އިނގިރޭސިވިލާތުގައި ތިބި ދިވެހީންގެ ވިސާ އިތުރުކޮށްދޭން އެ ގައުމުން ނިންމައިފި

ދަތުރުކުރުމުގައި ހުރި ހުރަސްތަކާ ގުޅިގެން އިނގިރޭސިވިލާތުގައި ތާށިވެފައި ތިބި ދިވެހީންގެ ވިސާ އިތުރުކޮށްދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.


ފޮރިން މިނިސްޓްރީން ބުނީ ދަތުރުފަތުރުކުރުމުގައި ހުރި ހުރަސްތައް ނުވަތަ އަމިއްލައަށް އެކަހެރިވެފައި ހުރުމުގެ ސަބަބުން އެ ގައުމުން ނުފުރި ތިބި މީހުންގެ ވިސާ އިތުރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އިން ވަނީ އިނގިރޭސިވިލާތުން މީހުން އައުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަނާކޮށްފަ އެވެ. އަދި އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުން ގިނަވުމުން، ބަލި ކޮންޓްރޯލް ކުރުމަށް މިދިޔަ އަންގާރަ ދުވަހު އެ ގައުމު ވަނީ ލޮކްޑައުންކޮށްފަ އެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާނުކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި ދެ މީހުންނަށް ވުރެ ގިނައިން އެއްވެ ތިބުން މަނާކުރުމާއި ކަސްރަތުކުރުމަށް ދުވާލަކު އެއްފަހަރު ނޫނީ ގެއިން ބޭރަށް ނުކުތުން މަނާކުރުމާއި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްގައި ނޫނީ އޮފީހަށް ދިއުން މަނާކުރުން ހިމެނެ އެވެ.

ރާއްޖެއިން މިހާރު ވެސް 10 ގައުމަކުން މީހުން އައުން މަނަލެވެ. އެއީ އިނގިރޭސިވިލާތުގެ އިތުރުން މެލޭޝިޔާ އާއި ޗައިނާ، އިރާން، ބަންގްލަދޭޝް، އިޓަލީ، ސްޕެއިން، ދެކުނު ކޮރެއާ، ފްރާންސް އަދި ޖަރުމަނުގެ ބައެއް ސަރަހައްދުތަކެވެ.

ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުން ވަނީ ރިސޯޓުތަކުގައި ތިބި ޓޫރިސްޓުން އަނބުރާ ގައުމަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ. ހައި ކޮމިޝަނުން ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދަތުރު ކުރުން މަނާ ކުރުމާއި ބޯޑަރުތައް ބަންދު ކުރުން ފަދަ ގިނަ ފިޔަވަޅުތައް ގައުމުތަކުން އަޅަމުންދާ ކަމަށެވެ. އަދިި ރާއްޖެއިން ވެސް އެ ބަލި ހުރި ބައެއް މީހުން ފެނިފައިވާތީ އެފަދަ ފިޔަވަޅުތަކެއް ކުއްލިއަކަށް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންވެ، އިނގިރޭސިވިލާތަށް އަނބުރާ ދިއުމަށް ރާއްޖޭގައި ތިބި އެ ގައުމުގެ ޓޫރިސްޓުންނަށް އިލްތިމާސްކުރާ ކަމަށް ވެސް އެ އެޑްވައިޒަރީގައިވެ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ރަނގަޅުވެފަ އެވެ. ކުރެއްދޫ ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފުން ފިޔަވައި ދެން ތިބީ ޓޫރިސްޓުންނެވެ.