ކޮވިޑް-19 ރޯގާ އުޅޭތީ، ރިސޯޓުތަކުގައި ބްލަޑް ކޭމްޕުތައް ބޭއްވުން ހުއްޓުމަކަށް އައިސް، ލޭ ލިބުން ދަތިވެފައި ވާތީ އާންމުން ލޭ ހަދިޔާކުރުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވީ އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި، ލޭ ހަދިޔާކުރުމަށް ރިސޯޓުތަކުން ވަރަށް ގިނަ ކޭމްޕުތައް ބާއްވާ ކަމަށެވެ. ނަމަވެސް ގިނައިން ލޭ ލިބޭ ހަރަކާތް، ކޮވިޑް-19 ގެ ބިރާ އެކު ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނަ މީހުން އެއްވާ ހަރަކާތްތައް ނުބާއްވަން ކަމާބެހޭ އިދާރާތަކުން އަންގާފައިވާތީ، މި ދުވަސްވަރު މާލޭގައި ވެސް ކޭމްޕުތައް ނުބޭއްވޭނެ ކަމަށެވެ.
"ވޮލަންޓިއާކޮށް ލިބޭ ލޭ މަދުވެފައި އޮންނަނީ. މިހާރު ލޭ އަޅަން ބޭނުންވާ ކުއްޖާއާއެކު އަންނަ ޑޯނަރުގެ ލޭ އެކަނި މި ލިބެނީ،" އުމަރު ވިދާޅުވި އެވެ.
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކޮވިޑް-19 ކަނޑައަޅާފައިވާއިރު، ރާއްޖެއިން ވެސް އެ ބަލީގެ 13 މީހަކު ފެނިފައިވެ އެވެ. އެ އެންމެން ވެސް ފެނިފައިވަނީ ރިސޯޓުތަކުންނެވެ. އެއީ ކުރެއްދޫ ރިސޯޓުގެ ފަސް މީހަކާއި ބަތަލާ ރިސޯޓުން ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓުން ދެ މީހަކާއި ކުރަމަތި ރިސޯޓު ދޭއް އަދި އައިލެންޑް ސަފާރިން ދެ މީހެކެވެ.
ބްލަޑް ސާވިސް އަށް ހަފުތާއަކު 160 ޔުނިޓްގެ ލޭ ބޭނުންވެ އެވެ. އެތަނުގައި އެއަށްވުރެ ގިނައިން ލޭ ރައްކާކުރެވުނަސް ސްޓޯރޭޖުގައި މިވަގުތު އެންމެ ޔުނިޓެއްގެ ލޭ ވެސް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ. އެހެންވެ ކޭމްޕުތައް ނުބޭއްވިޔަސް އަމިއްލަ އަށް ފެނިގެން ލޭ ހަދިޔާކުރުމަށް އޭނާ ވަނީ އެދިވަޑައިގަތެވެ.
"ލޭ ލިބުމުގެ ދަތިކަން ފިލުވޭނެ ހަމައެކަނި ގޮތަކީ އާއްމު ރައްޔިތުން ވީހާ ވެސް ގިނައިން ލޭ ހަދިޔާކުރުން،" އުމަރު ވިދާޅުވި އެވެ.
ރިސޯޓުތަކުގެ އިތުރުން ކުންފުނިތަކުން ވެސް ހާއްސަ ދުވަސް ދުވަހާ ގުުޅުވައިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވަ އެވެ.
ބްލަޑް ސާވިސްގައި ތެލެސީމިއާގެ 892 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓަރީ ވެފައިވާއިރު އޭގެ ތެރެއިން ދުނިޔޭގައި މި ވަގުތު ތިބީ 635 މީހުންނެވެ. އޭގެ ތެރެއިން 50 ޕަސެންޓް މީހުން މާލޭގައި ދިރިއުޅޭއިރު އަނެއް 50 ޕަސެންޓް މީހުން އުޅެނީ އެކި ރަށްރަށުގަ އެވެ.