ބްރޯޑްކޮމް އަށް އަނާ އައްޔަން ކުރަން ފާސްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަނަށް، ވީޓީވީގެ ނޫސްވެރިޔާ އާމިނަތު އަމީނާ (އަނާ) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


އޭނާ އެ މަގާމަށް އައްޔަން ކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

އަނާގެ ނަން ފާސްވުމާ ގުޅިން ދެން ހުރި ނަންތަކަކަށް ވޯޓަކަށް ނާހަ އެވެ.

ވީޓީވީގެ ސީނިއާ އެޑިޓަރެއްގެ މަގާމުގެ އިތުރުން އެ ސްޓޭޝަނުގެ ޕްރައިމް ޓައިމް ނިއުސް އެންކަރެއްގެ ގޮތުގައި ވެސް ފާހަގަކުރެވޭ އަނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ނޫސްވެރިކަމުގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފަ އެވެ. އަދި ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސްގެ ދާއިރާ އިން، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ވަނީ މާސްޓާސް ޑިގްރީއެއް ފުރިހަމަކޮށްފަ އެވެ. ނޫސްވެރިކަމުގެ ދާއިރާގައި 13 އަހަރަށް ވުރެ ގިނަ ހޭދަކޮށްފައިވާ އަނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޖާނަލިޒަމް އެވޯޑް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. އެގޮތުން 2016 ވަނަ އަހަރު ބެސްޓް ވީޑިއޯ ޖާނަލިސްޓުގެ އެވޯޑް އަދި 2018 ވަނަ އަހަރު އިޖްތިމާއީ ދާއިރާ އިން ބެސްޓް ވީޑިއޯ ޖާނަލިސްޓުގެ އެވޯޑް ހޯދި އެވެ.

އަނާ ބްރޮޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރަން މިއަދު ފާސްކުރިއިރު މިއީ އޭނާ އެ މަގާމަށް ކުރިމަތިލެއްވި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އޭނާ އަށް ނާކާމިޔާބުވީ މިހާރު އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި މަރިޔަމް ވަހީދާއާ ވާދަކުރައްވަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިފަހަރު ވެސް މަޖިލީހަށް ފޮނުއްވި ނަންތަކުގެ އެންމެ ކުރީގައި ހިމެނުނީ ޓީވީއެމްގެ ކުރީގެ ނޫސްވެރިޔާ އަދި މަޝްހޫރު ޕްރެޒެންްޓަރު ޝިފްލާ އިބްރާހީމެވެ. ދެވަނަ އަށް އޮތީ އަނާގެ ނަމެވެ. ނަމަވެސް ކޮމެޓީން ފާސްކުރިއިރު މިފަހަރު އެންމެ ކުރީގައި އޮތީ އަނާ އާއެކު ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމެވެ.

ފަޒީން ވަނީ އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގެ ޓިކެޓް ހޯދުމަށް ތުޅާދޫ ދާއިރާ އަށް ވާދަކޮށް ނާކާމިޔާބު ވެފަ އެވެ.

ބްރޯޑްކޮމް އަށް އައްޔަން ކުރަން ރައީސް މީގެ ކުރިން ފޮނުއްވި ލިސްޓުގައި ޝިފްލާ އަށް އިސްކަން ދެއްވި ނަމަވެސް ރައްްޔިތުންގެ މަޖިލީހުން އޭނާގެ ނަން އޭރު ވަނީ ފާސްް ނުކޮށްފަ އެވެ. މަޖިލީހުން އެފަހަރު ފާސްކުރީ ގދ. އަތޮޅު ކައުންސިލްގެ ކުރީގެ މެމްބަރު އަހުމަދު ގައިސްގެ ނަމެވެ.

ޝިފްލާ އިބްރާހީމް ވަނީ ބްރޯޑްކާސްޓިން ޖާނަލިޒަމްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފަ އެވެ. އެންމެ ފުރަތަމަ ނިއުސް ޕްރެޒެންޓަރެއްގެ ގޮތުގައި އަދި ފަހުން ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް މިހާރު މަސައްކަތްކުރަނީ ސަންގު ޓީވީގަ އެވެ.