޒަލް އެއް. މި ޕަޒަލް ފުރިހަމަ ވެގެން ބޯޑާ ސެކިއުރިޓީގެ ކަންތައްތައް ހައްލުވާނީ. މި ކަމުގައި އިމިގްރޭޝަނުން މުއައްސަސާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން. އަދި ބައިނަލްއަގުވާމީ ގޮތުން ވެސް އެއްބާރުލުން ދޭނަން،" ހަނަފީ ވިދާޅުވި އެވެ.

ބޯޑާ ސެކިއުރީޓީއާ ގުޅޭގޮތުން މިއަދު ފެށި ވޯކްޝޮޕުގެ ބައިވެރިންތަކެއް-- ފޮޓޯ: އިމިގްރޭޝަން

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕް ބާއްވަނީ މޯލްޑިވްސް އިމިގްރޭޝަނާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ އިމިގްރޭޝަން (އައިއޯއެމް) އަދި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ކައުންޓާ ޓެރަރިޒަމް (ޔޫއެންއޯސީޓީ) ގުޅިގެންނެވެ. މި ވޯކްޝޯޕުގައި އެކި މުއައްސަސާތަކުން 26 މީހަކު ބައިވެރިވެ އެވެ.

މި ވޯކްޝޮޕުގައި، ކައުންޓާ ޓެރަރިޒަމްގެ ސަބަބުން ބޯޑަރުގެ ސަލާމަތާ ގުޅުން ހުރި މައްސަލަތަކާ ގުޅެގޮތުން މަޝްވަރާ ކުރާނެ އެވެ. އަދި ބޯޑާ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އެކި މުއައްސަސާތަކުން ކުރެވޭނެ ކަންތައްތަކަކާއި ޓެރަރިޒަމް ހުއްޓުވުމަށް ކުރެވޭނެ ކަންތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.