މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށައިފި

ކޮވިޑް-19 ގެ ސަބަބުން، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން މެދުކަނޑާލާފައި އޮތުމަށް ފަހު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އަލުން އެ މަސައްކަތް މިއަދު ފަށައިފި އެވެ.


އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) "މިހާރު"އަށް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މަސައްކަތްތައް ހުއްޓިފައިވާތާ މަހަކަށް ވުރެ ދުވަސްވުމަށް ފަހު އަނެއްކާ މަސައްކަތް ފަށާފައި މިވަނީ ސަރުކާރުން ދީފައިވާ ލުއިތަކާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް މަސައްކަތުގެ މާހައުލުގައި ވެސް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ މި ހާލަތުގައި މަސައްކަތް ކުރުމުގައި ލިބޭ ފަސޭހަތަކެއް ވެސް އެބަހުރި ކަމަށެވެ. އެގޮތުން މާލެ ސަރަހައްދަކީ ވަރަށް ހަލަބޮލި ތޮއްޖެހިފައިވާ ސަރަހައްދަކަށްވާއިރު ލޮކްޑައުންގެ ސަބަބުން މަގުތައް ހުސްވެފައިވާތީ މަސައްކަތަށް ވަރަށް ފަސޭހަ ކަމަށާއި ސްޕީޑް ވެސް އަވަސް ކަމަށް ވިދާޅުވި އެވެ.

ދެ އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމަން، މި އަހަރުގެ ޖެނުއަރީ މަހު ހަވާލުކުރި މި މަޝްރޫގެ މަސައްކަތް ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މޫސަ ވިދާޅުވީ އާރްޑީސީގެ ބާރުގެ ދަށުގައި ނެތް ކަމަކާ ހެދި މަސައްކަތަށް ބުރޫއަރައިފި ނަމަ އެއްބަސްވުމުގައިވާ މުއްދަތު އިތުރު ކުރެވޭނެ ކަމަށެވެ. އެހެންވެ މުއްދަތު އިތުރުކުރުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މި އަހަރުގެ ޖެނުއަރީ 26 ގައި މާލޭ ސިޓީ ކައުންސިލުން އާރްޑީސީއާ ހަވާލުކުރި އެ މަޝްރޫއުގެ އަގު 462 މިލިއަން ރުފިޔާ އަށް އަރަ އެވެ. މަޝްރޫއުގައި، 18 ކިލޯ މީޓަރުގެ މަގު ހަދާނެ އެވެ. އެއީ އެކި ސަރަހައްދުތަކުން 416 މަގެވެ. މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ ދެ އަހަރާއި ބައިގެ މުއްދަތެކެވެ.

މި މަޝްރޫގެ މަސައްކަތްތައް ފަށާފައި ވަނީ މި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކުރީގެ ވެސްޓް ޕާކް ރެސްޓޯރަންޓް ހުރި ސަރަހައްދުންނެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި މަގުތައް ހުރިގޮތުން ދުއްވަން ދަތިވުމުގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާއިރު މި މަޝްރޫގެ މައިގަނޑު މަގްސަދަކީ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމާއި ޕަބްލިކް ޓްރާންސްޕޯޓަށް ބަސް ފަދަ އުޅަނދުތައް ދުއްވޭނެހެން ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރުމެއެވެ.

މި މަޝްރޫގެ ތެރޭގައި އުޅަނދުތައް ޕާކް ކުރުމަށް 21 ތަނެއް ކަނޑައަޅާފައިވާފައިވެޗއެވެ. އަދި ހަތަރު ބާވަތެއްގެ މަގުތައް ހެދުމަށް ވެސް ނިންމާފައިވެ އެވެ. އެއީ އާޓީރިއަލް މަގުތަކާއި ސިޓީ ރޯޑްސް އާއި ސެކަންޑަރީ ރޯޑްސް އަދި ނެއިބަހުޑް ޕެޑެސްޓްރިއަން ރޯޑެވެ. ފިޔަވަހިތަކަށް ބަހާލައިގެން އެތަންތަން ހަދާނީ ކަރަންޓާއި ފެން، ނަރުދަމާ، ޑީވޯޓަރިން އަދި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅައިލެވޭ ގޮތަށެވެ.