ކޮވިޑް-19 ފެތުރުމުގެ ސަބަބުން ރާއްްޖެ އަށް ކުރިމަތިވެދާނެ ނުރައްްކާތެރި ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، ގެންނަން ބޭނުންވާ 200 ވެންޓިލޭޓަރު ހޯދަން ރާއްޖޭގެ ދެ ކުންފުންޏެއްގެ އިތުރުން ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށާއި އެކަން އެގޮތަށް ކުރީ އިތުބާރު ހިފޭ ބަޔަކަށް ވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ވެންޓިލޭޓަރު ގެންނަން ބަޔަކާ ހަވާލުކޮށްފައިވޭތޯ އާއި ވެންޓިލޭޓަރު ގެންނަން ހޭދަވާނެ މުއްދަތު އޮޅުން ފިލުއްވުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަށް އަމީން އިއްޔެ ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ބިޑްކުރުމަކާ ނުލައި، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުން ކަމަށެވެ.
އެގޮތަށް ހަވާލުކުރި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ވެންޓިލޭޓަރުތައް ހޯދުމަކީ ވަރަށް އަވަހަށް ކުރަން ޖެހޭ ކަމަކަށް ވާތީ އާއި އެ ކުންފުނިތަކުން ފޮނުވިި ކޯޓޭޝަނާއި ސްޕެސިފިކޭޝަންސް ރަނގަޅުވެ، އެެއީ އިތުބާރު ހިފޭ ކުންފުނިތަކަކަށް ވުމުން ކަމަށް ވެސް އަމީން ވިދާޅުވި ވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އިއްވި ސިޓީގައި މިނިސްޓަރު އަމީން ވިދާޅުވި ގޮތުން، ވެންޓިލޭޓަރު ގެނައުމަށްޓަކައި ފުރަތަމަ އަގު ހޯދީ އެސްޓީއޯގެ އިތުރުން މެޑްޓެކާއި ނާޑް ޕްރައިވެޓް ލިމިޓެޑުންނެވެ. ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ މީގެ ތެރެއިންް މެޑްޓެކާއި ނާޑް ކުންފުންޏާ އެވެ.
"...މި ކުންފުނިތަކަކީ ވޭތުވެދިޔަ ތަނުގައި މިނިސްޓްރީ އަށް މެޑިކަލް އިންސްޓްރޫމެންޓް އަދި މެޝިނަރީ ސަޕްލައި ކޮށްދެމުންދާ، މިނިސްޓްރީ އަށް އިތުބާރު ހިފޭ ކުންފުނިތަކުގެ ތެރެއިން ވެންޓިލޭޓަރު ގެނެވިދާނެ ކަމަށް މިނިސްޓްރީ އަށް ފެންނަން ތިން ކުންފުނި ކަމަށްވާ އެސްޓީއޯ، މެޑްޓެކް ޕްރައިވެެޓް ލިމިޓެޑް އަދި ނާޑް ޕްރައިވެޓް ލިމިޓެޑް އެވެ،" އަމީން ވިދާޅުވި އެވެ.
"މި ތިން ކުންފުނިން ފޮނުވާފައިވާ ކޯޓޭޝަނާ ސްޕެސިފިކޭޝަންތައް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ބެލުމަށް ފަހު، އެތަކެއްޗަކީ ރަނގަޅު ތަކެތި ކަމަށް ފެންނާތީ އަދި މި ތަކެެއްޗަކީ ވަރަށް އަވަހަށް ހޯދަން ޖެހޭ ތަކެތި ކަމަށް ވާތީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުންް ދެ ކުންފުންޏަކާ ވާނީ 19 މާޗް، 2020 ގައި ހަވާލުކުރެވިފަ އެވެ."
"...މި ކުންފުނިތަކަކީ ވޭތުވެދިޔަ ތަނުގައި މިނިސްޓްރީ އަށް މެޑިކަލް އިންސްޓްރޫމެންޓް އަދި މެޝިނަރީ ސަޕްލައި ކޮށްދެމުންދާ، މިނިސްޓްރީ އަށް އިތުބާރު ހިފޭ ކުންފުނިތަކުގެ ތެރެއިން ވެންޓިލޭޓަރު ގެނެވިދާނެ ކަމަށް މިނިސްޓްރީ އަށް ފެންނަން ތިން ކުންފުނި ކަމަށްވާ އެސްޓީއޯ، މެޑްޓެކް ޕްރައިވެެޓް ލިމިޓެޑް އަދި ނާޑް ޕްރައިވެޓް ލިމިޓެޑް އެވެ،" އަމީން
އަމީން ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުތައް ގެނައުން ލަސްވަނީ ބޮޑެތި ދަތިތަކެއް ދިމާވެގެން ކަމަށް އެ ކުންފުނިތަކުން ބުނާ ކަމަށެވެ. އޭގެ ތެރޭގައި، ގައުމުތައް ލޮކްޑައުން ވުމާއި ވެންޓިލޭޓަރު އުފައްދާ ކުންފުނިތަކަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވުން ހިމެނޭ ކަމަަށް އަމީން ވިދާޅުވި އެވެ.
"އަދި މިއީ ކޯޓޭޝަން ހޯދި އިރު ކުންފުނިތަކަށް އުއްމީދު ކުރެވުނު ގޮތެެއް ނޫން ކަމަށް ވެސް ކުންފުނިތަކުން ވަނީ އަންގާފަ އެވެ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ކުންފުނިތަކުން ވެންޓިލޭޓަރުތަކަށް އަގު ދައްކާފައިވާ ކަން މިނިސްޓްރީއަށް އެނގޭ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
އަންނަ މަހު ވެންޓިލޭޓަރުތައް ލިބެން ފަށާނެ
ކުންފުނިތަކުން ދީފައިވާ މައުލޫމާތުގެ އަލީގައި މިނިސްޓަރު ވިދާޅުވީ، މެޑްޓެކް މޯލްޑިވްސްއާ ހަވާލުުކުރި ވެންޓިލޭޓަރުގެ ތެރެއިން 18 ވެންޓިލޭޓަރު އަންނަ މަހުގެ އެކެއްގައި، 10 ވެންޓިލޭޓަރު އަންނަ މަހުގެ 15 ގައި ރާއްޖެ ގެންނާނެ ކަމަށެވެ. ބާކީ ވެންޓިލޭޓަރުތައް ގެނެވޭނެ އިރެއް އޭނާ ވިދާޅުވި ގޮތުގައި ފަހުން އަންގާނެ އެވެ.
ނާޑް ކުންފުންޏާ ހަވާލުކުރި 20 ވެންޓިލޭޓަރު އުފައްދާ ކުންފުނިން އެ އުފެއްދުން ލަސްވުމުން، އެހެން ގޮތެއް ހޯދަން މަަސައްކަތް ކުރަމުން އަންނަ ކަަމަށް އަންގާފައިވާ ކަަމަށް ވެސް އަމީން ވިދާޅުވި އެވެ.
ރާއްޖޭގެ ދެ ކުންފުނީގެ އިތުރުން 75 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ އެވެ. އެ ކުންފުންޏާ ވެސް ހަވާލުކޮށްފައި ވަނީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ނުވަތަ ބިޑްކުރުމަކާ ނުލަ އެވެ. އަމީންގެ ސިޓީގައިވާ ގޮތުން އެ ކުންފުނިން އަންނަ މަހުގެ އެކެއްގައި 10 ވެންޓިލޭޓަރު ރާއްޖެ ގެންނާނެކަން ވަނީ އަންގައިފަ އެވެ.
ދައުލަތުގެ ކުންފުނި އެސްޓީއޯއިން ވެންޓިލޭޓަަރު ގެެންނަން ހެލްތު މިނިސްޓްރީއަށް މާ ކުޑަ އަގެއް ހުށަހަޅާފައި ވަނިކޮށް އަމިއްލަ ކުންފުނިތަކަކާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަގުބޮޑުކޮށް ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ކުރިން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
މަޖިލީހަށް އަމީން ފޮނުއްވި ސިޓީގައި ވެންޓިލޭޓަރުތައް ގެންނަ އަގާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނެތަސް އަގުތައް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ ކުރިން އަގުތައް ހާމަކުރައްވައިފަ އެވެ.