ދެހާސް އަށާރަ ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދލް ގައްޔޫމާ ނުލައި ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި އެ މަނިކުފާނާ ކޯލިޝަން ހަދާނެ ބަޔަކު މިހާރު ރާއްޖޭގައި ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ތެރޭގައި ކޯޅުންތައް އުފެދި ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާ އިރު، މައުމޫން އެ ޕާޓީގެ ކައުންސިލަށް އަލަށް އައްޔަން ކުރެއްވި އުމަރު ނަސީރު ވިޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބު ޔާމީނަށް ކާމިޔާބު ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.

"ރައީސް ޔާމީން ދެން އިންތިހާބެއް ނުކުރެވޭނެ. ވޯޓަކުން ވިންއެއް ނުވާނެ ދެނެއް. އެއީ ހަމަ ސަތޭކަ ޕަސަންޓް ޔަގީން ކަމެއް." ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ވެރިކަމަށް އާދެވެނީ ވެސް މިހާރު ވަރަށް ބޮޑު ކޯލިޝަންއެއްގެ ތެރެއިން ކަމަށެވެ.

"ކޯލިޝަނެއް ނަހަދައި މި ގައުމުގައި ވެރިކަމަށް އާދެވޭނެ އެއްވެސް ފޯމިއުލާއެއް ނޯންނާނެ. އެއީ އެމްޑީޕީ ކަމަށް ވިޔަސް ޕީޕީއެމް ކަމަށް ވިޔަސް އެންމެ ވަރުގަދަ ދެ ޝަހުސިއްޔަތުންނަކީ ރާއްޖޭގައި ރައީސް މައުމޫނާއި ރައީސް ނަޝީދު،" އުމަރު ވިދާޅުވި އެވެ. "މިއަދު ކާކުތޯ ރައީސް ޔާމީނާ އެކު ކޯލިޝަން ހައްދަވާނީ. ނެތް އެމަނިކުފާނާ ކޯލިޝަން ހައްދަވާނެ އެއްވެސް ބޭފުޅެއް."

އޭނާ ވިދާޅުވީ ރައީސް ޔާމީނާ އެއްވެސް ބަޔަކު ކޯލިޝަން ނަހަދާނެ މައިގަނޑު ސަބަބަކީ ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެން "އެ މަނިކުފާނާ އެކު ދަތުރު ކުރެެއްވި އެންމެެން ކަނޑަށް އެއްލައްވާލެއްވުން" ކަމަށެވެ.

"އެހެންވީމާ ދެހާސް އަށާރަ ކައިރިވަމުން އަންނަ އިރު އެ މަނިކުފާން އިންނެވީ ހަމަ ގިނިކަންޏާ. ދެން އެ މަނިކުފާން އިންތިހާބު ކުރެވޭނެ އެއްވެސް ފޯމިއުލާއެއް ނޯންނާނެ،" އުމަރު ވިދާޅުވި އެވެ. "އެއީ ހަމަ ޒީރޯ ޗާންސަސް."

އޭނާ އަދި ވިދާޅުވީ ޕީޕީއެމުން އިންތިހާބު ކުރި ރައީސަށް އެ ޕާޓީގެ ތެރެއިންނާއްި ހާއްސަކޮށް ޕާޓީގެ ރައީސް މައުމޫންގެ ފަރާތްޕުޅުން ފާޑު ކިޔުންތައް އަމާޒު ވާނީ ކަންތައްތައް ވަރަށް ބޮޑަށް ގޯހުން ގޯހަށް ދިއުމުން ކަމަށެވެ.

"ވަކިން ހާއްސަކޮށް ރައީސް މައުމޫން އެ މަނިކުފާންގެ އަމިއްލަ ކުލަބުގެ ކޮއްކޮ އަށް ފާޑު ވިދާޅުވާނީ ކަންކަން ވަރަށް ބޮޑަށް ގޯސްވީމަ،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް ވެރިކަމަށް އައީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ރައްޔިތުންނަށް ތަރައްގީ ގެނެސް ދޭން ކަމަށެވެ. އަދި ކޮންމެ ޕާޓީއެއް ވެސް އުފެދިގެން އަންނަނީ ގަބޫލް ކުރާ އުސޫލްތަކާއި ހަމަތަކުގެ މަތިން ކަމަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް މިއަދު ފެނިގެން ދަނީ ހަމަތަކާއި އުސޫލްތަކާ ދުރަށް ޕާޓީގެ ކަންކަން ދާ މަންޒަރު ކަމަށް އުމަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއެކު ރައީސް މައުމޫން މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއެކު ރައީސް މައުމޫން މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

"މި ސަރުކާރު މިހާ ހިސާބަށް އައި އިރު މި ފެނުނީ އުސޫލްތަކާއި ހަމަތަކާ ދުރަށް މި ގައުމު މި ސަރުކާރު ދިޔަ މަންޒަރު. ދެން އެކަން ހަމަޖެއްސޭތޯ ޕާޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުން ރައީސް މައުމޫން ވަރަށް މަސައްކަތް ކުރެއްވި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިން އަހަރުވީ އިރު މިހާރު ފެންނަނީ މަޑުން ތިބެވޭ ވަރަށް ކަންކަން ބޮއްސުންލައިފައިވާ ތަން ކަމަށެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮވެ، ގަބޫލު ނުކުރެވޭ ކަހަލަ ވަރަށް ގިނަ ކަންކަން ހިނގާފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތެދުވީ ޕާޓީގެ އުސޫލުތަކުގެ ދިފާއުގައި. ޑީއާރްޕީ ތެރޭގައި ތިބެފައި ވެސް ނިކުތީ އަޅުގަނޑުމެން ގަބޫލް ކުރާ ހަމަތަކާއި އުސޫލްތަކުގެ ދިފާއުގައި،" އުމަރު ވިދާޅުވި އެވެ. "މިއީ އެއްގޮތަކަށް ވެސް ރައީސް މައުމޫނާ ރައީސް ޔާމީނާ ދޭތެރޭގައި އޮތް މައްސަލައެއް ނޫން. މިއީ އަޅުގަނޑުންނާ ރައީސް ޔާމީނާ އަދި އަޅުގަނޑުމެންނާ ޕާލިމަންޓް ގްރޫޕާ ދޭތެރޭ އޮތް މައްސަލައެއް ވެސް ނޫން. މިއީ އަޅުގަނޑުމެން ގަބޫލް ކުރާ ހަމަތަކުން ނެއްޓިގެން ދިޔައިމަ ރައީސް ޔާމީން ކަމަށް ވިޔަސް އަދި އެހެން ބޭފުޅަކު ކަމަށް ވިޔަސް އަޅުގަނޑުމެން ތެދުވާނަން."

އުމަރު އަދި ވިދާޅުވީ ރައީސް ޔާމީންގެ ފެކްޝަކުން ރައީސް މައުމޫނާ ދޭތެރޭ އަމަލު ކުރާ ގޮތުން ހިތާމަ ކުރައްވާ ކަމަށެވެ.

އަދި އެ މަނިކުފާނު ޕީޕީއެމުން ބޭރު ކުރާ ދުވަހަކީ އެ ޕާޓީ ހަމައެކަނި ތޮށިގަނޑަކަށް ވާނެ ދުވަސް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ރައީސް ޔާމީނަށް ޕީޕީއެމް ލިބިދާނެއޭ. އެކަމަކު ލިބޭނީ ހުސް ތޮށިގަނޑު. އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލާނަން. ހުސް ތޮށިގަނޑު،" އުމަރު ވިދާޅުވި އެވެ.