ވަގުތީ ކައުންސިލްތަކުގެ ބައެއް ބާރުތައް ބޭނުން ކުރަން ޚާއްސަ ހުއްދަތަކެއް ނަގަންޖެހޭ ގޮތަށް ކޮމެޓީން ފާސްކޮށްފި

އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން، މިހާރު ތިބި ކައުންސިލް މެމްބަރުން ވަގުތީ ގޮތުން މަގާމުގައި ދެމި ތިބޭ މުއްދަތުގައި ކައުންސިލްގެ ބައެއް ބާރުތައް ބޭނުން ކުރުމުގައި ޚާއްސަ ހުއްދަތަކެއް ނަގަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ފާސްކޮށްފި އެވެ.


ކޮވިޑް-19އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ފަސް ކޮށްފައިވާއިރު، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު އަންނަ ހަފުތާގައި ހަމަވެ އެވެ. އެހެންވެ، އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ މަގާމުގައި ދެމި ތިބޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ވަނީ ހުށަހަޅާފައި ވާއިރު ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި އެކަމަށް ޚާއްސަ ގާނޫނެއް ފާސް ކުރުމުގެ ބިލެއް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް އޮތީ ހުށަހަޅުއްވައިފަ އެވެ.

އޭގެ ތެރެއިން ހަސަން ހުށަހެޅުއްވި ބިލް މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ދިރާސާ ކުރުމަށް ފަހު އެ ކޮމެޓީން މިދިޔަ އަންގާރަދުވަހު ނިންމީ ކައުންސިލް މެމްބަރުންގެ ދައުރު އިތުރު ކުރުމުގެ ބައި އެ ބިލުގައި ނުހިމެނުމަށެވެ. އެކަމަކު އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރުގެ ކައުންސިލް މެމްބަރުން ވަގުތީ ގޮތުން މަގާމުގައި ދެމި ތިބޭ މުއްދަތުގައި ބައެއް ބާރުތައް ބޭނުން ކުރުމުގައި ޚާއްސަ ހުއްދަތަކެއް ނަގަންޖެހޭ ގޮތަށް އެ ބިލަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ކުރިން އެ ބިލް އޮތްގޮތުން ކައުންސިލްތަކަށް އާންމު އުސޫލުން ލިބޭ ހުރިހާ ބާރެއް ވަގުތީ ގޮތުން ކައުންސިލް މެމްބަރުން މަގާމުގައި ދެމި ތިބޭ މުއްދަތުގައި ވެސް އޮންނާނެ އެވެ. އެކަމަކު ކޮމެޓީން ބިލަށް ބަދަލު ގެނައީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިންތަކާއި އިމާރާތްތައް ވިއްކުމާއި ހަ މަހަށް ވުރެ ގިިނަ ދުވަހަށް ކުއްޔަށް ދިނުމާއި ދަރަންޏަށް ފައިސާ ނެގުމާއި ފައިސާ ދޫކުރުމާއި އާންމު ޚިދުމަތްތަކަށާއި ވިޔަފާރިތަކަށް އިންވެސްޓް ކުރުމުގެ އިތުރުން އިދާރީ އޮނިގަނޑަށް ބަދަލު ގެނައުން އަދި މުވައްޒަފުން ނެގުމާއި ވަކި ކުރުމުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ކައުންސިލްތަކުން ހޯދަންޖެހޭ ގޮތަށެވެ.

މީގެ އިތުރުން ގާނޫނީ އަދަދު ހަމަވާ މިންވަރަށް ވަގުތީ ކައުންސިލެއްގައި މެމްބަރުން ނެތަސް، އިތުރު މެމްބަރުން އިންތިޚާބު ނުކުރުމާއި އެފަދަ ހާލަތްތަކުގަައި އަމަލު ކުރަންޖެހޭ އުސޫލެއް އެލްޖީއޭ އިން ކަނޑައަޅަން ޖެހޭ ގޮތަށް ވެސް އެ ބިލަށް ވަނީ ބަދަލު ގެނެސްފަ އެވެ. އަދި ވަގުތީ ގޮތުން ކައުންސިލްތައް ހިންގަންޖެހޭ އުސޫލުތައް އެލްޖީއޭއިން ކަނޑައެޅުމާއި ގާނޫނާ ޚިލާފްވާ މެމްބަރުންނަށް ފިޔަވަޅު އެޅުމުގެ ބާރު އެ މުއްދަތުގައި ވެސް އެލްޖީއޭއަށް ލިބޭ ގޮތަށް ކޮމެޓީން ގެނައި ބަދަލުތަކުގެ ތެރޭގައިވަނީ ހިމަނައިފަ އެވެ.

އެ ބިިލް މިހާރު އޮތްގޮތުން ވަގުތީ ގޮތުން މަގާމުގައި ދެމި ތިބޭ މުއްދަތުގައި ވެސް، ކައުންސިލްތަކުގެ އާމްދަނީ އާއި މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ ހިސާބުތައް އެލްޖީއޭ އާއި އޮޑިޓާ ޖެނެރަލަށް ފޮނުވަން ޖެހޭނެ އެވެ.

އެގޮތަށް ލާމަރުކަޒީ ކޮމެޓީން ބިލް ފާސް ކުރިއިރު، ކައުންސިލް މެމްބަރުންގެ ދައުރު އިތުރުކުރަން ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހު ވެސް ބަލައިގަނެ، މުޅި މަޖިލިސް ހިމެނޭ ކޮމެޓީއަކަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެކަމަކު ގާނޫނު އަސާސީ އިސްލާހު ނުކޮށް އެފަދަ ބަދަލެއް ގެނެވޭނެ ކަމާ މެދު މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވުމުން މަޖިލީހުން މިހާރު ވަނީ އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިފަ އެވެ.