މާލޭގެ ވެސްޓު ޕާކު ސަރަހައްދުގައި އައުޓްޑޯ ޖިމެއް ހުޅުވައި އެ ސަރަހައްދު ކަސްރަތަށް ހާއްސަކޮށްފި އެވެ.

ސިޓީ ކައުންސިލާއި އެސްޓީއޯ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ތަރައްގީކުރި އެ ސަރަހައްދު ރަސްމީކޮށް ހުޅުވާނީ މިރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަސްފަންނު ތަރައްގީކޮށް، މާލެ ވަށައިގެން ދުއްވާ މަގު އޮތީ ބަންދުކޮށްފަ އެވެ. މިދިޔަ އޮގަސްޓު މަހު އެ މަގު އަލުން ހުޅުވައިލިއިރު، ވެސްޓު ޕާކު ސަރަހައްދު ވެސް ހިމެނެނީ ރަސްފަންނު ސަރަހައްދުގެ ތެރޭގަ އެވެ.

ކުރިން ރެސްޓޯރަންޓެއް ހިންގުމަށް ފަހު ރައީސް ޔާމީންގެ ކެމްޕޭން އޮފީހެއް ވެސް ހިންގި ބިމުގައި ތަރައްގީކުރި އައުޓްޑޯ ޖިމުގައި، މިހާރު ވެސް މާލެ ސަރަހައްދުގައި ހުރި އައުޓްޑޯ ޖިމްތަކުގައި އާންމުކޮށް ބޭނުންކުރާ ސާމާނު ހުރެ އެވެ.

މާލޭގެ އެކި ހިސާބުތަކުގައި މިހާރު ވެސް އައުޓްޑޯ ޖިމްތައް ހުރެ އެވެ. އެގޮތުން ހުޅުމާލެ އާއި ވިލިމާލެ އަދި މާލޭގެ އޮޑަގެއްލާ ރެސްޓޯރަންޓް ކައިރީގައި ވެސް އައުޓްޑޯ ޖިމެއް ހުރެ އެވެ. މާލޭގައި ރަސްފަންނު ހެދި އިރު އެތަނުގައި ވެސް ދުވާ ޓްރެކަކާއި އައުޓްޑޯ ޖިމެއް ހަދާފައި ވެއެވެ.