ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން އަންގައިފި

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ޗެނަލް 13ގެ "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން އެ ޗެނަލަށް އަންގަން ބްރޯޑްކާސްޓިން ކޮމިޝަނުން މިރޭ ނިންމައިފި އެވެ.


މިގޮތަށް އެންގީ މުޅި ދުނިޔޭގައި ފެތުރިފައިވާ ކޮވިޑް-19 އަށް ރާއްޖޭގައި 13 މީހަކު ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ ކަމަށާއި އެ މީހާ އަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނެ "މަޑިސީލަ" ޕްރޮގްރާމްގައި ހަގީގަތާ ހިލާފް ވާހަކަ ދައްކާފައި ވާތީ އެވެ. ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް ހުށަހެޅި ޕްރޮގްރާމްގައި ދެއްކި މި ވާހަކައާ ގުޅިގެން އެތައް ބަޔަކު ޗެނަލް 13 އަށް ފާޑު ކިޔައި، މައްސަލަ ބަލައި ފިޔަވަޅު އަޅަން ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވާލާފައިވެ އެވެ.

ޗެނަލް 13 ބްރޯޑްކާސްޓިން ކޮމިޝަނަށް ހާޒިރުކޮށް މައްސަލަ ބެލުމަށް ފަހު ކޮމިޝަނުން ނިންމީ އެ ޕްރޮގްރާމްގައި ގެނެސްދިނީ މައުލޫމާތެއް ކަމަށް ބެލެވެން ނެތުމުން، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހިލާފު އަމަލެއް ކަމަށެވެ.

އެހެންވެ "ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމް" ގެ ދަށުން، "މަޑިސީލަ" ޕްރޮގްރާމް، މިއަދުން ފެށިގެން އާންމު ސިއްހަތުގެ ކުއްލި ނުރުއްކަލުގެ ހާލަތުގެ މުއްދަތަށް އުނިކުރަން ވަނީ އަންގައިފަ އެވެ. މީގެ އިތުރުން މި މުއްދަތުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް ވެސް، ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އަންގަން މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.

ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެކި މީހުންނަށާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިބޭ މީހުންނަށް ވަރަށް ދަށު ދަރަޖައިގެ ބަހުން މުހާތަބުކުރާ ކަމަށް އެތައް ބަޔަކު ބުނަމުން އަންނަ "މަޑިސީލަ" ޕްރޮގްރާމުގެ ރޭގެ އެޕިސޯޑުގައި، ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެކަން ސިއްރުކުރަމުންދާ ކަމަށާއި މިއީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއަކުން ކަށަވަރުކޮށްދީފައިވާ ވާހަކައެއް ކަމަށް ބުނެފައިވެ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިއުލާނުކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު ރާއްޖޭން ފެނިފައި ވާއިރު އޭގެ ތެރޭގައި ދިވެއްސަކު ނުހިމެނެ އެވެ. އެ އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ. ކޮވިޑް-19 އާ ބެހޭ ގޮތުން ހަގީގަތާ ހިލާފް އެކި ވާހަކަތައް ދައްކާތީ އާންމުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެ، ސައްހަ މައުލޫމާތު އޮޅޭ ހިސާބަށް ކަންތައްދާ ކަމަށް ބުނެ އެކަން އެގޮތަށް ނުކުރަން ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.