ލަންކާގައި 2012 ގައި ބޭއްވި ޝޯ އަށް ނާޝިދު ޕްރެކްޓިސް ކުރައްވަނީ

ނާޝިދު: ދުވަހަކު ވެސް ވަކިނުވެވޭވަރުގެ ހަނދާންތަކެއް ދޫކުރެއްވި

ހުރިހާ މިއުޒީޝަނުން ވެސް އިއްތިފާގުވާ ކަމެއް އޮވެ އެވެ؛ ފުލޫ ނާޝިދު (އަހުމަދު ނާޝިދު) ވަރުގެ ހުނަރުވެރި މިއުޒީޝަނަނަކު މި ފަސްގަނޑަކުން އަދި އުފަނެއް ނުވެ އެވެ. އެ އިއްތިފާގުވުން އެ އަންނަނީ، ނާޝިދުގެ ކިބައިގައި ވަރަށް ގިނަ ކަންތައްތަކެއް، ވަރަށް ގިނަ ސިފަތަކެއް ހުރެގެންނެވެ. އޭނާގެ އަޚުލާގެވެ؛ ރީތި ރާގުތަކަކާއި މިއުޒިކްގެ ތަފާތު ސްޓައިލެވެ؛ އެ ފަންނެވެ؛ ރީތި އަޑެވެ؛ ހަމަ އެހެންމެ އޭނާ މިއަދު ވަކިވެ ވަޑައިގެންނެވި އިރު ދުނިޔެ ދޫކުރައްވާފައިވާ މަސައްކަތްތަކެވެ.

"ނާޝިދަކީ ރާއްޖޭގެ މިއުޒިކަށް ވަރަށް ވަރުގަދަ އިންގިލާބެއް ގެންނެވި ބޭފުޅެއް. އަޅުގަނޑުމެން އަދިވެސް މި އުޅެނީ އެ ހިސާބާ ގާތަށް ވެސް ނުދެވިގެން،" ރާއްޖޭގެ މިއުޒިކީ ދާއިރާގައި ވަރަށް ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ އިބްރާހިމް އަލީ (ކުޑައިއްބެ) ބުންޏެވެ.

ދިވެހިންގެ ތެރޭގައި ނާޝިދު އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ އޭނާ އާއި ކުޑައިރުގެ ދެ ރަހުމަތްތެރިއަކާ އެކު (ފަހުން ޒީރޯ ޑިގްރީގެ މެމްބަރުން ކަމަށްވާ މުހަންމަދު ހަސަން ދީދީ "މޯޖް" އާއި އަހުމަދު ނަސީރު) 1986 ގައި ނެރުނު "ރީތި ހަނދުވަރު" ލަވައާ އެކު އެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ހިމޭންކަމުގެ ހަގީގީ އިހުސާސްތަކެއް އެކުލެވޭ އެ ލަވަ ޓީވީއެމުން ވީޑިއޯ ހަދައިގެން ދެއްކުމާ އެކު، މުޅި ރާއްޖޭގައި "ހުމެއް"ހެން ފެތުރެމުން ދިޔަ އެވެ.

ރީތި ހަނދުވަރު ވީޑީއޯ ލަވަ

އެ ކާމިޔާބާ އެކު، 1987 ގައި ޒީރޯ ޑިގްރީ އެޓޯލް ބޭންޑް އުފައްދައި، ދިވެހިން ސިއްސުވާލި "ދޯނި" އަލްބަމް 1990 ގައި އުފަންވި އެވެ. މިއީ، ޝައްކެއް ވެސް ނެތް ގޮތުގައި ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ ހުނަރުވެރި މިއުޒިކީ މަސައްކަތެވެ. މި އަލްބަމްގެ 10 ލަވަ އުފެއްދުމަށް ޓަކައި އެކިއެކި ރަށްރަށަށް ތިން މެމްބަރުން ދަތުރުކޮށް ތަޖުރިބާތަކާއި ދިރާސާތައް ކޮށް އަދި ގުދުރަތީ އަޑުތަކުގެ ސާމްޕަލްތައް ނަގާފައި ވެ އެވެ. ލަވައިގައި ބޮޑުބެރާ އެކު ރާއްޖޭގެ ގުދުރަތީ އަޑުތަކާއި ދިވެހިންގެ އާދަކާދަތަކުގެ އަޑުތައް ކޮންމެ ލަވައެއްގައި ހިމަނާފައި ވެ އެވެ. ހަމައެހެންމެ، ނާޝިދުގެ ބައްޕަގެ ޅެންތަކާ އެކު ކޮންމެ ލަވައެއްގައި ވަރަށް ތިލަ ދިވެހި ބަހުން ދިވެހިންގެ ކޮންމެވެސް ވާހަކައެއް ކިޔައިދީފައި ވެ އެވެ. އެ އަލްބަމަށް 25 އަހަރުވެގެން ދިޔައިރު ވެސް އެ ފެންވަރުގެ އަލްބަމެއް ހެދިފައި ނުވާކަން އެއީ ފަހުގެ ޖީލުގެ މިއުޒީޝަނުން ލަދުވެތިކަމާ އެކު ގަބޫލުކުރާ ހަގީގަތެކެވެ.

"އެއީ މުޅިން ތަފާތު، ވަރަށް ބުރަ މަސައްކަތެއް. އެ ވަރުގެ ބުރަ މަސައްކަތެއް ރާއްޖޭގެ މިއުޒިކީ ދާއިރާއަކު އަދި ނުކުރޭ. ހިޔެއް ނުވޭ ކުރެވޭނެހެނެއް ވެސް،" ޒުވާން މިއުޒީޝަން، އަދި ނާޝިދުގެ ބައެއް ލަވަތައް ވަރަށް ފަހުން ކަވާ ކޮށްފައިވާ ހައިޝަމް މުހަންމަދު ރާޝިދު ބުންޏެވެ. "އެއީ ބުނަން ވެސް ނޭނގޭ ވަރުގެ މާ ބޮޑަށް ވެސް ހުނަރުވެރި މަސައްކަތެއް."

ހަގީގަތަކީ، ނާޝިދުގެ އެންމެ ގާތް އެކުވެރިޔާ އަދި ޒީރޯ ޑިގްރީ އެޓޮލްގެ މެމްބަރު މޯޖް ބުނިހެން، ނާޝިދަކީ އުފެދުމުގައި ވެސް މިއުޒީޝަނަށް ވުމެވެ. އޭނާގެ ހަޔާތުގެ ހުރިހާ ވަގުތެއް ހޭދަކުރެއްވީ މިއުޒިކް ކުޅުއްވުމުގަ އެވެ. ދަސްކުރެއްވުމާއި ތަޖުރިބާކުރެއްވުމުގަ އެވެ.

ޒީރޯ ޑީގްރީގެ "ކަޅުސޮރު"

"އަޅުގަނޑަށް ނާޝިދު ފެނިފައި ވަނީ ހަގީގީ މިއުޒީޝަނެއްގެ ސިފައިގައި،" މި ވަގުތު ނ. އަތޮޅުގައި ހުރެ މޯޖް ފޯނުން ބުންޏެވެ. "އޭނާ އަކީ ހަމަ ވަރަށް ތަފާތު، ހިތްހެޔޮ އަދި ކަމަށް ކަމޭހިތައިގެން އެ ކުރައްވާ ކަމަކަށް އިހުތިރާމް ކުރައްވާ ބޭފުޅެއް. ނާޝިދާ އެކު އެންމެ ކުޑައިރުން ފެށިގެން އުޅެމުން އެތަކެއް ބައިވަރު ޝޯތައް ދެވި ރިސޯޓްތަކަށާއި ރާއްޖެއިން ބޭރަށް ވެސް ދެވިއްޖެ. ވަރަށް ގިނަ ދުވަހު އެކީގައި ވަރަށް ކައިރީގައި އުޅެވިއްޖެ. އަޅުގަނޑު ބުނާނީ ނާޝިދަކީ އުފެދުމުގައި ވެސް މިއުޒީޝަނެކޭ."

"ދޯނި" އަލްބަމްގެ މިއުޒިކްތައް ތައްޔާރުކުރެއްވުމުގެ އިތުރުން އެ އަލްބަމްގެ ވަރަށް ގިނަ ލަވަތައް ވެސް އިސްވެ ކިޔުއްވާފައި ވަނީ ނާޝިދެވެ.

"އެ އަލްބަމްގެ ފުރިހަމައީ ހަމައެކަނި ރާގުތަކެއް ނޫންް. މުއްސަނދީ މިއުޒިކްތައް އެކަންޏެއް ވެސް ނޫން. އެހާމެ ފުރިހަމަ އަށް އެ ލަވަތައް ނާޝިދު ކިޔުއްވާފައި ހުރީ ވެސް. އަޅުގަނޑު ފާހަގަކުރަން ރާއްޖޭގައި ދިވެހި ބަސްތައް ހަމަ އެންމެ ފުރިހަމަ އަށް ރީތިކޮށް ކިޔުއްވާ ބޭފުޅަކީ ވެސް ނާޝިދުކަން،" ކުޑަ އިއްބެ ބުންޏެވެ. "އިނގިރޭސި ބަސްތައް ވެސް ދިވެހި ބަސްތައް ވެސް ހަމަ އެހާ ރީތިކޮށް ކިޔުއްވާފައި ހުރީ."

ޒީރޯ ޑިގްރީގެ "އެން ވަގުވީ"

ޚުދު ނާޝިދު ވެސް ގަބޫލުކުރައްވާ ގޮތުގައި "ދޯނި" އަލްބަމަކީ ތަފާތު މަސައްކަތެކެވެ. އެފަދަ އަލްބަމެއް ނުހެދިގެން މިއުޅެނީ ކީއްވެގެންތޯ، އޭނާ އާ ސުވާލުކުރުމުން އޭނާގެ ޖަވާބު ވަރަށް ތަފާތެވެ.

"ކޮންމެ ލަވައަކުން ވެސް މި ދައްކައިދެނީ މަންޒަރެއް. އެ މަންޒަރު ހަމަ އެ ގޮތަކަށް އެ ވިލާތައް ލައިގެން ދެވަނަ ފަހަރަށް ދެއްކުމަކީ ފަސޭހަ ކަމަކަށް ނުވާނެ،" ވަރަށް މަދުން ނޫނީ އިންޓަވިއު ނުދެއްވާ ނާޝިދު، މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ކޮލަމްބޯގައި ހުންނަވައި، ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެ އެވެ.

ޒީރޯ ޑިގްރީ އެޓޮލްގެ ދެ އަލްބަމާ އެކު ނާޝިދު ވަނީ އަމިއްލަ އެހެން އަލްބަމެއް ވެސް ނެރުއްވައިފަ އެވެ. ދެހާސް ދެ ވަނަ އަހަރު ނެރުނު، އަދި ބައިނަލް އަގުވާމީ ދެ އެވޯޑެއް ހޯދާފައިވާ "ބާޑް އިން ފްލައިޓް" އަކީ ނުވަ ލަވަ ހިމެނޭ އިނގިރޭސި ލަވަ އަލްބަމެކެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ރެކޯޑުކުރި ހަމައެކަނި އަލްބަމްގެ ޝަރަފު ވެސް އޮތީ ނާޝިދަށް ލިބިވަޑައިގެންފަ އެވެ. ޒީރޯ ޑިގްރީ އެޓޮލް ވަނީ ރާއްޖޭގެ ދިދަ ހިފައިގެން އެތަކެއް ގައުމެއްގައި ޝޯ ދީފަ އެވެ. ރާއްޖޭގައި ވެސް ގިނަ އަދަދަކަށް ޝޯ ދީފައި ވެ އެވެ.

"ފޫހިކަމެއް، ފޫހިވުމެއް ނެތި މިއުޒިކްގައި ދެމިހުންނެވި ބޭފުޅެއް އެއީ،" މޯޖް ބުންޏެވެ.

އުމުރުން 53 އަހަރުގައި ނާޝިދު މިއަދު އަވަހާރަވި އިރު، އޭނާގެ ދެ އަންހެން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ގެންދަވަނީ މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން ނާޝިދު ގެންދެވީ އޭނާގެ އާ އަލްބަމް "ޖާނީ"ގެ މަސައްކަތް ކުރައްވަމުންނެވެ. އެހެން ނަމަވެސް، މީގެ ފަސް އަހަރު ކުރިން ފެށިގެން ކުރިމަތިވެ ވަޑައިގަތް ކެންސަރު ބަލީގެ ސަބަބުން އެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.

ނާޝިދު އަވަހާރަވީ ކިޑްނީ އަށް ޖެހުނު ކެންސަރު ބަލީގަ އެވެ. މާލޭގައި އުޅުއްވަނިކޮށް އޭނާ ޑޮކްޓަރަށް ދެއްކުމުން ކެންސަރު ޖެހިފައިވާ ކަން އެނގިވަޑައިގަތުމާ އެކު، އިތުރު ފަރުވާ އަށް ބޭރަށް ވަޑައިގަތެވެ. އެހެން ނަމަވެސް، ޓެސްޓްތަކުން އެނގުނީ ނާޝިދުގެ ދެ ކިޑްނީ އަށް ވެސް ކެންސަރު ޖެހި، ސަލާމަތް ނުވާ ހިސާބަށް ގޮސްފައިވާ ކަމެވެ. އެހެން ނަމަވެސް ހިތްވަރު ދެރަކޮށް ނުލައްވައި، އެ ބައްޔާ އޭނާ ހަނގުރާމަ ކުރައްވަމުން ގެންދިޔަ އެވެ. ނާޝިދު "ހަވީރަ"ށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވާ ގޮތުގައި "ހިތްވަރު އެލުވާނުލައި ބަލިން ފަސޭހަވޭތޯ މަސައްކަތް ކުރާނެ" އެވެ.

"ﷲ އަށް އިތުބާރު އެބައޮތް،" އޭނާ ވިދާޅުވެފައި ވެ އެވެ.

ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި "އަ ޓްރިބިއުޓް ޓް ނާޝިދު" ޝޯ ނާޝިދު ބައްލަވާލައްވަނީ. ފޮޓޯ: މިސްކް

އެހެން ނަމަވެސް އޭނާގެ ބަލި ދިޔައީ ބޮޑުވަމުންނެވެ. މުޅި މީހާގެ ސިފަ ވެސް ބަދަލުވެގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ކުރަމުން އައި އަގުބޮޑު ފަރުވާތަކަށް އޭނާގެ ގާތް މީސްމީހުން އެހީވަމުން ދިޔައިރު، އެންމެ ފަހު ވަގުތު ވެސް ރާއްޖޭގެ ފަންނާނުން ދިޔައީ އޭނާ އަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުންނެވެ. އަދި، މީގެ ދުވަސްކޮޅެއް ކުރިން، ނާޝިދަށް އެހީވުމަށް ޓަކައި އޮލިމްޕަހުގައި ބޭއްވި ޝޯގައި ރާއްޖޭގެ ވަރަށް ފަންނާނުން ވަނީ ބައިވެރިވެފަ އެވެ. އެ ޝޯއިން ފެނުނު އެންމެ ބޮޑު އެއް ކަމަކީ، އެންމެ ފަހު ވަގުތު ވެސް ފަންނާނުންނާ އެކު ނާޝިދު ހުންނެވި މަންޒަރެވެ. މިއުޒިކަށް އޮތް ލޯތްބެވެ. ވަރަށް ބަލި ހާލުގައި ވެސް ނާޝިދު ވަނީ ވަގުތުކޮޅަކަށް އޮޕިމްޕަހަށް ވަޑައިގެންފަ އެވެ.

ރާއްޖޭގެ މިއުޒިކީ ދާއިރާ އަށް މިއަދު މި ކުރިމަތިވީ، ހުރިހާ މިއުޒީޝަނުން ވެސް ގަބޫލުކުރާ ގޮތުގައި ވަރަށް އަނދިރި ދުވަހެކެވެ. ބައެއް ލަވަކިޔުންތެރިންނާއި މިއުޒީޝަނުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޝުއޫރުތަކަށް ބަލާއިރު، އެވަރުގެ ހުނަރުވެރި އާޓިސްޓަކު ދެން މި ބިމުން އުފަން ނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

"ސުވާލަކީ ނާޝިދު ކުރި ވަރުގެ މަސައްކަތް އެހެން ބަޔަކަށް ނުކުރެވިގެން އުޅެނީ ކީއްވެގެންހޭ؟، ޖަވާބަކީ އެއީ ހަމައެކަނި އޭނާ އަށް ލިބިފައިވާ ހުނަރަކަށް ވާތީއޭ،" ޓްވިޓާގައި މީހަކު ފާޅުކޮށްފައިވާ ޚިޔާލެއްގައި ވެ އެވެ.

ނާޝިދު މީގެ މަހެއްހާ ދުވަސްކުރިން އައިޖީއެމްއެޗުގައި -- ފޮޓޯ؛ ސޯޝަލް މީޑިއާ

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ބުނެފައިވާ ގޮތުގައި ނާޝިދަކީ މިއުޒިކީ ބަތޮލެކެވެ. އެއީ ރާއްޖޭގައި ދެން އުފަން ނުވާވަރުގެ ކުޅަދާނަ ހުނަރުވެރިއެކެވެ. އަދި އޭނާގެ މިއުޒިކީ ހަޔާތް ފެށުމުގަ އާއި ނާޝިދުގެ މިއުޒިކުން ދަސްވި އެއްޗަކީ ވަރަށް ބޮޑު އެއްޗެއް ކަމަށް ބުނެ، ނާޝިދަށް ޝުކުރު އަދާކޮށްފައިވެ އެވެ.

އެއީ ވަރަށް ބޮޑު ތެދެކެވެ؛ ނާޝިދު އުފެއްދިވަރުގެ ދިވެހި ރާގުތަކެއް، އަދި އެ ފެންވަރުގެ ލަވަތަކެއް އަދި އުފަނެއް ނުވެ އެވެ. އެވަރުގެ ހުނަރުވެރިންނެއް މިއުޒިކީ ދާއިރާއިން ނުވެއް އުފެދެ އެވެ. މިއަދު ދިވެހި ވަރަށް ގިނަ މިއުޒީޝަނުންނަކީ ނާޝިދު އަޅައިދިން ފިޔަވަޅު މަތީގައި ހިނގަމުން އަންނަ ފަންނާނުންނެވެ. ނާޝިދު ރާއްޖެ އަށް ތައާރަފުކޮށްދިން މިއުޒިކަކީ ރާއްޖޭގެ ފަންނާނުންނަށް ދަސްކޮށްދިން އިލްމެކެވެ. ވަރަށް ގިނަ ލަވަކިޔުންތެރިންނަކީ ލަވަ ދަސްކުރުމުގައި ނާޝިދުގެ ސްޓައިލް ނަމޫނާ އަކަށް ބަލާ ލަވަކިޔުންތެރިންނެވެ. އޭނާގެ ލަވަ ކިޔުމާއި ގިޓާ ކުޅުމާއި އޭނާގެ ރާގުތަކަކީ ދިވެހިންނާ ވަކިވުމެއް ނެތް ހަނދާންތަކެކެވެ. ނާޝިދު ދޫކޮށްފައިވާ މިއުޒިކްތައް ދުވަހަކު ވެސް ބަލެއް ނުވާނެ އެވެ. ނާޝިދަކީ ލެޖެންޑެކެވެ. މިއީ، މަދުން ނޫނީ ދިވެހި ބިމުން ނުއުފެދޭ ވަރުގެ އަގުހުރި ދަރިއެކެވެ.