ކޮވިޑް-19 އާ ގުޅިގެން އެކި ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 50 މިލިއަން ޑޮލަރާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 30 މިލިއަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރޭ ދަރުބާރުގޭގާއި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އައިއެފްސީގެ ލޯނެއް ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރެވޭ ކަމަށެވެ. އައިއެފްސީން ދޭ ލޯނަކީ ޕްރައިވެޓް ސެކްޓަރަށް އެހީވުމަށް ހޯދާ ފައިސާ ކަމަށް އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމުގައި އައިއެމްއެފަކީ މުހިއްމު ބައެއް ކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، ސަރުކާރުން އެ އިދާރާ މެދުވެރިކޮށް ރާއްޖޭގެ ސްޕެޝަލް ޑްރޯއިން ރައިޓްސް (އެސްޑީއާރް) އާ އެއްވަރު އަދަދެއް ނެގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން އެސްޑީއާރްގެ ދަށުން ނެގޭ އެންމެ ބޮޑު އަދަދު ކަމަށްވާ 30 މިލިއަން ޑޮލަރު ހޯދުމަށްޓަކައި އައިއެމްއެފާ އެކު ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

މުޅި ދުނިޔެ އާއި ރާއްޖެ ވެސް އިގްތިސާދީ ބޮޑު ކާރިސާއަކާ ދިމާއަށް ދާ އިރު މި ހާލަތުން އަރައުގަތުމަށްޓަކައި ބޭނުންވާ އެހީ ހޯދުމަށްޓަކައި ސަރުކާރުން ބޭރުގެ މާލީ ގިނަ އިދާރާތަކާއި އަންނަނީ މަޝްވަރާ ކުރަމުންނެވެ. މިގޮތުން ބައެއް އެހީތައް ޔަގީން ކުރުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކުރައްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައިއެމްއެފްގެ އާޓިކަލް 4 ކޮންސަލްޓޭޝަން ވެސް ކޮންމެ އަހަރަކު ރާއްޖެ އަށް އަންނާނެ. އައިސް ރާއްޖޭގެ އިގްތިސާދަށް އަންނަ ބަދަލުތައް ދިރާސާކޮށް ރިޕޯޓު ވެސް ނެރޭނެ. ދެން ދުނިޔޭގެ އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުން، މަލްޓި-ލޭޓްރަލް އޮގަނައިޒޭޝަން ވެސް އާންމުކޮށް ބަލާނީ އައިއެމްއެފް އިން މިބުނާ ބަސް،" އޭނާ ވިދާޅުވި އެވެ.

މާލީ އެހެން އިދާރާތަކުން އެހީ ހޯދުމުގައި ވެސް އައިއެމްއެފްގެ ރެކޮމެންޑޭޝަނަކީ މުހިއްމު އެއްޗެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ "ހާއްސަ ހާލަތު" އަކަށްވާ އިރު މިހާލަތުގައި އައިއެމްއެފްގައި ވާހަކަ ދައްކަނީ ހާއްސަ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ނޫން ކަމަށެވެ.

މި ހާލަތުން އަރައިގަތުމަށް ސަރުކާރަށް ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާ އިތުރަށް ހޯދަން ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން ބަޖެޓުގައި ކަނޑައަޅާފައިވާ 150 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު އަމީރު ވަނީ ދެއްވައިފަ އެވެ. އަދި މިހާރު ވެސް އޭގެ ތެރެއިން 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ސަރުކާރަށް ލިބިފައިވެ އެވެ.