ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތަށް އެހީވުމަށް ހިންގާ 7.3 މިލިއަން ޑޮލަރު (112.5 މިލިއަން ރުފިޔާ)ގެ "މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ޕްރިޕެއާޑްނެސް ޕްރޮޖެކްޓް" ވޯލްޑް ބޭންކުން އިއްޔެ ފާސްކޮށްފި އެވެ.
މި ޕްރޮޖެކްޓް ވޯލްޑް ބޭންކުގެ ބޯޑުން ފާސްކުރުމުގެ އިތުރުން ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށް ރާއްޖެއާ އެކު މިދިޔަ އަހަރު ސޮއިކޮށްފައިވާ ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އެ ކެޓަސްޓޮރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޑް ޑީޑީއޯ) ގެ ދަށުން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ގެ އެހީ ދޭން ވެސް ވަނީ ނިންމައިފަ އެވެ.
މި ދެ އެހީގެ ޖުމްލަ 266.5 މިލިއަން ރުފިޔާ އަށް އަރަ އެވެ.
އަވަސް އެހީގެ ގޮތުގައި ދޭ 7.3 މިލިއަން ޑޮލަރުގެ ޕެކޭޖްގެ ދަށުން، މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ޖެހޭ މީހުންނަށް ބޭނުންވާ ފަރުވާ ދިނުމާއި ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ އާލާތްތަކާއި ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ ތަކެތި ހޯދުމާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ބާރު ބޮޑުވާ ހާލަތްތަކުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ކަށަވަރުކުރުމަށް އެ ތަންތަނަށް އެހީވުމާއި ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހަށް ޓެސްޓްކުރުމުގެ ގާބިލްކަން މާލެ އާއި އަތޮޅުތަކުގެ ލެބޯޓަރީތަކުގައި ގާއިމުކުރުމާއި މި ބަލީގެ މީހުންނަށް ފަރުވާ ދޭ މީހުން ތަމްރީނުކުރުމަށް އެހީވުން ހިމެނެ އެވެ.
މީގެ އިތުރުން، މާލެ އަކީ ތޮއްޖެހިފައިވާ ތަނަކަށް ވާތީ ކޮރޯނާވައިރަސް ފެތުރިގެން ދިއުމުގެ ބިރު ބޮޑުކަމުން ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މި ޕްރޮޖެކްޓުގެ ދަށުން އެހީ ލިބޭނެ އެވެ.
"ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމަށާއި އަދި އެންމެހާ ދިވެހިން ސަލާމަތްކޮށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ފަރުވާގެ ތަކެތި ހޯދުމަށް ދިވެހި ސަރުކާރަށް އެހީތެރިވެދެވޭނެ،" އެހީއާ ބެހޭ ގޮތުން ވޯލްޑް ބޭންކުން ނެރުނު ބަޔާނުގައި، އެ ބޭންކުން ރާއްޖެ އާއި ސްރީ ލަންކާ އާއި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ އާ ހަވާލާދީ ބުނެފައިވެ އެވެ.
މިއީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ދުނިޔެ އަށް އެހީވުމަށް ވޯލްޑް ބޭންކުން ކަނޑައަޅާފައިވާ އަވަސް އެހީގެ ދަށުން ހަމަޖެއްސި އެހީ އެވެ. މި އެހީ ދެނީ ލުއި ގޮތުގައި އެހީ ދިނުމަށް ވޯލްޑް ބޭންކުގެ ދަށުން ހިންގާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިންނެވެ. މަޝްރޫއުތައް ރާއްޖޭގައި ހިންގާނީ ވޯލްޑް ބޭންކުން ބުނި ގޮތުގައި މިހާރު ވެސް އެ ބޭންކުގެ މަސައްކަތްތައް ރާއްޖޭގައި ހިންގަމުން އަންނަ ފަރާތްތަކާ ގުޅިގެން ހެލްތު މިނިސްޓްރީންނެވެ.
ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވަމުންދާ ގެއްލުންތަކުން އަރައިގަތުމަށް ހޭދަވާ މުއްދަތު ކުޑަކުރުމަށް އެހީވުމުގެ ގޮތުން ވޯލްޑް ބޭންކުން ވަނީ އަވަސް އެހީގެ 14 ބިލިއަން ޑޮލަރު ކަނޑައަޅައިފަ އެވެ. އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ވެސް ވަނީ މި ހާލަތުގައި ކުންފުނިތަކަށް ދިމާވާ ދަތިކަން ހައްލުކޮށްދީ ވަޒީފާތައް ހިމާޔަތްކޮށްދިނުމަށް 8 ބިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖައްސައިފަ އެވެ.
މިގޮތުން، ވޯލްޑް ބޭންކާ ގުޅުން ހުރި އިދާރާތަކުން ކުރިއަށް އޮތް 15 މަސް ދުވަހު 160 ބިލިއަން ޑޮލަރު ހޭދަކުރަން ވަނީ ނިންމަފަ އެވެ.
ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ހުއްޓުމަކަށް އައިސް ރާއްޖެ އަށް ވެސް ބޮޑެތި ގެއްލުންތައް ވަމުން ދާތީ ސަރުކާރުން ވެސް ރާއްޖޭގެ ވިޔަފާރިތައް ހިމާޔަތްކޮށް އިގްތިސާދު ސަލާމަތްކުރުމަށް އެހީގެ ޕެކޭޖްތައް އިއުލާނުކޮށްފަ އެވެ. އަދި މިކަމުގައި މާލީ އެހީތެރިކަން ހޯދަން މާލީ އެކި އިދާރާތަކާ މަޝްވަރާކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން އައިއެފްސީ އިން 50 މިލިއަން ޑޮލަރާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 30 މިލިއަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
ކޮރޯނާވައިރަހާ ހެދި ކުރިމަތިވި ދަތިކަމުން އަރައިގަންނަން ސަރުކާރަށް ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާ އިތުރަށް ހޯދަން ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން ބަޖެޓުގައި ކަނޑައަޅާފައިވާ 150 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި މިހާރު ވެސް އޭގެ ތެރެއިން 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ސަރުކާރަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް ރާއްޖެ އާއި އެހެން ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާ އެކު، ރާއްޖެ އަށް ޓޫރިސްޓުން އައުން ހުއްޓި، އިގްތިސާދީ އެންމެ މުހިންމު ސިނާއަތް ވަނީ ނުރައްކަލުގަ އެވެ.
މިހާތަނަށް މުޅި ދުނިޔެ އިން މިލިއަނަކަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެ އެ ވައިރަސްގެ ސަބަބުން ބައި ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ރާއްޖޭން ވެސް މި ވައިރަސް ހުރި 19 މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވާއިރު ހަތަރު ދިވެއްސަކަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ. ބަލި ހުރިކަން އެނގުމުގެ ކުރިން އިޓަލީގެ ދެ މީހަކު ވަނީ ރާއްޖޭން ބޭރަށް ފުރައިފަ އެވެ. ޜާއްޖޭން ދެން މި ބަލި ޖެހުނު އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.