ޓެސްޓްކުރަމުން އަންނަ މެލޭރިއާ ވެކްސިން އާރް21 ގެ ދެ ވަނަ ފޭހުގެ ޓެސްޓްތަކުން ވެސް ދައްކަނީ އުންމީދީ ނަތީޖާއެއް ކަމަށާއި މި ވެކްސިނަކީ މެލޭރިއާ ބައްޔަށް ހޯދޭނެ ވަރަށް ބޮޑު ފަރުވާއަކަށް ވާނެ ކަމަށް ބުނެފި އެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އުފައްދާފައިވާ ވެކްސިންގެ ދެ ވަނަ މަރުހަލާ އިރު ނިންމައިލި އިރު، އޭގެ އެފިޝަންސީ ދައްކަނީ ބައްޔާ ދެކޮޅަށް 77 ޕަސެންޓަށް މަސައްކަތްކުރާ އެއްޗެއްގެ ގޮތުގަ އެވެ. އެ ނިސްބަތަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައި އޮތް މެލޭރިއާ ވެކްސިން ޓެކްނޮލޮޖީ ރޯޑްމެޕްގައި އޮތް ނިސްބަތަށް ވުރެ ދެ ޕަސެންޓް އިތުރު މިންވަރެކެވެ. އެހެންވެ ނަތީޖާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް އޮކްސްފޯޑްގެ ޓީމުން ބުންޏެވެ.
ވެކްސިންގެ ދެވަނަ ފޭސް ކުރިއަށް ގެންގޮސްފައި ވަނީ ބުރްކީނާ ފާސޯގައި 5-17 މަހާ ދެމެދުގެ 450 ކުދިންނަށް ދީގެން 12 މަސް ދުވަހުގެ މުއްދަތަށެވެ. ނަތީޖާތަކުން ދައްކާ ގޮތުގައި ވެކްސިންގެ ސަބަބުން ސިއްހީ އިތުރު އެއްވެސް މައްސަލައެއް ވެސް ދިމާވެފައެއް ނުވެ އެވެ.
އެހެންވެ ދެން އޮތީ އާރް21 ވެކްސިންގެ ތިން ވަނަ ފޭހެވެ. އެ ފޭސް ކުރިއަށް ގެންދާނީ އެފްރިކާ ބައްރުގެ ގައުމުތަކުގެ 5-36 މަހާ ދެމެދުގެ 4،800 ކުދިންނަށް ވެކްސިން ދީގެންނެވެ.
މެލޭރިއާ ވެކްސިނަކީ އޮކްްފޯޑުން އިންޑިއާގެ ކުންފުނި ސީރަމް އިންސްޓިޓިއުޓާއި އެމެރިކާގެ ނޯވަވެކްސް ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ. ވެކްސިންގެ ޓެސްޓްތަކުން އުންމީދީ ނަތީޖާތަކެއް ދައްކާތީ އޮކްސްފޯޑް ޔުނިވަސިޓީގެ އަމާޒަކީ ވިޔަފާރި އުސޫލުން އަހަރަކު 200 މިލިއަން ޑޯޒް ވެކްސިން ނެރުމެވެ.
އޮކްސްފޯޑް އިން ބުނި ގޮތުގައި އާރް21 އަކީ ދެން މާ ގިނަ ދުވަސްތަކެއް ނުވެ، ރަސްމީކޮށް ހުއްދަ ލިބޭނެ ވެކްސިނެކެވެ. މިއާ އެކު މިއީ މެލޭރިއާ ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންގިލާބީ ބަދަލެއް ގެނުވާނެ ކަމެކެވެ.
މެލޭރިއަކީ މަދީރިގެ ސަބަބުން ޖައްސާ ބައްޔެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ބަލީގައި އަހަރަކު 435،000 މީހުން މަރުވާ އިރު، އޭގެ ތެރޭގައި ފަސް އަހަރުން ދަށުގެ ކުޑަކުދިން ގިނަ އެވެ. މެލޭރިއާގެ ބަލީގެ 94 ޕަސަންޓް މީހުންނަކީ އެފްރިކާގެ ގައުމުތަކުގެ މީހުން ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.