ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގައި، ބޯހިޔާވަހި ކަމާއި ވަޒީފާތައް ފަދަ އަސާސީ ކަންކަން ރައްކާތެރިކުރަން ޚާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބިލު 2020" ގެ ނަމުގައި މަޖިލީހަށް ފޮނުވި އެ ބިލުގައި ވަޒީފާ އިން ވަކި ކުރުމާއި ކުއްޔަށް ދިރިއުޅޭ ތަންތަނުން މީހުން ނެރުމުގެ އުސޫލުތަކާއި ޓެކްސް ނެގުމުގެ ޚާއްސަ އިޖްރާއާތެއް ވެސް ވަނީ ބަޔާންކޮށްފަ އެވެ. މިއީ ކޮވިޑް-19 ފެތުރޭތީ މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމި 60 ދުވަސް ހަމަވުމުން އުވޭ ގޮތަށް ހަދާ ގާނޫނެކެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ނެެރުނު ބަޔާނުގައި ބުނީ ކުއްޔަށް ދިރިއުޅޭ ތަންތަނުން މީހުން ނެރުމުގައި މަދުވެގެން ދެ މަހުގެ ނޯޓިހެއް ދޭންޖެހޭ ގޮތަށް ހަމަޖެއްސުމާއި އެފަދަ ތަންތަނުން އަސާސީ ޚިދުމަތްތައް މެދުކަނޑާލުން މަނާކުރުމުގެ އިތުރުން އެފަދަ ކަންކަމާ ގުޅޭ ޝަކުވާގެ ނިޒާމެއް އެ ބިލުގެ ދަށުން ހައުސިން މިނިސްޓްރީގައި ގާއިމްކުރެވޭނެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ތަނެއްގެ މައްޗަށް ރަހުނެއް އޮތް ނަމަ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމޭތާ 60 ދުވަސް ވަންދެން އެ ރަހުނެއް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އެޅުން އެ ބިލުގެ ދަށުން މަނާ ކުރެވޭނެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު އުސޫލުން މީހުން ވަޒީފާއިން ވަކިިކުރުމާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުމާއި މުސާރަތައް ކުޑަކުރުން ވެސް އެ ބިލުގެ ދަށުން މަނާ ކުރެވޭނެ އެވެ. އެކަމަކު ބަޔާނުގައިވާ ގޮތުން، ވަޒީފާ ދޭ ފަރާތަށް ނުރަނގަޅު އަސަރުތަކެއް ކުރުމުގެ ސަބަބުން އާމްދަނީ ދަށްވެ، މުވައްޒަފުންނަށް ކުރިން ދެވޭ މުސާރަތައް ނުދެވޭ ނަމަ، އެފަދަ ފިޔަވަޅުތައް މުވައްޒަފުންނާ މެދު އެޅުން ހުއްދަ ކުރެވޭނެ އެވެ.
މީގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ހައްގުވާ ޗުއްޓީތަކުގެ އިތުރަށް މުވައްޒަފުންނަށް ޚާއްސަ ޗުއްޓީތަކެއް ހަމަޖައްސައިދޭން ވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން ކަރަންޓީގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށާއި ލޮކްޑައުންގެ ސަބަބުން ވަޒީފާއަށް ނުދެވޭ މުވަައްޒަފުންނަށް ވެސް ޚާއްސަ ޗުއްޓީއެއް ހަމަޖައްސައި ދިނުމަށް އެ ބިލުގެ ދަށުން ލާޒިމްވެ އެވެ. އަދި މުވައްޒަފަކު ބަލަންޖެހޭ މީހަކު ކަރަންޓީގައި ނުވަތަ އައިސޮލޭޝަންގައި މަޑުކުރަން ޖެހޭ ހާލަތްތަކުގައި ވެސް މުވައްޒަފަށް ޗުއްޓީއެއް ދިނުން ލާޒިމްވެ އެވެ.
އެ ބިލުގައި ހިމެނޭ މުހިންމު ކަންކަން
- ކުއްޔަށް އުޅޭ މީހުން ގެއިން ނެރުމަށް ޚާއްސަ އުސޫލުތަކެއް
- ވަޒީފާއިން ވަކި ކުރުން މުސާރަ ކުޑަކުރުން އާންމު އުސޫލުން މަނާ ކުރުން
- ހައްގުވާ ޗުއްޓީގެ އިތުރަށް ޚާއްސަ ޗުއްޓީތަކެއް
- ބައެއް ޓެކްސްތައް ނެގުން ފަސްކުރުން
އެ ބަޔާނުގައިވަނީ ޓެކްސްއާ ގުޅޭ ކަންކަމަށް އެ ބިލުގެ ދަށުން ލުއި ދެނީ އިންކަމް ޓެކްސާ ގުޅިގެން ދައްކަން ޖެހޭ އިންޓަރިމް ޕޭމަންޓްތައް ވަގުތީ ގޮތުން ފަސް ކުރުމަށާއި އެކަމާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް ހުށަހެޅުން ފަސްކުރާ ގޮތަށެވެ. އަދި މުވައްޒަފުންގެ ވިތު ހޯލްޑިންގެ ޓެކްސް ނެގުން ވެސް ވަކި މުއްދަތަކަށް ފަސް ކުރަން އެ ބިލުގައި ހިމަނާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޝަރީއަތްތައް އާންމުކޮށް ހުޅުވާ ނުލައި ހިންގުމާއި ވީޑިއޯ ކޮޮންފަރެންސްކޮށް ޝަރީއަތް ކުރެވޭ ގޮތް ހަމަޖެއްސުމާއި ބައެއް ގާނޫނުތަކުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ޝަރުއީ އިޖްރާއާތުތަކަށް ލުއި ދިނުމާއި 10 ދުވަހަށް ވުރެ ކުރު މުއްދަތު ގާނޫނީ ގޮތުން ކަނޑައެޅިފައިވާ ކަންކަމަށް އިތުރު ވަގުތުތަކެއް ވެސް އެ ބިލުގެ ދަށުން ލިބޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ދައުލަތް ހިންގުމުގެ ދާއިރާގައި، މާލީ ހިސާބުތަކާއި އޮޑިޓް ކުރުމުގެ މުއްދަތުތައް ފަސް ކުރުން ވެސް އެ ބިލުގައި ހިމެނޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ޚިލާފްވާ މީހުންނާ މެދު އެޅޭ ފިޔަވަޅުތައް ހަރުކަށިކުރުން ވެސް އެ ބިލުގައި ހިމެނޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ. އެގޮތުން އެކަމަށް ޖޫރިމަނާ 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކަށް ބޮޑުކުރުމަށާއި ގާނޫނީ ޝަހްސަކުން އެފަދަ އަމަލެއް ހިންގައިފި ނަމަ، 10،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި ޑިރެކްޓާ ޖެނެރަލްގެ އެންގުންތައް ތަންފީޒުކުރަން ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުން ވެސް އެ ބިލުގައި ހިމެނެ އެވެ.
ކޮވިޑް-19 ފެތުރޭ ހާލަތުގައި ބިދޭސީންނަށް ދޭންޖެހޭ ފަރުވާ ދިނުމުގެ ޚަރަދުތައް އެ މީހުން ބައިވެރިވެފައިވާ ސްކީމުން ހަމަޖެއްސުން ނުވަތަ ވަޒީފާދޭ ފަރާތްތަކުން ހަމަޖައްސަން ޖެހޭ ގޮތަށާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބޭސްފަރުވާގެ ޚަރަދުތައް ދައުލަތުން ހަމަޖައްސަން ވެސް އެ ބިލުގައި ހުށަހަޅާފައިވެ އެވެ. އަދި ހާލުގައި ޖެހޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމާއި ސިއްހީ މަސައްކަތްތެރިން ރަޖިސްޓްރީ ކުރުމުގެ ޚާއްސަ އިޖްރާއާތުތަކެއް ވެސް އެ ބިލުގައި ބަޔާން ކުރެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.