ބިލް ނުދެއްކުނަސް މުއާސަލާތީ ހިދުމަތް ކަނޑާނުލަން އިކޮނޮމިކް މިނިސްޓަރު އެދިވަޑައިގެންފި

ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ އިގްތިސާދީ ދަތިކަމުގައި މުއާސަލާތީ ހިދުމަތްތަކުގެ ބިލް ނުދެއްކުނަސް އާންމުންނަށް އެ ހިދުމަތް ކަނޑާނުލުމަށް އިކޮނިމިކް މިނިސްޓާ ފައްޔާޒް އިސްމާއިލް އެދިވަޑައިގެންފި އެވެ.


މި ދަނޑިވަޅުގައި އުރީދޫ އަދި ދިރާގުން، ބިލް ނުދެއްކޭ މީހުންގެ ލައިން ކަނޑާލަމުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް މީހަކު ކޮށްފައިވާ ޓުވީޓެއް ރިޓުވީޓްކުރައްވައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ މުއާސަލާތީ ކުންފުނިތަކުން މިހާރު ވެސް ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށާއި ނަމަވެސް މި ދަނޑިވަޅުގައި ލައިންތައް ކަނޑާލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެހެންވެ އެކަން އެހެން ނުކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

މިނިސްޓަރުގެ މި ޓުވީޓަށް ތާއީދުކޮށް ބައެއް މީހުން ކޮށްފައިވާ ޓްވީޓްތަކުގައި ބިލް ދައްކާނެ އެއްވެސް ގޮތެއް ނެތި ލައިން ކަނޑާލާފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އަދި ބިލް ދެއްކުމުން ވެސް ލައިން ކަނެކްޓް ނުވާ ކަމުގެ ޝަކުވާތައް ވެސް ކޮށްފައިވެ އެވެ. އަދި މިފަދަ މައްސަލަތަކާ ގުޅިގެން ކަސްޓަމާ ކެއާ ޚިދުމަތް ވެސް ނުލިބޭ ކަމުގެ ޝަކުވާތައް ކޮށްފައިވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މި ހާލަތުގައި އެއްވެސް ލައިނެއް ކަނޑައިނުލަން އުރީދޫ އިން ވަނީ ކުރިން ނިންމައިފަ އެވެ. އަދި މާޗު މަހުން ފެށިގެން އެގޮތަށް އަމަލުކުރާނެކަން ވަނީ އިއުލާންކޮށްފަ އެވެ.

ރާއްޖޭގައި އިންޓަނެޓާއި މުއާސަލާތީ ހިދުމަތުގެ އަގު ނިސްބަތުން ބޮޑު ކަމަށް ބުނެ އާންމުން އަބަދުވެސް ޝަކުވާކުރެ އެވެ. އަދި މިހާރު އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި މި ޝަކުވާ، މުއާސަލާތީ ކުންފުނިތަކަށް އަމާޒުވުން ވަނީ އިތުރުވެފަ އެވެ.