ޑރ. ނަޒްލާ ރޭ އޮންލައިންކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
08 ޖޫން 2020 - 05:18
ކޮވިޑް-19 އިން ރަނގަޅުވިކަން ކަށަވަރުކުރަން ހަދާ އެންޓިބޮޑީ ޓެސްޓު، މާލޭގެ އިތުރުން ހުރިހާ އަތޮޅެއްގައި ވެސް ހެދޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ އަތޮޅުތަކުގައި އެންޓިބޮޑީ ޓެސްޓު ހެދޭނެ އިންތިޒާމު ވަަރަށް އަވަހަށް ހަމަޖައްސަން ކަމަށެވެ. އޭޭނާ ވިދާޅުވީ އަައްޑޫގައި އަމިއްލަ ކްލިނިކަކުން އެންޓިބޮޑީ ޓެސްޓް ހަދަން ފަށަން އެދުމުން އެކަމަށް ހުއްދަ ނުދީ އޮތީ އެކަމުގެ ވަކި ފެންވަރެއް ހިފަހައްޓަން ޖެހޭތީ ކަމަށެވެ.
"އެހެން ނަމަވެސް މިވަގުތު ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަދަން އަތޮޅު ތެރެއަށް ވެސްް އެންޓިބޮޑީ ޓެސްޓިންގެ ޚިދުމަތް ފުޅާކުރުމަށް. އެގޮތުން ވަރަށް އަވަހަށް އަަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެބަ ބަލަން ކޮންމެ އަތޮޅަކުން ވެސް އެންޓިބޮޑީ ޓެސްޓިންގެ އިންތިޒާމް ހަމަޖެހުމުގެ ކަންތައް ކުރިއަށް ގެންދެވޭތޯ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ފަރާތްތަކަށް މިހާތަނަށް ވެސް ހުއްދަ ނުދީ އޮތް އެއް ސަބަބަކީ މިއީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކަށް ވާތީ، އެފަދަ ހިދުމަތްތައް ސެންޓްރަލްކޮށް މެނޭޖް ކުރަމުން އައުމެވެ. އަނެއް ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެންޓިބޮޑީ ޓެސްޓް ހަދަން ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ ކިޓްތައް ދުނިޔޭގެ ބާޒާރުގައި ހުރި އިރު އޭގެ ތެރެއިން ބައެއް ބާވަތްތައް ރަނގަޅު ނޫންކަން އެނގިފައި ވުމެވެ.
"އަޅުގަނޑުމެންނަށް ޚަަބަރުތަކުން ވެސް ފެނޭ ބައެއް ބޭރު ގައުމުތަކުގައި ބައެއް ކިޓްތައް ބޭނުންކުރަން ފަށާފައި އަލުން ހުއްޓައިިލި ވާހަކަ ނޫނީ ކިޓްތައް އިމްޕޯޓްކޮށްފައި ބޭނުން ނުކުރެވޭ ވާހަކަ ވެސް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް-19 ޖެހި ރަނގަަޅު ވެފައި ވާކަން ދެނެގަތުމަށް އެންޓިބޮޑީ ޓެސްޓު ހަދަން ނިންމިކަން އެޗްޕީއޭ އިން އިއުލާން ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ޓެސްޓް ހަދަން ފެށުމާ އެކު، ރަށްރަށުގައި ގޭގޭގައި ކަރަންޓީނުވުމުގެ ފުުރުސަތު ދޭން ވެސް ވަނީ ނިންމައިފަ އެވެ. އެގޮތުން، ގޭގޭގައި ކަރަންޓީނުވާން ޖެހޭ މުއްދަތަކީ 24 ދުވަހެވެ.
ކޮވިޑް-19 ގެ ކަންކަމުގައި އެޗްޕީއޭއަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ކުރިން ވިދާޅުވީ އެ މުއްދަތަކީ އެންޓިބޮޑީ ހަށިގަނޑުގައި އުފެދެން ހޭދަވާ މުއްތަތު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
08 June 2020
ހަދަނީ، ތައްޔާރުވަނީ، މެޝިން ގެންނަނީ. މި ނޫން އަޑެއް ނީވޭ. އައްޑޫއިންވެސް ފްލައިޓް ޗާޓަރކޮށް ސާމްޕަލް މާލެއަށް. ހަރަދު ކުޑަ ގޮތް ކަންނޭގެ
އެމްސް
08 June 2020
އެހެންވީމަ ކުރިން ތައްޔާރޭ ބުނެވުނީވެސް އޮޅުމަކުންތާ!
ނައީމް
08 June 2020
ކުރީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަކުން އަންގާފައެއް ނެތް 24 ދުވަހު ކަރަންޓީނުގެ ކޮށްފައި އެންޓިބޮޑީ ޓެސްޓު ހެދުމަކީ ރަނގަޅު ކަމެކޭ. ނޫނީ ކުރިން ސައިންސްވެރިންނަށް ހޯދިފައެއް ނެތް ހަށިގަނޑުތެރޭ ވައިރަސް އެކްޓިވް މުއްދަތަކީ ފުރަތަމަ 9 ދުވަސްކަން. އާ ހޯދުންތަކާ އެކީ އާ ބަދަލުތަށް އަންނާނެ. ކުރީގައޭ ފާތުމާ ފޫޅުމަ ފޯމޭ ކިޔާނެ ކަމެއް. ދުނިޔޭގެ ހަބަރުތަށް ކިޔާ ކަންކަމަށް އަހުލުވެރިވެބަލަ.
ދަހި
08 June 2020
ތިކަން ކުރާއިރު ވަރަށް ސަމާލުވައްޗޭ. ސްޓޭންޑަޑަށް ނުދެތޭ ފޭކު އެންޓިބޮޑީ ކިޓްތަށް ގެނެސް ބޭކާރު އެތަށް ހާސް ޓެސްޓު ހަދައިގެން ލޫޓުވަން އުޅޭ މީހުންވެސް މަދެެއްނުވާނެ. ހާއްސަކޮށް ޕްރައިވެޓް ކްލިނިކް ހިންގާ ވިޔަފާރިވެރިން. ކޮވިޑް ރާޅާއެކީ ސާފުވެގެން ދިޔަ އެއް ކަމަކީ ރާއްޖޭ ވިޔަފާރިވެރިންގެ ދަހިވެތިކަން.
އަމްރު
08 June 2020
މިއަދާ ހަމަޔަށްވެސް އައްޑޫގައި އެންމެ ޕޮޒިޓިވް ކޭސްއެއްވެސް ނެތް، ކޮމިއުނިޓީ ސްޕްރެޑެއް ނެތް. އެހެންވީމަ ކުރީގައި އެންޓިބޮޑީ ޓެސްޓު ކިޓްތަށް ގެެެނެސްގެން ޖަހަން އުޅުނު ސަކަރާތް ވަރަށް ސާފު. އެއީ އާސަންދަ ހުސްކޮށްލަން ޖެހި ރޮކެޓެއް. އެހެން ނަަމަވެސް މިހާރު މީހުންނަށް ރަށް ރަށަށް ދެވޭ ގޮތަށް ހުޅުވާލި ފުރުސަތުގެ ސަބަބުން ޕޮޒިޓިވްވާނެ މީހުންވެސް ތިބޭނެ. އެފަދަ ހާލަތެއްގައި ތިޔަ ޓެސްޓެއް ހެދޭ ގޮތަށް ކަނޑައެޅިޔަސް އެއީ އެކަށީގެންވާ ކަމަކަށްވާނީ.
ކާޑުގުދަން
08 June 2020
އައްޑޫގައި އެންމެ ޕޮޒިޓިވްކޭސްއެއް ނެތުމުގެ މާނައަކީ އައްޑު ނުވަތަ އެހެން ރަށެއްގައިވެސް ނޭނގި ބަލި ޖެހިފަ ރަގަޅުވީ މީހުން ނުތިބޭނެއެކޭ ނޫން. އެހެން ގައުމުތަކުގައި އެކި ކަންކަމަށް ނަގާ ލެއިން ބަލާއިރުވެސް ކޮވިޑްގެ އެންޓިބޮޑީސް ހުރިކަމަށް ދައްކައިގެން އެމީހުންނަށް ނޭނގި ބަލި ފެތުރިފައި ރަގަޅުވެފައި ހުރިކަން ދެނެގަނެވޭއިރު ރާއްޖޭގައިވެސް އެފަދަކަމެއް އެނގިދާނެ. އެންޑިބޮޑީ ޓެސްޓުން ދިރާސާއަށް އެހީލިބޭނެ
ފަލްސާން
08 June 2020
ކީއްވެތޯ އެންޓިބޮޑީ ހެދޭގޮތް އެވަރަކުން ތިހަދަނީ..އެޗްޕީއޭއިން ބުނަނީ އެންޓިބޮޑީ ހެދުމުން ކުރިން ޖެހިފަ ރަނގަޅުވެފަ ހުއްޓަސް ކޮވިޑް ހުރިކަމަށް ދައްކާނޭ ..ޓެސްޓް ހަދާއިރު ކޮވިޑް ޖެހިފަ ހުރިތޯ ބެލުން މުހިއްމުވާނީ..
ރަނގަޅު ގޮތް
08 June 2020
ކުރީގައި އެއްވެސް ބަޔަކަށް ރާއްޖެތެރޭ ރަށްތަކަށް ދަތުރުކުރުމުގެ ފުރުސަތެއް ނެތްއިރު، ދަތުރުކޮށްފައި ދާ މީހާ 24 ދުވަސް ފަހުން ހަދާ އެންޓިބޮޑީ ޓެސްޓު އައްޑޫގައި ހެދުމުގެ އެއްވެސް މާނައެއް ނެތް. އެކަމަކު މިހާރު އުސޫލަށް ގެނައި ބަދަލާއެކު ރަށްތަކަށް ދެވޭގޮތަށް މި ހުޅުވާލި ފުރުސަތުގެ ސަބަބުން ބަޔަކު ޕޮޒިޓިވްވެސް ވެދާނެ. އޭރުން ތިޔަ ޓެސްޓެއް ހެދިދާނެ. ކުރިން ފުރުސަތު ދިންނަމަ އެއީ ބޭކާރު ގޮތުގައި އާސަންދަ ހުސްކޮށްލަން ދެވުނު ފުރުސަތަކަށްވީސް. މިހާރު ރަނގަޅު.
އިރުޝާދު
08 June 2020
އެންޓިބޮޑީ ޓެސްޓަކީ ޕީސީއާރު ޓެސްޓަށްވުރެ ފަސޭހަ އެއްޗަކަށްވެފައި މިހާރުވެސް ބާޒާރުގައި އޭގެ ފޭކް ކިޓްތަށް ގިނައިރު ސްޓޭންޑާޑް މެއިންޓެއިން ނުކުރެވިއްޖެނަމަ، ސްޕެއިންގައި ކަންތަށް ހިނގައި ދިޔަ ގޮތަށް އެތަށް ބަޔަކު ފައްސިވިޔަސް ނައްސިކަމަށް ދައްކައި، ނައްސި ބަޔަކު ފައްސިކަމަށްވެސް ދައްކަފާނެ. އެހެންވީމަ މިނިސްޓްރީއިން ތިކަން ރެގިއުލޭޓްކުރުން މުހިންމު.
ފާތޭ
08 June 2020
ޑަބްލިއުއެޗްއޯއިން ކޮވިޑަށް ކަނޑައަޅާފައިވާ ސްޓޭންޑާޑް ޓެސްޓަކީ ޕީސީއާރު ޓެސްޓު. އެހެންވީމަ އެންޓީބޮޑީފަދަ ޓެސްޓު ހެދޭގޮތަށް ހުއްދަ ދޭންވާނީ ޕީސީއާރު ޓެސްޓު ހެދޭގޮތް ހަމަޖެހޭ ގޮތްވުމުން. ތި ގޮތް އެންމެ ރަނގަޅު.