ހއ. ކެލާގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް މިއަދު މަގެއް ކޮންނަނިކޮށް މީހެއްގެ ގަޔަށް ފާރެއް ވެއްޓި، ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

މިއަދު ހެނދުނު 10:30 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވެފައިވަނީ އެ ރަށު މަގު ހެދުމުގެ މަސައްކަތް ކުރާ ރޯޑް ކޮޕަރޭޝަން(އާރްޑީސީ) ގައި މަސައްކަތްކުރާ އެރަށުގެ މުވައްޒަފަކަށެވެ. އެއީ އުމުރުން 60 އަހަރުން މަތީގެ މީހެކެވެ.

އެ ރަށު ކައުންސިލް ރައީސް އަހުމަދު މާލިކް "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ރަށު މަގުތަކުގައި ތާރު އެޅުމަށް ހޮޅި ވަޅުލަން ކޮނުމުގެ ތެރޭގައި ކަމަށެވެ.

"ކުރީގެ ފާރެއް އެއީ. ތަންކޮޅެއް ފާރާ ކައިރިން ކޮނެވުނީހެން ހީވަނީ އެ ވެއްޓުނީ،" އޭނާ ވިދާޅުވި އެވެ.

މާލިކް ވިދާޅުވީ އަނިޔާވީ މީހާއަށް އެންމެ ފުރަތަމަ ފަރުވާދިނީ އެ ރަށު ސިއްހީ މަރުކަޒުގައި ކަމަށެވެ. ނަމަވެސް މިހާރު އިތުރު ފަރުވާއަށް ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނޭވާލުމުގައި އުނދަގޫތަކެއް އުޅޭ ކަމަށް އޭރު ބުނީ. ދެން ފައި ވެސް ހުރި ބިންދައިގެން ގޮއްސަ ކަމެއް ނުވަތަ ހުޅުން ނެއްޓިފައި ކަމެއް ނޭނގޭ. އެހެންވެ އިތުރު ޓެސްޓުތައް ހަދަން ގެންދިޔައީ. އެއަށްފަހު ވެފައި ހުރި ގޮތެއް އެނގޭނީ،" މާލިކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރުމަށް އާރްޑީސީއަށް ވެސް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.