ގޭގައި މަސައްކަތް ކުރެވޭނެ ގޮތް 435 މުވައްޒަފަކަށް ހަަމަޖައްސައިދީފިން: މިނިސްޓްރީ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަަވަޅެއްގެ ގޮތުގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރި ނަމަވެސް ރައްޔިތުން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް ބުރޫއެރިޔަ ނުދޭން، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް 435 މުވައްޒަފަކަށް ހަމަޖައްސައިދީފައިވާ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނެފި އެވެ.


ދައުލަތުގެ އިދާރާތަކުގެ ޚިދުމަތްތައް މެދުކެނޑުނަ ނުދޭން އެ މިނިސްޓްރީން ވަނީ އައިޓީ ޓާސްކް ފޯހެއް އެކުލަވައިލައިފަ އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން، ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން އެކި މިނިސްޓްރީތައް ހިމެނޭ ގޮތުން 470 މުވައްޒަފަކު އެ ތަނުގެ އައިޓީ ޓާސްކް ފޯހުގައި އެދުނެވެ. ގާތްގަނޑަކަށް އެ ހުރިހާ އެންމެންނަށް އެކަން ފަހިކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ ލިޔެކިޔުން ބަދަލުކުރާ ގަވަމަންޓް އީ-ލެޓަމެނޭޖްމަންޓް ސިސްޓަމް (ޖެމް)، ގޭގައި ތިބެގެން މުވައްޒަފުންނަށް ބޭނުން ކުރެވޭ ގޮތް ވެސް މިހާރު ވަނީ ހަމަޖައްސއިދީފަ އެވެ. މިހާތަނަށް މާލޭގެ 34 އިދާރާއެއްގެ 73 މުވައްޒަފަކާއި ހަތް ސްކޫލެއްގެ މުވައްޒަފުންނަށް ވަނީ އެކްސެސް ދީފަ އެވެ. މީގެ އިތުރުން، 26 ކައުންސިލް އިދާރާއެއްގެ 41 މުވައްޒަފަކަށް ގޭގައި ތިބެގެން ލިޔެކިޔުން ބަދަލުކުރުމަށް އެކްސެސް ދީފައިވާ ކަމަށް ވެސް ކޮމިއުނިކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ ތަނުން ބުނިގޮތުގައި، މިހާތަނަށް އައޓީ ޓާސްކް ފޯހުން ކޮށްދިން މަސައްކަތްތަކުގެ ތެރޭގައި ޖެމްސްގެ އިތުރުން އެހެނިހެން ސިސްޓަމްތަކަށް ބޭނުންވާ ވޯކް-ފްރޮމް-ހޯމް ސޮލިޔުޝަންތައް ވެސް އަންނަނީ ފޯރުކޮށްދމުންނެވެ. މިގޮތުން، ބައެއް އިދާރާތަކުން ވަކިން ގެންގުޅޭ ސިސްޓަމްތަކުން ރައްކާތެރިކަމާ އެކު ގެއިން ޚިދުމަތް ދޭން ބޭނުންވާ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 422,959 އެވެ. އެ ބަލީގައި 18,907 މީހަކު މަރުވި އިރު 109,144 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ރާއްޖެއިން 13 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ފަރުވާ ދެމުން އަންނަ އަށް މީހުންގެ ހާލު ވެސް ރަނގަޅެވެ. މިހާތަނަށް އެއްވެސް ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްއެއް ނުވެ އެވެ.