މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ ގޮތުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ "މާލޭ ސިޓީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން ހެންވޭރު އުތުރުގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭ ފަށާއިރު، ބައެއް މަގުތައް ހަދާނީ ތާރު އަޅައިގެން ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކަލާފާނު ސްކޫލުގެ ހޯލުގައި ހެންވޭރުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ހެންވޭރު އުތުރުގެ މަގުތައް ހަދަން ކައުންސިލުން އާރުޑީސީއަށް ދޭން ޖެހޭ ހުއްދަތައް ދީފައިވާނެ ކަމަށެވެ. އެއާއެކު މި އަހަރުގެ ތެރޭ އެ ސަރަހައްދުގެ ގިނަ މަގުތަކުގައި ގާ އަތުރައި، އެ މަގުތަކުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.
ނަމަވެސް ހެންވޭރު އުތުރުގެ މައި މަގުތަކުގައި ތާރު އެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކައުންސިލުން ދެކޭތީ، އެ މަގުތަކުގައި ތާރު އެޅުމުގެ ހުއްދަ އަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ސަރުކާރުގެ އެޕްރޫވަލަށް މިހާރު ހުށަހަޅާފައި ވާނީ ސޯސަން މަގު، އަމީރު އަހުމަދު، މަގު މިހެން ހުރި މައި މަގުތައް، ޖަނަވަރީ މަގު މިހެންގޮސް މައި ހުރިހާ މަގަކީ ތާރު އަޅައިގެން ހެދެންޖެހޭ މަގުތަކެއްގެ ގޮތުގައި ކައުންސިލުން ދެކޭތީ ސަރުކާރުން ކަމާބެހޭ ވުޒާރާގެ (ޕްލޭނިން މިނިސްޓްރީގެ) އެޕްރޫވަލް އަށް މިހާރު ވަނީ ފޮނުވާފައި،" މުއިއްޒު ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީން ކައުންސިލަށް ހުއްދަ ދިނުމާ އެކު މަގުތަކުގެ މަސައްކަތް ފަށާނެ ކަމަށާއި، ކުރިއަށް އޮތް ހަފްތާގައި އެ ހުއްދަ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުންމީދު ކުރަނީ ވަރަށް އަވަހަށް، މިއަންނަ ހަފްތާގެ ތެރޭ އެ އެޕްރޫވަލް ލިބޭނެ ކަމަށް، ލިބިއްޖިއްޔާ ގާ އަތުރައިގެން ހަދާ އެތެރޭގެ އިނާ ރޯޑްސްގެ އިތުރަށް ތާރު އަޅައިގެން ހަދާ މެއިން ރޯޑުތައް ވެސް މި އަހަރުތެރޭ އިރާދަކުރެއްވިއްޔާ ފެށޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގެ ބައިވެރިންނާ މުއިއްޒު ހިއްސާކުރެއްވި ކުރެހުމުގައިވާ ގޮތުން، ހެންވޭރު އުތުރުގެ މައި މަގުތަކުގައި ތާރު އަޅަން ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ތާރު އެޅުމުގެ މަސައްކަތްތައް ފަށަން ހަމަޖެހިފައި ވަނީ ބުރުޒުމަގު، ލޮނުޒިޔާރަތް މަގު، އަމީނީ މަގު، ޖަނަވަރީ މަގު، ސޯސަން މަގު، އަދި ބޮޑުތަކުރުފާނު މަގުގަ އެވެ. ދެވަނަ ފިޔަވަހީގައި ތާރު އަޅަނީ އަމީރު އަހުމަދު މަގު އަދި ބޮޑުރަސްގެފާނު މަގުގަ އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު އޭރުގެ ސިޓީ ކައުންސިލުން އާރުޑީސީ އަށް މާލޭގެ މަގުތައް ހެދުން ހަވާލުކޮށްފައި ވަނީ 462 މިލިއަން ރުފިޔާ އަށެވެ. ވެސްޓު ޕާކުގެ ސަރަހައްދުގެ ހަތް މަގު މި މަޝްރޫއުގެ ދަށުން ފުރަތަމަ ހަދަން ނިންމާފައިވާއިރު، އޭގެ ތެރެއިން ބައެއް މަގުތަކުގެ މަސައްކަތްތައް ވަނީ ނިމިފަ އެވެ.