މި އަހަރު ފެންނާނެ ސުޕާމޫންތަކުގެ ތެރެއިން ދެ ވަނަ ސުޕަމޫން ފެނުނީ ރޭގަ އެވެ. މި ގޮތަށް ހަނދު އާދަޔާ ހިލާފަށް ދުނިޔެއާ ކައިރިން ފެންނާނެ ހަ ރެއެއް މި އަހަރު އަންނާނެ އެވެ. އެކަމަކު ރޭގެ ހަނދު ވަކިން ހާއްސަވީ ދުނިޔެއާ އެންމެ ކައިރިން، މި އަހަރު ހަނދު ފެންނާނީ ރޭގައި ކަމަށް ވީމަ އެވެ. ރޭގެ ހަނދުގެ ހިތްގައިމު ފޮޓޯތަކުން ސޯޝަލް މީޑީއާ މިއަދު އޮތީ ފުރާލައިފަ އެވެ.

މިއީ އޭގެ ތެރެއިން، ރޭގަނޑު ރާއްޖޭގެ އުޑުމަތީގެ ރީތި ފޮޓޯތައް ނަގަމުން އަންނަ ފޮޓޯގްރާފަރު މުހައްމަދު ތަލްއަތު ރޭގައި ނެގި ސުޕަމޫންގެ ފޮޓޯގަނޑެވެ.

"އޭގެ [ސުޕަމޫންއެއްގެ] ޑިފަރެންސް ފާހަގަވާނީ އެކަމުގެ ތެރޭގައި ގިނައިން އުޅޭ މީހަކަށް. އާދައިގެ މީހަކަށް ފާހަގަ ނުވެދާނެ. ކޮންމެވެސް ވަރަކަށް ދުނިޔޭގެ އޯބިޓާއި ހަނދު ކައިރިވީމަ، އޭރު އެ އަންނަ ކުޑަ ޕަސެންޓޭޖެއްގެ ތަފާތައް މި ކިޔަނީ ސުޕަމޫންނޭ،" މިދިޔަ ހަތް އަހަރު އެސްޓްރޯފޮޓޯގްރެފީ ޕްރެކްޓިސް ކުރަމުން އަންނަ، އައްޑޫގައި ދިރިއުޅޭ ތަލްއަތު ބުންޏެވެ.

ރޭގައި ފެނުނު ސުޕަމޫން.-- ފޮޓޯ: މުހައްމަދު ތަލްއަތު
ރޭގައި ފެނުނު ސުޕަމޫން.-- ފޮޓޯ: މުހައްމަދު ތަލްއަތު

މި ފޮޓޯ ތަލްއަތު ނެގީ 70-200 ގެ ލެންސަކާ އެކު ނިކޯން ޑީ850 ކެމެރާއަކުންނެވެ.

ކޮންމެ އަހަރަކު އަންނަ އެކި ސުޕަމޫންތަކުގެ ފޮޓޯތައް އޭނާ ނަގަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ފޮޓޯއަކަށް ވީ އެޕްރީލް 4، 2018 ވަނަ ދުވަހު ރޭގެ ސުޕަމޫންނެވެ. އެ ފޮޓޯ އޭނާ ނަގައިފައި ވަނީ ހަނދު އަރައިގެން އަންނަ ވަގުތު ވިލިމާލޭގައި ހުންނައިރު، މާލެ މަތިން ހަނދު ފެންނަ ގޮތަށެވެ.

އެޕްރީލް 4، 2018 ގައި ފެނުނު ސުޕަމޫން.-- ފޮޓޯ: މުހައްމަދު ތަލްއަތު
އެޕްރީލް 4، 2018 ގައި ފެނުނު ސުޕަމޫން.-- ފޮޓޯ: މުހައްމަދު ތަލްއަތު

"އެހާ ޕްރޯއެއް ނޫން، އެހާ ރީއްޗެއް ވެސް ނޫން. މި ބުނީ އޮފިޝަލީ އެކަމަށް އިންވެސްޓްކޮށްގެން، ހައި ގިޔާ ބޭނުންކޮށްގެން ނަގައިފައި ހުރި ފޮޓޯތަކާ ބަލައިފައި، އަހަރެން މި ގެންގުޅޭ ގިޔާތަކާ ބަލައިފައި ލިބޭ ރިޒަލްޓްސް ވަރަށް ހިތްހަމަޖެހެއޭ. މިނިމަން ގިޔާ ބޭނުންކޮށްގެން ޓްރައިކުރާތީވެ،" ވެޑިންނާއި އަދި ރިސޯޓް ފޮޓޯ ޝޫޓްތައް ވެސް ނަގަމުން އަންނަ ތަލްއަތު ބުންޏެވެ.

މިދުވަސްކޮޅު، ކޮރޯނާވައިރަސްއާ ގުޅިގެން އޭނާގެ ހުރިހާ މަސައްކަތެކެއްހެން އޮތީ ހުއްޓިފަ އެވެ.

"ރިސޯޓް ޕްރޮޖެކްޓްސްތަކާ، ލޯކަލް ވެޑިން އިވެންޓްތަކާއި އެއްކޮށް ހުއްޓިފައި، ތިން ވަރަކަށް ކެންސެލޭޝަން ވެސް އައިސްފި. ރީފަންޑް ވެސް ކުރަން ޖެހުނު،" ތަލްއަތު ބުންޏެވެ.