ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތަށް އެހީވުމަށް ޗައިނާގެ ސޫޒޯ ސިޓީން މާލޭ ސިޓީ ކައުންސިލަށް 20،000 މެޑިކަލް މާސްކު މިއަދު ހަދިޔާކޮށްފި އެވެ.

މާލޭ ސިޓީގެ ކައުންސިލް މެމްބަރު ހުސެއިން ޝަރީފް "މިހާރު" އަށް ވިދާޅުވީ، މިއީ ސޫޒޯ ސިޓީ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެކުވެރިކަމުގެ "ސިސްޓާ ސިޓީ" އެގްރީމެންޓްގެ ދަށުން އެ ސިޓީން ހަދިޔާކުރި ތަކެތި ކަމަށެވެ. މި އެގްރީމެންޓްގައި ސޮއިކޮށްފައި ވަނީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ އެ ސިޓީން ހަދިޔާކުރި މާސްކުތައް ބޭނުންކުރާނީ، މި ދުވަސްވަރު ފްރަންޓްލައިންގައި މަސައްކަތްކުރާ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ކަމަށެވެ. އެކި ކަންކަމަށް ދުވާލަކު 200 ވަރަކަށް މާސްކް މިހާރު ވެސް ބޭނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބިދޭސީ މުވައްޒަފުންނާއި ސުޕަވައިޒަރުންނާއި ކޮންޓްރެކްޓަރުން ކޮންމެ ދުވަހަކު ނުކުމޭ، މާލޭ ސިޓީ ޑިސްއިންފެކްޓްކުރާށާއި ފޮގްކުރަން. މި މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން އެ މާސްކުތައް ބޭނުންކުރާނީ،،" ހުސެއިން ވިދާޅުވި އެވެ.

ސޫޒޯ ސިޓީގެ އިތުރުން، ޗައިނާގެ ގުއާންޒީ ސިޓީއާ އެކު ވެފައިވާ ސިސްޓާ ސިޓީ އެގްރީމެންޓެއްގެ ދަށުން، އެ ސިޓީން ވެސް ވަނީ މިދިޔަ މަހު ކުރީ ކޮޅު މާލޭ ސިޓީ ކައުންސިލަށް މެޑިކަލް ސަޕްލައި ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި 18،080 ސާޖިކަލް މާސްކް އާއި 1،500 އެން95 މާސްކާއި 200 ގޮގްލްސް އާއި 100 މެޑިކަލް ސޫޓާއި 50 އިންފްރާ ރެޑް ތާމޯމީޓަރު ހިމެނެ އެވެ.