ޖެނީވާ (އެޕްރީލް 14) - ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެކަށީގެންވާ ވެކްސިނަކުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސް ވިދާޅުވީ ދުނިޔެ މިހާރު އޮތް ގޮތުން ވައިރަސް ފެތުރިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. އެކަން ކޮންޓްރޯލް ކުރެވެން އޮތީ ވެކްސިނަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮރޯނާވައިރަސް ފެތުރުން ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ އެކަށީގެންވާ ވެކްސިނެއް ތައްޔާރުކޮށްގެން،" ޖެނީވާގައި ވާހަކަ ދައްކަވަމުން ޓެޑްރޯސް ވިދާޅުވި އެވެ.

ތަޖްރިބާކާރުން ބުނަނީ ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ. ނަމަވެސް އޮކްސްފޯޑް ޔުނިވާސިޓީން އަންނަނީ ހަ މަސް ތެރޭ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ބައެއް ގައުމުތަކުން ސޯޝަލް ޑިސްޓެންސިން ފަދަ ފިޔަވަޅުތަކަށް ލުއިދެމުން އަންނަ އިރު ޓެޑްރޯސް ވިދާޅުވީ އެފަދަ ފިޔަވަޅުތަކަށް ލުއިދޭން ޖެހޭނީ އާއްމު ސިއްހަތުގެ އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ފަހު ކަމަށެވެ.

ކޮރޯނާވައިރަހަށް މުޅި ދުނިޔޭން މިހާތަނަށް ވަނީ 1,934,292 މީހުން ޕޮޒިޓިވްވެ 120,438 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 456,599 މީހުންނެވެ.