ލަންކާ ހަމަލާއާ ގުޅިގެން ރާއްޖޭގެ ބޯޑަ ސެކިއުރިޓީ ވަރުގަދަކޮށްފި

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ބޮންތަކެއް ގޮއްވާލައި އެތައް ބަޔަކު މަރާލި ހަމަލާއާ ގުޅިގެން ރާއްޖޭގެ ބޯޑަ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.


އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) "މިހާރު" އަށް ވިދާޅުވީ ލަންކާގައި ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން އިމިގްރޭޝަނުން ވަނީ ކަމާގުޅޭ އިދާރާތަކާ އެކު ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކޮށްފައި ކަމަށެވެ. ކުރިއަށް ވުރެން ބޮޑަށް މިހާރު ސްކްރީން ވެސް ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަވަށްޓެރި ގައުމެއްގައި ނުރައްކާތެރި ހަމަލާތަކެއް ދިނީމަ، އަޅުގަނޑުމެން ސަމާލުވެ ތިބުން މުހިއްމު. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރީ،" ހަނަފީ ވިދާޅުވި އެވެ.

އޭނާ މިއަދު ވަނީ އެ ފިޔަވަޅުތަކާ ގުޅޭ ގޮތުން، ބޯޑަ ކޮންޓްރޯލް އޮފިސަރުންނާ އެކު މަޝްވަރާ ވެސް ކުރައްވައިފަ އެވެ.

ލަންކާގައި އާއްމުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ބޮން ގޮއްވައި އިއްޔެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 290 އަށް އަރައިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 500 ގައި އުޅޭއިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ލަންކާގައި މިރެއިން ފެށިގެން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފަ އެވެ.

ލަންކާގައި ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން މިހާތަނަށް ވަނީ 24 މީހުން ހައްޔަރުކޮށްފަ އެވެ. ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނަރަތުނަ ވިދާޅުވީ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވެނީ ލަންކާގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތުން ކަމަށެވެ.