ކޮވިޑް-19 އާ ގުޅިގެން ނޭދެވޭ އަސަރު ކޮށްފައިވާ ރާއްޖޭގެ މަސައްކަތްތެރިންނަށް އެހީވުމަށް ވޯލްޑް ބޭންކުން 12.8 މިލިއަން ޑޮލަރު (197 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.
އެ ބޭންކުން މިއަދު ބުނީ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެ މީހުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރިއަށް ގެންދާ "ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން ފައިސާ ދޭން ވޯލްޑް ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. މި އެހީގައި ހިމެނެނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ އެވެ.
އައިޑީއޭ އަކީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ ތެރެއިން އެހީތެރިވުމަށް އުފައްދާފައިވާ ވޯލްޑް ބޭންކްގެ ގޮތްޕެކެވެ.
ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އަސަރު ކޮށްފައިވާ މީހުންނަށް މަހަކު 5،000ރ. ގެ މަގުން ވަގުތީ އެހިތެރިކަމެއް ވޯލްޑު ބޭންކުން މި ދިން ފައިސާގެ ތެރެއިން ފޯރުކޮށްދެވޭނެ އެވެ. އެ ބޭންކުގެ މާލީ އެހީތެރިކަމާ އެކު، ގާތްގަނޑަކަށް 13،000 މީހުންނަށް 5،000ރ. ގެ މަގުން ދޭ އެލަވަންސް ދިނުމުގެ ގާބިލުކަން ސަރުކާރަށް ވަނީ ލިބިފަ އެވެ.
"ފަތުރުވެރިކަމުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިއުމާއި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް ގިނަ ހަރަދުތަކެއް ކުރަން ޖެހިފައިވުމުގެ ސަބަބުން އެންމެ ކުޑަކޮށް އާމްދަނީ ލިބޭ ފަރާތްތަކަށް، ވަކިން ހާއްސަކޮށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައި،" ވޯލްޑް ބޭންކުން ރާއްޖެ އާއި ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ ރީޑިހޯ ވިދާޅުވި އެވެ.
މިއެހީއާ އެކު ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އަސަރު ކޮށްފައިވާ މީހުންނަށް މަހަކު 5،000ރ. ގެ މަގުން ވަގުތީ އެހިތެރިކަމެއް ވޯލްޑު ބޭންކުން މި ދިން ފައިސާގެ ތެރެއިން ފޯރުކޮށްދޭނެ އެވެ. އެ ބޭންކުގެ މާލީ އެހީތެރިކަމާ އެކު، ގާތްގަނޑަކަށް 13،000 މީހުންނަށް 5،000ރ. ގެ މަގުން ދޭ އެލަވަންސް ދިނުމުގެ ގާބިލުކަން ސަރުކާރަށް ވަނީ ލިބިފަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް މިފަދަ އެހީތެރިކަން ފޯރުވައިދެވޭ މިންވަރު އިތުރުކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކަށް އިތުރު މަސްއޫލިއްޔަތުތައް ހަވާލުކޮށް، އިދާރީ ކަންކަން ހަރުދަނާ ކުރުމުގައި ވޯލްޑް ބޭންކުން އެހީތެރިކަން ލިބެ އެވެ. މީގެ އިތުރުން، މިހާރު ހުރި ރިޓަޔަމަންޓް ޕެންޝަން ސްކީމާއި އެފަދަ އެހެނިހެން ޕްރޮގްރާމްތަކުގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިމަގަށް ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެ ޕްރޮގްރާމްތައް މުރާޖައާ ކުރުމުގައި ވެސް ވޯލްޑް ބޭންކުން އަންނަނީ އެހީތެރިވަމުންނެވެ.
"ދަތި ދުވަސްތައް ކުރިމަތިވުމުން މީހުން ފަގީރުކަމަށް ހުށަހެޅިގެން ނުދާނެކަން ކަށަވަރުކުރުމަށް، ހުރިހާ ދިވެހިންނަށް ފައިދާކުރާ ރައްކާތެރިކަމުގެ ނިޒާމުތަކެއް ގާއިމްވެފައި ހުރުމުގެ މުހިންމުކަން މިހާރު ކުރިމަތިވެފައި މިވާ ކާރިސާ އިން ދައްކުވައިދީފި،" މި ޕްރޮޖެކްޓަށް ވާލްޑް ބޭންކުން ކަނޑައަޅާފައިވާ ޓާސްކް ޓީމް ލީޑަރު ތޯމަސް ވޯކާ ވިދާޅުވި އެވެ.
އަލަށް ހިންގޭ 'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެހީތެރިކަމާ އެކު، އިކޮނޮމިކް މިނިސްޓްރީންނެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މީގެ ކުރިން ވެސް ވޯލްޑް ބޭންކުން ވަނީ ބޮޑު މާލީ އެހިތެރިކަމެއް ރާއްޖެ އަށް ދީފަ އެވެ. އެގޮތުން މި ބައްޔާ ދެކޮޅަށް މސައްކަތް ކުރުމަށް އެހީވުމުގެ ގޮތުން 7.3 ބިލިއަން ރުފިޔާ އާއި ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން، 10 މިލިއަން ޑޮލަރުގެ މާލީ އެހީ ދީފައިވެ އެވެ.