ނާޝިދުގެ އާއިލާ އަށް ރައީސް ޔާމީން ތައުޒިޔާ ފޮނުއްވައިފި

ރާއްޖޭގެ މިއުޒިކުގެ ދާއިރާ އަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ގ. އަލިފުށީގޭ އަހުމަދު ނާޝިދު އަވަހާރުވުމާ ގުޅިގެން، އޭނާގެ އާއިލާ އަށް ރައީސް އަބްދުﷲ ޔާމީން ތައުޒިޔާ ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "އަހުމަދު ނާޝިދު މި ދުނިޔެ ދޫކުރެއްވުމަކީ، ރާއްޖޭގެ މިއުޒިކުގެ ދާއިރާ އަށް، ހާސަކޮށް ދިވެހިވަންތަ މިއުޒިކަށް ލިބިގެންދިޔަ ވަރަށްބޮޑު ހީނަރުކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަ އެވެ. އަދި ރާއްޖޭގެ މިއުޒިކުގެ ދާއިރާ އަށް ވަރަށް ދިގު މުއްދަތެއްގައި އަހުމަދު ނާޝިދު ކޮށްދެއްވާފައިވާ ހިދުމަތްތަކަކީ ރާއްޖޭގެ ޒުވާނުންނަށް ހާއްސަކޮށް މިއުޒިކުގެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން އެކަމުގެ އަގު ވަޒަންކުރައްވާ ހިދުމަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވަ އެވެ." ކަމަށެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި، ޒީރޯ ޑިގްރީ ނާޝިދު އާ މައުމޫން ބައްދަލުކުރައްވަނީ: ކިޑްނީގެ ކެންސަރުގެ އާލާސްކަންފުޅެއްގައި ނާޝިދު ވަނީ އިއްޔެ އަވަހާރަވެފައި..---ފޮޓޯ: ރައީސް އޮފީސް

ނާޝިދު މިއުޒިކުގެ ދާއިރާ އަށް ވެދެވަޑައިގަތީ މަޖީދިއްޔާ ސްކޫލްގައި ތައުލީމު ހާސިލު ކުރައްވަން އުޅުއްވި ދުވަސްވަރުގަ އެވެ. އޭރުއްސުރެ ފެށިގެން ނާޝިދު ފާހަގަކުރެވެމުން އައިސްފައި ވަނީ މިއުޒިކުގެ ދާއިރާ އަށް ހާއްސަ ޝައުގުވެރި ކަމެއް ބަހައްޓަވައި އަދި އެ ރޮނގުން ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ނާޝިދަށް މިއުޒިކުގެ ރޮނގުން 1990 ވަނަ އަހަރު ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ސަރުކާރުން އަރުވާފަ އެވެ. ނާޝިދަކީ ރާއްޖޭގެ މިއުޒިކުގެ ދާއިރާ އަށް އާ ހިޔާލުތައް ގެންނަވައިގެން ދިވެހި ސަގާފަތާއި ދިވެހި އާދަކާދަ ހިމެނޭ ގޮތަށް އެ ދާއިރާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ޒީރޯ ޑިގްރީ އެޓޮލް ބޭންޑް އުފައްދަވައި އެ ބޭންޑްގެ މަސައްކަތުގެ ތެރެއިން އެންމެ ހާއްސަ ގޮތެއްގައި ފާހަގަކުރެވިގެންދިޔައީ، 1990 ވަނަ އަހަރު ނެރުނު "ދޯނި" އަލްބަމެވެ. މިއީ ރާއްޖޭގައި ވެސް އަދި ރާއްޖެއިން ބޭރުގައި ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ އަލްބަމެކެވެ. މިއުޒިކުގެ ގިނަ ޝޯތަކެއް ރާއްޖެއިން ބޭރުގައި ވެސް ނާޝިދު ހުށަހަޅުއްވައިދެއްވައި، ބައިނަލްއަގުވާމީ ކާމިޔާބީތައް އޭނާ ވަނީ ހޯއްދަވާފަ އެވެ.